އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް ވާޗުއަލްކޮށް ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މީގެ ކުރިން ކޮންމެ އަހަރަކު ބާއްވަމުން އައި ގައުމީ މުބާރާތާ ހިލާފަށް މިއަހަރު ވާޗުއަލްކޮށް ބާއްވާ މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ހާއްސަ މުބާރާތެއްގެ ގޮތުގައެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ގުރުއާން ކިޔެވުމާއި އެ އިލްމު އުނގަންނައި ދިނުމަކީ މަތިވެރި އަޅުކަމެއް ކަމަށެވެ. އަދި ކޮވިޑް 19ގެ މި ހާލަތުގައި މި ފަދަ މުބާރާތެއް ބޭއްވުމަކީ ސަރުކާރުގެ ފަރާތުން ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްސައި ގުރުއާނަށް ކުދިން އަހުލުުވެރި ކުރުމަށް އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މުބާރާތަކީ އަށް އުމުރުފުރާއަަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ކެޓަގަރީއަކަށް ވާދަ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) މި ދެ ކެޓަގަރީއެވެ.
ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު 12:00 އިން ފެށިގެން މިމަހު 28 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް އޮންނާނީ އޮޑިޝަން ބުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ފައިނަލް ބުރު ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހު 13 ވަނަ ދުވަހުގެ 8:00 އިން ޑިސެމްބަރު 17ގެ 14:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި މުބާރާތާއި ގުޅޭ އިތުރު ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި މުބާރާތުގައި ރަޖިސްޓްރީ ވުމާއި ވީޑިއޯ އަޕްލޯޑު ކުރުން ކުރިއަށް ދާނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލްގެ ލިންކަކީ [https://portal.nchq.gov.mv](null) އެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ