ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގައި، ދައުލަތުގެ ބައެއް ވަޒީރުން ބޮޑު އަގުގައި ޑޮލަރު ވިއްކަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި، އެ ފަދަ ވަޒީރުން ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮނޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑަށް އާމްދަނީ ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ އިންކަމް ޓެކްސްއިން ކަމަށެވެ. ނަމަވެސް އިންކަމްޓެކްސްއަށް ބަލާއިރު ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވަމުން ދިއުމަކީ އެކަމަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ބޮނޑޭ ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އުފެދި، 19 ރުރިޔާއަށް ޑޮލަރުގެ އަގު އަރާފައިވާއިރު، ޑޮލަރުގެ ކަޅު ބާޒާރުގައި ދައުލަތުގެ ވަޒީރުން ޑޮލަރު ވިއްކާ ކަމަށެވެ. ދައުލަތުގެ ކުންފުނިތަކުން ކަޅު ބާޒާރަށް ޑޮލަރު ނެރޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮނޑޭ ވިދާޅުވީ، މަނިޓަރީ ގަވާއިދު ބުނާގޮތުން އެމްއެމްއޭއިން ކަނޑައަޅާ އަގު ނޫން އަގެއްގައި ޑޮލަރު ގަނެ ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އެކަމަށް ފިޔަވަޅު އަޅަން ޖެހޭކަމަށް އެ ގަވާއިދުުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ހޯމް މިނިސްޓަރާއި ފުލުހުން ނުކުމެ، އެފަދަ މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީން ހައްޔަރު ކުރުމަށް ބޮނޑޭ ވަނީ ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގަން ތިބެގެން އެގޮތަށް ޑޮލަރު ނުވިއްކޭނެ ކަމަށެވެ.