ރާއްޖެއިން އެފްރިކާގެ ބައެއް ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި ސަފީރުން ވަނީ ކޮވިޑް 19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާއި އެފްރިކާގެ ގައުމުތަކާއި އޮންނަ ހާއްސަ ގުޅުމުގެ މައްޗަށް މިނިސްޓަރު ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކާ ރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.