މޫދަށް ކުނި އެޅީ ކުނިވާ ޒާތުގެ ކުނި އަޅާނެ އިތުރު ތަނެއް ރަށުގައި ނެތުމުން ކަމަށް ތުލުސްދޫ ކައުންސިލުން ބުނެފިއެވެ.

ތުލުސްދޫ ކައުންސިލުން މޫދަށް ކުނި އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިފަހުން މީސް މީޑިއާގައި ވައިރަލް ވެ، ތުލުސްދޫ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވެއެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލުން ކުނި އަޅަމުން އަންނަނީ ރަށުގެ އުތުރުފަރާތު މޫދުގައި އޮންނަ ކޮށްޓަކަށް ކަމަށެވެ. ދާ ޖަހައިގެން ހަދާފައިވާ އެ ކޮށްޓަށް ކުނި އެޅޭނީ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ފާލަމުން ގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވީގޮތަކީ މިފަހުން ކުރި ވިއްސާރައެއްގައި ފާލަމުގެ ބޮޑު ބައެއް މި ހަލާކުވީ. އެހެންކަމުން ސީދާ ކޮށްޓަށް ކުނި އެޅޭނެ ގޮތެއް މިހާރަކު ނެތް. އެހެންވެ، ފާލަމުން ގޮސް ކަނޑާ ދިމާ މޫދަށް ކުނި މި އަޅަނީީ. މިގޮތަށް އަޅާއިރުވެސް ހަމައެކަނި މި އަޅަނީ ބަނދިގޭން އުކާލާ ކުނިވާ ޒާތުގެ ކުނި." އަނީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނީސް ވިދާޅުވީ، ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯ ވައިރަލް ވުމުން މިއަދުގެ ވަގުތެއްގައި އެރަށުގެ މަގުތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ނަގާފައިވާ ކަމަށެވެ. އެކަން ކުރީ ކައުންސިލްގެ މުވައްޒަފުން އިތުރަށް ބަދުނާމުވާން ނޭދޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ، މޫދަށް ކުނި އަޅާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން ދެ ފަހަރެއްގެ މަތިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މުހިންމީ ރައްޔިތުންގެ އާންމު ސިއްހަތާއި ރަށުގެ ސާފުތާހިރުކަން ކަމަށާއި، އެހެންވެ އީޕީއޭއިން ކުނި ނޭޅުމަށް އެންގި ފަހުން ވެސް މޫދުގައިވާ ކޮށްޓަށް ކުނި އަޅަމުން ގޮސްފައިވާ ކަމަށް އަނީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނީސް ވިދާޅުވީ، ކުނި މެނޭޖުކުރުމަށް ގާނޫނުތައް ހެދިފައި ހުއްޓަސް އެ ގާނޫނުތައް ތަންފީޒު ކުރެވޭނެ ގޮތްތަކެއް ރަށްރަށުގައި ނެތް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް ނެތް ކަމަށް ވިދާޅުވިއެެވެ.

ތުލުސްދޫގައި ކުނި ކޮށްޓެއް އޮތަސް އެކޮށި އޮތީ ވަަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެހެންކަމުން ކުނި މެނޭޖުކުރެވޭނެ ގޮތެއް އެރަށުގައި ހަދައިދިނުމަށް އެދި ސަރުކާރަށް ދަންނަވާފައި ވާނެ ކަމަށްވެސް އަނީސް ވިދާޅުވިއެވެ.

ތުލުސްދޫއަކީ ރަށު ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެކެވެ.