ލާމު ޔޫތު ޑެވަލޮޕްމަންޓް (ލީޑް) 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމަށް ލ. އަތޮޅުގެ ކްލަބު ޖަމިއްޔާތަކުގެ އިތުރުން އޮފީސްތަކަށް، އެކަޑެމީތަކަށް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
ލީޑްގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ޓީމުތައް ބައިވެރިކުރުމަށް ހުޅުވާލާފައިވާ އިރު، މުބާރާތް ހުޅުވާލާފައިވަނީ މުޅި ލ. އަތޮޅަށެވެ. ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރުގެ ދެ ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތުދެއެވެ.
ލީޑުގެ ރައީސް މުހައްމަދު އަފްރާހް "ވަން"އަށް ވިދާޅުވީ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވޭނެހެން ފަށަން ގަސްދުކޮށްފައިވާ މުބާރާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މުބާރާތް އަންހެން ކުދިންނަށްވެސް ފުޅާކޮށް، އަހަރެއް އަހަރަކަށް ކުރިއަރަމުންދާނެކަމުގެ ޔަގީންކަން ވެސް އަފްރާހް ވަނީ ދެއްވައިފައެވެ.
"ކޮންމެ އަހަރަކުވެސް އިރާދަކުރެއްވިއްޔާ މުބާރާތް ބާއްވާނެ ލީޑުގެ ފަރާތުން. އެންމެ ބޮޑު ޓާގެޓަކީ ކޮލިޓީ ރަނގަޅުކޮށް މުޅި އަތޮޅު ތަމްސީލުވާނެހެން މުބާރާތް ކުރިއަށް ގެންދިޔުން. މިއަހަރު ފޮނަދޫގައި ބޭއްވި ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ލީޑުގެ މިފަދަ ހަރަކާތްތައް މުޅި އަތޮޅުގެ ހުރިހާ ރަށްތަކަށް ފުޅާކުރެވޭނެ،" އަފްރާހް ވިދާޅުވިއެވެ.
އަފްރާހް އިތުރަށް ވިދާޅުވީ ލީޑުގެ ހުރިހާ ހަރަކާތްތަކެއްވެސް އަމާޒުކުރެވޭނީ ލ. އަތޮޅުގެ ޒުވާނުން ބިނާކުރުމަށް ކަމަށާއި ލީޑަކީ ހަގު ޖަމިއްޔާއެއް ނަމަވެސް މިހާރުވެސް މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ކުޅިވަރުގެ މައިދާނަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ވިސްނަވާ ކަމަށްވެސް އަފްރާހް ފާހަގަކުރެއްވިއެވެ.
"ލީޑްގެ އެންމެ ބޮޑު އަމާޒަކީ ލ. އަތޮޅުގެ ކުރިމަގަށް، ކެރޭ، ހުނަރުވެރި، ގައުމީ ޖޯޝު ހިނގާ ޒުވާން ޖީލެއް ބިނާ ކުރުން. އެ މަސައްކަތަށް އެޅިގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ، ގައުމުގެ ކުރިމަގު ކަމަށްވާ ކުޑަކުދިން، ހަރުދަނާ ގޮތެއްގައި ބިނާ ކުރުން. މުޖުތަމައުގައި ބޭނުން ހިފޭނެ ޒުވާނުން ބިނާ ކުރުމަށް ކުޅިވަރަކީ އެންމެ މައިގަނޑު އަސާސް. ކުޅިވަރުގެ ތެރެއިން، ވިދާލާނެ ހުނަރުވެރިން އުފެއްދުމަކީ ލީޑުގެ އެއް އަމާޒު. އިރާދަކުރެއްވިއްޔާ ގައުމީ ލެވެލްގައި ލާމު އަތޮޅު ތަމްސީލުކުރާނެ ޒުވާނުން ބިނާ ކުރުމުގައި ލީޑު ކުރިއަށްދާނެ،" އަފްރާހް ފާހަގަކުރެއްވިއެވެ.
އޮންލައިން ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ކުރުމުގެ ޑެޑްލައިންއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކަންކަމަށް މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ލީޑުން ފާހަގަކޮށްފައިވެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.
އިތުރު މައުލޫމާތު: 7947373، 9984111
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ