މުހައްމަދު އަޖުފާންއަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާއިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ. އެހިސާބުން އަދި އަޖުފާންގެ އުންމީދު ބެޑްމިންޓަންގައި ހާސިލުވީއެއް ނޫނެވެ. ދެން އޮތީ އަޖުފާންގެ ތަޖުރިބާއިން ޒުވާން ޖީލެއް ބިނާކުރުމެވެ. އާޖީލަކަށް، އާ ހަރުފަތަކަށް ބެޑްމިންޓަން ގެންދިޔުމުގެ މަގުސަދުގައި ފަށާފައި ވަނީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑެމީއެވެ.

"ކުޑަކުދިންނަށް ބޮޑަށް މި ޓާގެޓް ކުރަނީ. 7 އަހަރާއި 15 އަހަރުގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންނަށްވެސް ތަމްރީނުތައް ދެވޭނެ. މިއީ ވަރަށް ބޮޑަށް ޔޫތު ޑިވަލޮޕްމަންޓަށް ފޯކަސް ކޮށްގެން ފެށި ކަމެއް. އަސްލު ހަގީގީ ބޭނުމަކީ މައިންޑްސެޓް އިންޓަނޭޝަނަލް ލެވެލްއަށް ގެންދިޔުން. ކުއްޖާ ކުޑައިރުންސުރެ ވިސްނަން އެ ލެވެލްއަށް ދާން ވިސްނައިދިނުމުގައި މައިގަނޑު ތަމްރީނުތައް ދެވޭނީ. އެ ލެވެލްގައި އެކަޑެމީގައި ބައިވެރިވެގެން، އިންޓަނޭޝަނަލް ޕްލެޓްފޯމަށް ދާން ސިކުނޑި ތަރައްގީ ކުރުވުން އެއީ ޓާާގެޓަކީ،" އެކަޑެމީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަޖުފާން "ވަން"އަށް ބުންޏެވެ.

އަޖުފާންގެ އެކަޑެމީގައި ކުޑަކުދިންގެ އިތުރުން ވެޓަރަންސް ކުޅުންތެރިންނާ އެކިއެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންނަށްވެސް ތަމްރީނުތައް ދެވޭނެއެވެ. އަޖުފާން ބުނީ، އިންޑިވިޖުއަލް ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވެގެން ކްލަބުތަކުގެ ނަމުގައި ދިޔުން މަދުކަމަށާއި، އެކަޑެމީން ބޮޑެތި މީހުންނަށް ފުރުސަތު ހޯދައިދޭނީ އެފަދަ ޕްލެޓްފޯމްތަކަށް ތައްޔާރުވުމަށް ކަމަށެވެ.

"އެކަޑެމީގެ ދަށުން ކްލަބެއްވެސް އަންނާނެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށްގެން، އެކްސްޕޯޝާ ތަފާތުކޮށްލަން ބޭނުންވަނީ. މައިންޑްސެޓް ބަދަލުކޮށްލަން. އިންޓަނޭޝަނަލް ލެވެލްއަށް ދާން ކުދިންނާއި ބޮޑެތި މީހުންނަށްވެސް ޕުޝްއެއް މިދެނީ. ހަމަ އޯޕަން ކޮށް އެކަޑެމީގެ ޓްރައިލްސް އޮންނާނެ. ޓެކްނިކަލް، ނެޗުރަލް އެބިލިޓީސް ބަލާފައި ސްޕެސިފިކް ވާނެ ތަމްރީނުތައް. ޖެނެރަލް، ސްޕެސިފިކް އޮންނާނެ. ހައި ޕާފޮރމަންސް ތަމްރީނުތައް އޮންނާނެ. އަހަންނަކީ މިހުރިހާ ކަމެއް ގޯތުރޫ ކޮށްފައި ހުރި އެތުލީޓެއް. އެހެންވީމަ އެކްސްޕީރިއަންސާއެކު ވަރަށް ބޮޑަށް ކުދިންނަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް ކުރިއަށް ގެންދާނީ. އަބަދުވެސް ފޯކަސް ކުރެވޭ ވަރަށް ފަސް ކުދިން ވަރު ސެޝަނެއްގައި ތިބޭނީ،" އަޖުފާން ބުންޏެވެ.

ބެޑްމިންޓަންއަކީ އަޖުފާންގެ އާއިލީ ހާއްސަ ކަމަކަށްވެސް ވާއިރު، އޭނާއާ އެކު އެކަޑެމީގައި ދެން ކުދިން ތަމްރީނުކޮށްދޭނީ ގައުމީ ލެވެލްގައި ކާމިޔާބީތަކެއް ހޯދާފައިވާ އޭނާގެ ކޮއްކޮ އައިޝަތު އަފުނާން ރަޝީދެވެ.

"ކުއެންޓިޓީ އަށްވުރެ ބޮޑަށް ކޮލިޓީއެއް ބޭނުންވަނީ. އިންޑިވިޖުއަލް ވީމާ އެގޮތަށް ޓެކްނިކަލް ވަރަށް ބޮޑަށް އެބަ އާދޭ. މިވަގުތު އަޅުގަނޑާއި އަފްނާން ކޯޗަކަށް އުޅޭނީ. އަފްނާންއަކީ ގައުމީ ލެވެލްގައި ތަޖުރިބާ ބޮޑު، ބޭރުގައި ޓްރެއިނިންތައް ވެސް ހަދާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް. ކުދިން އިތުރުވާ ވަރަކަށް އިންޑިއާ ކަހަލަ ގައުމުތަކުން ކޯޗުން ސެލެކްޓް ކުރަން ވިސްނަން. އެކަމަކު ކުދިންނަށް ލޯކަލް ކޯޗުންނަށް ޓާގެޓް ކުރަނީ. އެއީ އޭރުން ބޮޑަށް ގުޅޭނީ. ބޭރު މީހުން އައިސް އައިސް ޔޫތު ޕްރޮޑަކްޓިވިޓީ މިހާރުވެސް ވަރަށް ދަށް،" އަޖުފާން ބުންޏެވެ.

އަޖުފާން ފާހަގަކޮށްފައިވާ ގޮތުގައި ކާމިޔާބީއާ ހަމައަށް ދިޔުމަށް ކުއްޖާގެ ބޭސް، އިނީޝިއަލް ފައުންޑޭޝަންގައި ވެސް ބައިނަލްއަގުވާމީ ލެވެލްއަށް ސިކުނޑި ތަމްރީނުކުރަން މުހިއްމެވެ. އޭގެ މިސާލެއްގެ ގޮތުން ޓީޓީ ޗެމްޕިއަން އައިޝަތު ދީމާ ފަދަ ޒުވާން ކުޅުންތެރިންނަށް ލަންކާ ފަދަ ގައުމުތަކުން ގެނެސްދީފައިވާ ވިސްނުން އަޖުފާން ފާހަގަކުރިއެވެ.

އަޖުފާންގެ އެކަޑެމީއަކީ ޓީމެއްގެ މަސައްކަތެވެ. އޭނާގެ ޝުކުރުގެ ލިސްޓް ވަރަށްވެސް ދިގެވެ. ބެޑްމިންޓަން އާއިލާގެ އިތުރުން އަމިއްލަ އާއިލާ، އާންމުން ދޭ ތަރުހީބުގެ އިތުރުން، ޔޫތު މިނިސްޓްރީއާއި އެހެނިހެން ހުރިހާ ފަރާތްތަކެއްގެ ގާތް ގުޅުން އަޖުފާން ފާހަގަކުރިއެވެ. އޭގެ އިތުުރުން ސްޕޮންސަރުންނަށްވެސް އަޖުފާން ޝުކުރު އަދާކުރިއެވެ.

"ގައުމީ ކުޅިވަރުގެ ފިއުޗާ އެބަ އޮތް. މިސްރާބުވެސް މިހާރު ހުރީ ރަނގަޅަށް. އަހަންނަށް ގައުމީ ތަށި ނެގުނީ 15 އަހަރުގައި. ބޭނުންވަނީ 15 އަހަރުގައި އިންޓަނޭޝަނަލް ލެވެލްގައި ކޮންމެ ކުއްޖަކުވެސް މެޑަލް ނަގާތަން ދެކެން. އެ މައިންޑްސެޓަށް ގެންދިޔުން އެއީ ދެކޭ އެންމެ ބޮޮޑު ހުވަފެނަކީ،" ގައުމީ ޗެމްޕިއަން އަޖުފާން ބުންޏެވެ.