ކުޅިވަރު

މެދުކެނޑުމަކަށްފަހު ބޮކުރީ އަނެއްކާވެސް ފުރަތަމަ ޑިވިޝަނަށް

ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެއްގައި ހުނަރުވެރި މޮޅު ކުޅުމެއް ދެއްކި ވިންގާ، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ކްލަބް ވެލެންސިއާއާ ގުޅި އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ތައްޔާރުވެއްޖެއެވެ.

ބޮކުރީގެ ކެރިއަރުގެ ޕީކުގައި އޭނާއަކީ ގައުމީ ޓީމުގެ ފުރަތަމަ 11 އިންވެސް ބަރާބަރަށް ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން 2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ފަހު، ބޮކުރީ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުއްޓާލައި ބަދަލުވީ އުފަން ރަށް، އދ. މަހިބަދޫއަށެވެ.

ރަށުގެ ފެނަކައިގައި ވަޒީފާ އަދާކުރަމުން ދިޔަ ބޮކުރީ 2018 ވަނަ އަހަރު ފެނުނީ، ދެވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. ވެލެންސިއާއިން އަނބުރާ ފުރަތަމަ ޑިވިޝަނަށް އައުމަށް މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަން ކާމިޔާބު ކުރިއިރު، އެޓީމުގައިވެސް ބޮކުރީ އަކީ މުހިއްމު ކުޅުންތެރިއެކެވެ.

ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބޮކުރީ މިހާރު ބައިވެރިވަމުން އަންނައިރު، އޭނާގެ ހުނަރު ފުރަތަމަ ޑިވިޝަނަށް ވިދާލީ ވިކްޓަރީންނެވެ. އޭގެފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުމަށްފަހު، 2013 ވަނަ އަހަރު ބޮކުރީ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ވެލީޒާ ޕޮޕޯފްގެ ކޯޗުކަމުގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ ނިއުގެ ޓީމުގައި ބޮކުރީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

އޭގެ ފަހުން އަމިއްލަ ރަށް ފުރަތަމަ ޑިވިޝަންގައި ކުޅުނުއިރު، އެޓީމުގެ ކެޕްޓަން ބޭންޑްގައި ބޮކުރީ ރަށު ޓީމަށް ކުޅެ، އެފަހަރުވެސް ރަނގަޅު ކުޅުމެއް ދައްކާފައި ވެއެވެ. ބޮކުރީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެދިން މެޗަކީ 2017 ވަނަ އަހަރުގެ މާޗް މަހު އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭނާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.