(ސަޔާޅީސްވަނަ ބައި)

"އެހެންވީމަ އޭނަ އެކަން އެކަކަށްވެސް ނާންގަނީތާ....." ޒިހާން ވިސްނުމެއްގައި ހުރެ އަމިއްލަ އަމިއްލައަށް ބުނެލިއެވެ. ޔުނާ ވާނުވާއެއް ނޭނގުނެއްކަމަކު ސުވާލެއް ނުކުރިއެވެ. ޒިހާން ޙިއްސާކުރަން ބޭނުންނުވާ ވާހަކައެއް ދެނެގަންނަން ބޭނުމެއް ނުވުމުންނެވެ. އެހެނަސް ޔުނާ އެއްޗެކޭ ނުބުނެ ހުއްޓާ ޒިހާން ޔުނާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"އަހަންނަށް ހީވަނީ އަހަންނަށް އެނގޭހެން ޖިނާހުގެ ރުޅިވެރިކަން ފިނިވާނެ ގޮތެއް..... އަދި ޔަޒްދާންބެގެ މަރުގެ ފަހަތުގައި ވާނީ ކާކުކަން ވެސް އަހަންނަށް މިހާރު އެނގޭހެން ހީވަނީ...." ޒިހާން ބުނި ވާހަކައާއެކު ޔުނާގެ ދެލޯ ބޮޑުވިއެވެ.

"ކާކު؟!" ޔުނާއަށް ވައިއަޑުން އަހައިލެވުނެވެ. ޔުނާ އެ ސުވާލުކޮށްލި ގޮތުން ޒިހާނަށް ޔުނާއާއި ދިމާލަށް ބަލައިލެވުނެވެ. އެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔަ ގޮތުން ދެންމެ އޭނައަށް ހީވާ ހީވުމެއް ޔަޤީން ނުވަނީސް ދުލާއި ހަމައަށް ގެނެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޒިހާނަށް ފުން ނޭވައެއް ދޫކޮށްލަމުން ޔުނާއާއި ދިމާލަށް ފިޔަވަޅެއް އަޅާލަމުން އެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އަދި ޔަޤީނެއްނޫން ޔުނޫ.... ވަކި މީހެއްގެ ނަން ބުނަން އަހަންނަށް އެނގޭނީ ޑިއުޓީއަށް އަނބުރާ ގޮއްސަ އިތުރު ހޯދުންތަކެއް ހޯދީމަ. މިފަހަރު އަހަންނާއެކީ މާލެއަށް ގޮސް ހޮޓެލަށް ދެވުނުހާ އަވަހަކަށް އަހަރެން މި ބުނާ ގޮތަށް ކަންތައް ކޮށްދެއްޗޭ...." ޒިހާން އެދުނެވެ.

"ކޮން ގޮތަކަށް؟" ޔުނާއަށް އަހައިލެވުނެވެ. އެއާއިއެކު ޒިހާން ހަދަންވީ ގޮތް ޔުނާއަށް ކިޔައިދޭން ފެށިއެވެ. ކިޔައި ދިންދިންހެން ޔުނާގެ މޫނުމައްޗަށް އެކި ކުލަވަރުތައް އަރާ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ޒިހާން އެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލަމުން އެންމެ ރަނގަޅުތޯ އެހުމުން ޔުނާ ބޯޖަހައިލީ ސާބިތުކަމާއި އެކީގައެވެ. ޒިހާންގެ އެ ރޭވުމުގެ ފަހަތުގައިވާ ސަބަބު ސާފެއް ނުވިއެއްކަމަކު އެކަން ކުރަން ޝައުޤުވެރިވިއެވެ. އެ ރޭވުމުގެ ތެރޭގައި ޚުދު ޔުނާ ވެސް އެމީހަކާއިމެދު ޝައްކު އުފެދޭ މީހެއްގެ ޙަޤީޤަތް ހޯދުން ހިމެނޭތީވެއެވެ.

ޔުނާ ވިސްނުމެއްގައި ވަނިކޮށް ޒިހާން އަނެއްކާވެސް އޭނައަށް ފަސްދީފައި ދާން ފެށުމުން ޔުނާއަށް ޒިހާންގެ ނަމުން ގޮވާލެވުނީ ކަމެއް ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. ޒިހާން ފަސްއެނބުރި އޭނައަށް ބަލައިލުމާއެކު ޔުނާއަށް ވާހަކަ ދެކެވުނެވެ.

"ލޫލޫއަކީ....ޖް...ޖިނާހުގެ ކޮއްކޮތަ؟" ޔުނާއަށް ޖެހިލުންވުމަކާއެކީ އަހައިލެވުނެވެ. އެހިނދު ޒިހާން ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހައިލިއެވެ.

"ހުމް.... އަހަންނަށް ޔަޤީން މިވީ މިއަދު. ޖިނާހު އެ ބުނާ ސިޔާސީ ދާއިރާގަ އުޅޭ މަންމައަކީ އެމީހުންގެ ދޮންމަންމަ. އެމީހުންގެ މަންމަވަނީ މީގެ 3 އަހަރު ކުރިން ކަނޑުމަތީގަ ދިމާވި ހާދިސާއެއްގަ ނިޔާވެފަ. އެދުވަހުއްސުރެ ލޫލޫ އުޅެމުންދަނީ އަހަރުމެންނާއެކީ. ޔަޒްދާންބެއާއި އަހަރެން ވަރަށް މަސައްކަތް ކުރިން ލޫލޫގެ ޢާއިލާއާ ހަމައަށް ލޫލޫ ގެންދެވޭތޯ. އެކަމަކު ލޫލޫގެ ބައްޕައާއި އެ ބައްޕަގެ އަންހެނުން ބޭނުމެއްނުވި ލޫލޫ ގެއަށް ގެންދާކަށް. ސިފައިންގެ މަތީ މީހުންނަށް އަންގައިގެން އަހަރުމެންނަށް ވެސް އަންގާފަ އޮތީ ލޫލޫ ދުނިޔޭގަ ހުރިކަން އެއްވެސް މީހަކަށް ނާންގަން. އެ އަމުރު އައީ ލޫލޫގެ ބައްޕަގެ ސަބަބުން ކަން އެނގުނު ފަހުން ޔަޒްދާންބެ ލޫލޫ އެގެއަށް ވެސް ގެންދިޔަ. އެގެއަށް ދިޔަފަހުން ލޫލޫއަށް އިއްވާލެވުނު ވާހަކަތަކުން ލޫލޫ ބޭނުމެއްނުވި ބޭބެ ކައިރިއަށް ދާކަށް. އެ ވާހަކަތައް އިވިފަ އަހަރެން ވެސް މި ހުރިހާ ދުވަހު ހީކޮށްގެން ހުރީ ލޫލޫގެ ބޭބެއަށް ލޫލޫއަށް ހެޔޮ ނޭދެނެކަމަށް. އެކަމަކު ޖިނާހާއި މިފަހުން ވާހަކަ ދެކެވުނު ދުވަހަކު އޭނަ އަމިއްލައަށް އެދުވަހުގެ ވާހަކަ ގެނައިގޮތުން މިހާރު ހީވޭ އެއީ ކުށްހީއެއްހެން...." ޒިހާން އެހެން ބުނެލީ އޭނައާއި ޖިނާހު އެމްސްޓާޑަމްގެ ކެފޭއެއްގެ ތެރެއިން ދިމާވި ދުވަސްމަތިން ހަނދާން ކުރަމުންނެވެ. އެދުވަހު ޖިނާހު އަމިއްލައަށް އޭގެ 3 އަހަރު ކުރިން ހިންގުނު އޮޕަރޭޝަންގެ ވާހަކަ ފެންމަތިކޮށް އެ އަންހެން މީހާއާއި އަންހެން ކުއްޖާއާއި މެދު ސުވާލު ކޮށްފައިވާ ގޮތުންނެވެ. އަދި އަމުދުން އެރޭ ޒިހާން ލޫލޫގެ ކައިރީގައި ހުރިކަން ޖިނާހަށް އެނގޭނީ އެރެއާއި ގުޅޭ އިތުރު ހޯދުންތަކެއް ހޯދާފައިވާތީވެކަން ވެސް އެވަގުތު އެނގުންވިއެވެ.

"އެހެންވީމަ ޖިނާހު ބޭނުންވާނެތަ ލޫލޫއާ ބައްދަލުކުރަން؟" ޔުނާ ސުވާލުކުރިއެވެ.

"ބޮޑަށް ހީވަނީ އެހެން. އެކަމަކު ހިއެއްނުވޭ ލޫލޫ ޖިނާހާއި ބައްދަލުކުރަން ބޭނުންވާނެހެން. ޔުނޫ މާދަމާ ލޫލޫއާ ކުޑަކޮށް ވާހަކަ ދައްކާލަންވީއެއްނު؟ ލޫލޫގެ ބޭބެއާއިމެދު ހުރީ ކޮން ނަޒަރިއްޔާތެއްތޯ ބަލައިލަން. އަދި ލޫލޫގެ ބޭބެ އަދިވެސް ލޫލޫދެކެ ލޯބިވެދާނެކަމަށް ވިސްނައިދެވޭތޯ ބަލާ. އަދި.... ވެވުނިއްޔާ އަހަރުމެންނާއެކީ ލޫލޫވެސް މާލެއަށް އަންނަން އެއްބަސްވޭތޯވެސް މަސައްކަތް ކޮށްދީ...." ޒިހާން އެދުނެވެ. ޔުނާ ޒިހާންގެ އެ އެދުމަށްވެސް ބޯޖަހައިލަމުން އެންމެ ރަނގަޅުކަމަށް ބުންޏެވެ.

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ހޭލުމަށްފަހު ޔުނާ ލޫލޫގެ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކިދިނީ ވަކި މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ޔުނާ ދައްތިއާއެކީ ނަމާދުކުރާނަންތޯ އެހިތާ އިރުކޮޅެއްފަހުން ލޫލޫ އައިސް ދޮރު ހުޅުވިއެވެ. އެއާއެކު ޔުނާ ހިނިތުންވުމަކާއެކީ އެ ކޮޓަރިއަށް ވަދެގެން ގޮސް ލޫލޫއާއެކީ ނަމާދުކުރިއެވެ. ނަމާދަށްފަހު ވެސް ޔުނާ ވަކި ރޭ ކަންތައް ހިނގި ގޮތާއިމެދު ލޫލޫއާއި ސުވާލެއް ނުކުރިއެވެ. އެންމެ ފުރަތަމަ ކަމަކަށް ލޫލޫއާއި ގުޅުން ބަދަހިކުރަން ބޭނުންވުމުންނެވެ.

މިގޮތުން ފަތިސް ނަމާދަށްފަހު ވެސް ޔުނާ ލޫލޫއާއެކީ ވަގުތުކޮޅެއް ހޭދަކުރިއެވެ. ލޫލޫއާއެކީ ގޭގެ ބިއްދޮށުގައި އިންދާފައި ހުރި ގަސްތަކަށް ފެން ދިނުމުގައި ޔުނާ ބައިވެރިވީ އެކިއެކި ވާހަކަތައް ދައްކަމުންނެވެ. އޭނަ ކުރަމުން ދިޔަ ބައެއް ސަމާސާތަކަށް ލޫލޫ ކުޑަކޮށް ނަމަވެސް ހެމުން ދިޔަ ގޮތުން ޔުނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ހިނިތުންވުންތައް ލޫލޫގެ ދުޅަވެފައިވި ލޮލާއި ހަމައަށް ނުފޯރިއެއްކަމަކު ލޫލޫ އެކުރަމުން ދިޔަ ހިތްވަރަށް ޔުނާއަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އަދި އަމުދުން ލޫލޫއަށް ބަލަމުން ދިޔަދިޔަހެން ޔުނާއަށް ލޫލޫ ފުރަތަމަ ފެނުނު ދުވަސްމަތިން ހަނދާންވިއެވެ. ލޫލޫގެ ހަމުގެ ކުލަ ޒިހާންމެންގެ ހަމުގެ ކުލައާއި ތަފާތުވުމުން އެކަން އޭނަގެ ހިތަށް އެރި ގޮތެވެ. އޭގެ ފަހަތުގައިވާ ސަބަބަކީ ކޮބައިކަން މިއަދު ޔުނާއަށް އެނގެއެވެ. އަދި އަމުދުން އެ ސަބަބާއިމެދު ވިސްނިވިސްނިހެން ލޫލޫ ޖިނާހާއި ވައްތަރުކަން ވެސް އެނގުންވިއެވެ. އެ ދިގު މޫނާއި ލޯމަތިން މުޅިންވެސް ވައްތަރީ ޖިނާހާއި އެވެ. ލޫލޫ ފެނިފައި ޖިނާހު މަތިން ހަނދާންވަމުން ދިޔަ ކޮންމެ ފަހަރަކު ޔުނާއަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނަގެ ހިތް މޭތެރޭގައި އޮވެ ގެނބެމުންދާ ކަހަލަ އިޙްސާސެކެވެ. ޖިނާހު އޭނައަށް ދިން ކެހިވެރިކަމުގެ ވޭން އެ ހިތުން ފިލާފައިވިޔަސް އަދިވެސް އެ ޒަޚަމްތަކުގެ އަސަރު އެ ހިތުން މުޅިން ނުފިލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހިނދުކޮޅަކަށް ނަމަވެސް ލޫލޫއާއި ވެސް ދުރަށްދާން ޔުނާގެ ހިތަށް އެރިއެވެ. ޖިނާހު އޭނައާއިމެދު ކަންތައް ކޮށްފައިވާ ގޮތުން ޖިނާހާއި ގުޅުން ހުރި މީހަކަށް ވެސް އެހީވާން އޭނަގެ ހިތް ދެކޮޅު ހެދިއެވެ.

އެހެނަސް ޔުނާ އެ އިޙްސާސްތަކުގެ މައްޗަށް ބާރު ހޯދިއެވެ. އޭނަ މިކަން ކުރަނީ ވަކި ޖިނާހަށްޓަކައި ނޫންކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ. އޭނަ ލޫލޫއަށް އެހީވަނީ އޭނަދެކެ ނުހަނު ލޯބިވާ ޒިހާންގެ އެދުމުގެ މަތިންނެވެ. އަދި އަމުދުން ޒިހާން އޭނައަށް ދިން ނަޞޭޙަތެއްގެ މަތިން ވެސް ހަނދާންކުރަމުންނެވެ. އެހެން މީހުންނާއިމެދު އޯގާތެރިކަމާއި ލޯތްބާއެކީ ކަންތައް ކޮށްދޭނަމަ ﷲ ގެ ލޯބިފުޅުވެސް ލިބުން ގާތް ކަމަށް ބުނި ބުނުމެވެ.

ޔުނާ އޭނައާއެކީ ލޫލޫއަށް ވެސް ސައި ހަދައިގެން ގޮސް ލޫލޫއާއެކީ ކާމޭޒުދޮށުގައި އިށީނީ މި ކަންތައްތަކާއިމެދު ވިސްނަމުންނެވެ. ދެމީހުން އެކީގައި ތިއްބާ ޒިހާން ފަތިސް ނަމާދުން ގެއަށް އައެއްކަމަކު ޔުނާ ދިން ޢިޝާރާތަކާއެކީ ޒިހާން އެދެމީހުން އެކަނިވުމަށް ދޫކުރިއެވެ. ޒިހާން ވެސް އެހެން ދިޔަ މަގުމަތީގައި ލޫލޫއާއި ކޮށްލި ސަމާސާއަކާއެކީ ލޫލޫ ހީލުމާއެކު އެ މޫނުމަތި އިހުނަށްވުރެ އުޖާލާވެގެން ދިޔައެވެ. ޔުނާ އެ ފުރުޞަތުގެ ބޭނުން ހިފައި ޒިހާން ލޯ މައްޗަށް ގެއްލި ލޫލޫ ހަމައަކަށް އެޅުމުން ވާހަކަ ދެއްކިއެވެ.

"ލޫލޫ..... ސުވާލެއް ކޮށްލަންތަ ދައްތި؟" ޔުނާ އަހައިލިއެވެ.

"ހުމް..." ލޫލޫ ވަކި އުދަގުލެއްނެތި ސައިތަށިން ކޯވަރެއް ބޮމުން ބުންޏެވެ.

"ރޭގަ..... ކިހިނެއް އަސްލު ލޫލޫއަށް އެވީ؟ ދައްތި ކަންބޮޑުވާތީ މި އަހަނީ...." ޔުނާ ބުނެލިއެވެ. ޔުނާ ހީކޮށްގެން ހުރި ފަދައިން އޭނަ އެ ސުވާލު ކުރުމާއެކު ލޫލޫގެ ޙަރަކާތްތައް ލަސްވެ އެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ލޫލޫ ލަސްލަހުން ސައިތަށި މޭޒުމަތީގައި ބަހައްޓައި ހިމޭނުން އިންގޮތުން ޖަވާބެއް ނުލިބޭނެކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ ލޫލޫ ވާހަކަ ދެއްކިއެވެ.

"އެއީ ލޫލޫގެ ބޭބެ....." ލޫލޫ މަޑުމައިތިރި އަޑަކުން ބުންޏެވެ. ޔުނާ ފަރުވާތެރިކަމާއެކީ ލޫލޫއަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

"އަސްލުވެސްތަ؟ ދައްތި ހީކުރީ ލޫލޫގެ ތިއްތިބެ އެކަނި ކަމަށް ލޫލޫގެ ބޭބެއަށް ހުންނަނީ." ޔުނާ ނޭނގޭ ކަމަށް ހަދަމުން ބުންޏެވެ. ލޫލޫއަށް ވާގޮތް ބެލުމަށެވެ.

"އާނ..... ތިއްތިބެއަކީ އަސްލު ލޫލޫގެ ބޭބެ. ބޭބެއިންނަކީ އެމީހުންގެ މަންމަމެންނާއި ކޮއްކޮމެން ރައްކާތެރިކޮށްދޭން ތިބޭ ބައެއް ނޫންތަ؟ ތިއްތިބެ އަހަންނަށްޓަކައި އެކަން ކޮށްދިނީ. އަހަރެންގެ ބޭބެއާއި ބައްޕަވެސް އަހަރެން އެކަނި ދޫކޮށްލީ ދުވަހު ތިއްތިބެ އަހަރެން އަމިއްލަ ކޮއްކޮއެއްގެ ގޮތުގަ ދެކިގެން އަހަރެން ބެލެހެއްޓީ!" ލޫލޫ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވޭ އަޑަކުން ވާހަކަ ދެއްކިއެވެ. ލޫލޫއަށް ގިސްލެވެން ފެށުމުން ޔުނާ ވަކި އެއްޗެކޭ ނުބުނެ މަޑުކޮށްލީ ލޫލޫ އިތުރަށް ވާހަކަ ދައްކާނެ ކަމަށް ހީކުރެވުމުންނެވެ. އެ ދައްކާ ވާހަކަތަކުގެ ތެރެއިން ޔުނާ ލޫލޫގެ މާޒީ އިހުނަށްވުރެ ރަނގަޅަށް ދެނެގަންނަން ބޭނުންވިއެވެ. އެހެނަސް.....

"ބޭނުމެއްވެސް ނޫން އޭނަ މަތިން ހަނދާންކުރާކަށް..... ދުވަހެއްގެ ކޮޅުން ވެސް އެކަހަލަ މީހަކު ދެކޭކަށް ވެސް ބޭނުމެއްނޫން!!" ލޫލޫ އެ ވާހަކަ އަންގަމުން ސައިތަށި ވެސް ހުސް ނުކޮށް ގޮނޑިން ތެދުވިއެވެ. އެއަށްފަހު ޔުނާއަށް ފަސްދީފައި އެތަނުން ދާން ހިނގައިގަތީ ކަރުނަތައް ފޮހެމުންނެވެ. ޔުނާ ބަލަބަލާ ހުއްޓާ ލޫލޫ ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ހަމަ އެހިނދު ޒިހާން އެމީހުންގެ ކޮޓަރީގެ ދޮރު ހުޅުވަމުން ނިކުތްތަން ޔުނާއަށް ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ދެމީހުންނަށް ވެސް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

ލޫލޫގެ އެ ޙަރަކާތުން އެންމެ ދުވަހަކުން ލޫލޫގެ ނަޒަރިއްޔާތު ބަދަލު ނުކުރެވޭނެކަން ދަނެގެން އެންމެ ފަހުން ޔުނާއާއި ޒިހާން ލޫލޫއާއި އެ ވާހަކަ ނުދައްކަން ނިންމިއެވެ. އަދި އޭގެ ބަދަލުގައި ލޫލޫ މަސަލަސް ކުރުމަށް ޔުނާ ވަކިން ލޫލޫ ކައިރިއަށް ގޮސް މަޢާފަށް އެދުނެވެ. އަދި ލޫލޫ ދައްކަން ބޭނުންނުވާ ވާހަކައެއް ނުދައްކާނެކަމަށް ވަޢުދުވިއެވެ. އެއަށްފަހު ލޫލޫ ހަމައަކަށް އެޅުމުން ދެމަފިރިން އެކީގައި މާލެއަށް ފުރަން ތައްޔާރީތައް ވާންފެށީ ހިތްހަމަޖެހުމާއި އެކީގައެވެ. އެ ދުވަހުގެ ހަވީރު ދެމީހުން މާލެއަށް ފުރަން އެންމެންނާއި ސަލާމް ކުރަމުން ދިޔަ ވަގުތު ޒައިނާ އަނެއްކާވެސް ދެމީހުން ދެވަނަ ހަނީމޫނަށް ތި ދަނީ ހާދަ އަވަހަށޭ ބުނަމުން ދިމާކުރިއެވެ. އެއާއިއެކު އެންމެންނަށް ހެވުނު ވަގުތު ޒިހާން ކުރީ ފަހަރާއި ޚިލާފަށް ޔުނާއާއި ދުރުގައި ނުހުރެ އެއްފަރާތުން ޔުނާގެ ގައިގައި ބައްދާލިއެވެ. އެކަން ފާހަގަވި ޝަކީލާ މިހާރު ދެކުދިން އިހުނަށްވުރެ ގާތްވެއްޖެދޯއޭ ބުނެލީ އުފާވެރި ހިނިތުންވުމަކާއި އެކީގައެވެ. އެއަށްފަހު ދެކުދިން ވެސް އެކަކު އަނެކަކާއެކީ ނުހަނު ލޯތްބާއެކީ އުޅުމަށް ނަޞޭޙަތްތެރިވަމުން ދެމީހުން ފޮނުވާލިއެވެ.

އޭގެ އަނެއްދުވަހު ހެނދުނު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން ހޮޓެލް ރޫމުގެ ރީތިވާ މޭޒުކުރިމަތީގައި ހުރެގެން ޑިއުޓީއަށްދާން ތައްޔާރުވަމުން ދިޔައެވެ. ފަތިސް ނަމާދަށް ފަހު ނިދިފައި އޮތްވާ ހޭލެވުނު ޔުނާ ޒިހާން ފެނުމުން އާގަމަ ވާގޮތްވިއެވެ. ޒިހާނާއި އިން ފަހުން ފުރަތަމަ ފަހަރަށް ޒިހާން އެ ފެހި ކުލައިގެ ޔުނިފޯމުގައި ހުރިތަން ފެނުމުންނެވެ. ޔުނާ ނޫންކަމަށް ހަދައި އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ތެދުވެލަމުން ޒިހާންގެ ފޮޓޯ ނަގަން ފެށިއެވެ. ލޯގަނޑު ބަލަން ހުރި ޒިހާނަށް ފަހަތުން ވަމުން ދިޔަ ކަންތައް ފެނުމާއެކު ހިނިތުންވެލެވުނެވެ.

"ހިލޭ ފޮޓޯޝޫޓް ނުޖައްސާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން." ޒިހާން ބޮލުގައި ފުނާ އަޅަމުން ރާގަކަށް ބުނެލިއެވެ.

"ހަހް! ކިހާވަރެއްދޭންވީ؟" ޔުނާ ދެންވެސް ޒިހާންގެ ކޮންމެ ހަރަކާތެއް ފޮޓޯ ނަގަމުން ސުވާލުކުރިއެވެ.

"ކޮންމެ ފޮޓޯއަކަށް ފަހު ފޮޓޯ ނަގާ ކުއްޖާވާނެ އަހަރެންދެކެ ލޯބިވާކަމުގެ އިޝާރާތެއް ދައްކައިދޭން." ޒިހާން ކުރީ ދުވަހު ޔުނާ ބުނެލި ވާހަކައަކާއި ގުޅުވައިގެން ޖަވާބު ދިނެވެ. އެއާއިއެކު ޔުނާއަށް ހިނިތުންވެލެވުނެވެ. އެ ހިނިތުންވުމުގައި އިނދެ ޔުނާ ފޯނު އެނދުމައްޗަށް ދޫކޮށްލުމަށްފަހު އެނދުން ތެދުވެގެން ގޮސް ޒިހާންގެ ފުރަގަހުން ޒިހާންގެ ގައިގައި ބައްދާލިއެވެ.

"މިހާވަރުން ފުދޭތަ؟" ޔުނާ ދެލޯ މަރައިގެން ޒިހާންގެ ބުރަކަށީގައި ބޯއަޅައިގެން އޮވެ އެހިއެވެ.

"އުނހު..." ޒިހާން އެހެން ބުނެލީ ފުނާ މޭޒުމަތީގައި ބޭއްވުމަށްފަހު ޔުނާއާއި ދިމާލަށް އެނބުރެމުންނެވެ. ހަމަ އެއާއެކު ޔުނާ ޒިހާންގެ ކޯތާފަތަށް ބޮސްދިނެވެ.

"މިހާރު އޯކޭ؟" ޔުނާ ހިނިތުންވުމަކާއެކީ އެހިއެވެ. ޒިހާން ސީރިއަސް ނަޒަރެއްގައި ތުން ފިއްތައިގެން ހުރެ ބޯހޫރުވައިލިއެވެ. ޔުނާ ޒިހާންގެ ދެވަނަ ކޯތާފަތަށް ވެސް ބޮސްދިނެވެ.

"ފުދިއްޖެދޯ ދެން؟" ޔުނާ އަހާލިއެވެ.

"އުނހު އަދި ނުފުދޭ..." ޒިހާން ބުންޏެވެ.

"ދެން! ތިއުޅެނީ ޑިއުޓީއަށް ނުދާން މިއަދު!" ޔުނާ އެހެން ބުނެލަމުން ޒިހާނަށް ފަސްދީފައި ދާން އުޅުމުން ޒިހާނަށް ހީލެވުނެވެ. އެ ހުނުމުގެ ތެރެއިން ޔުނާގެ އަތުގައި ހިފައި ޒިހާން އޭނަގެ އަތުތެރެއަށް ޔުނާ ގެނައެވެ. އެއާއެކު ޔުނާއަށް ވެސް ހެވުނެވެ.

"އައި ލަވް ޔޫ..." ޒިހާން ޔުނާއާއި ހަތަރުކަޅި ބައްދަލުކުރަމުން ބުންޏެވެ.

"އައި ލަވް ޔޫ ޓޫ.... ޓޭކް ކެއާރ އިނގޭ؟ ކުޑަކޮށް ވޮރީ އެބަވޭ ޒިހާންގެ އެންޒައިޓީއާމެދު ވިސްނާފަ. ހިތަށް އެބައަރާ ކިހިނެއް ހެއްޔޭ ޒިހާން މި ހުރިހާ ދުވަހު ޑިއުޓީގަ އުޅެމުން އެކަން ހޭންޑްލް ކުރީ. އޯކޭވާނެތަ؟" ޔުނާ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.

"ހެހެ.... ޔުނޫ ތި ހީކުރާހާ ސިވިއާއެއް ނޫނޭ. އެހާ ސިވިއާނަމަ އަހަރެން ޑިސްކޮލިފައިވިތާ ކޮން ދުވަހެއް؟ ޔުނާއަށް މިހާރު އެނގޭނެ އަހަރެން އެގޮތަށް ޙާލު ދެރަވަނީ ވަކި މީހަކު ފެނުނީމަކަން. އެއީ ޔުނޫ ބުނާ ޓްރިގާއަކީ. އެކަމަކު އަސްލު ޔުނޫ އަހަންނަށް ނޭނގި ވެސް އަހަންނަށް ކައުންސެލިންގް ދިން ދުވަހަށްފަހު އެމީހާ ފެނުނީމަ ވެސް ކުރިން ވާހާ ގޯހެއް ނުވޭ. ޔޫ ހެލްޕްޑް މީ އަ ލޮޓް އަސްލު އެދުވަހު.... ސޯ ޑޯންޓް ވޮރީ...މއަދި ވަކިން ޚާއްޞަކޮށް ޔުނޫގެ ލޯބި ލިބޭތީވެސް އަހަރެންގެ ޙާލަތު ކުރިނަށްވުރެ ރަނގަޅުހެން ހީވޭ." ޒިހާން ޔުނާގެ އިސްތަށިގަނޑު ކަންފަތުގައި އަޅުވައިދެމުން ބުނެލި ވާހަކައިން ޔުނާއަށް ހިނިތުންވެލެވުނެވެ.

"އަހަރެންވެސް ވަރަށް ހެޕީ ޒިހާންއާއެކީ އުޅެން ފެށިފަހުން..... ދެން ގަޑި ޖެހެނީދޯ؟ ސްޓޭއި ސޭފް، ބައި. އޯރ..... ކީކޭ އެދުވަހު ޒިހާން ދަސްކޮށްދިނީ. ފީ އަމާނި ﷲ..... ސްޓޭއި އިން ދަ ސޭފްޓީ އޮފް ﷲ ދޯ މާނައަކީ؟" ޔުނާ ޒިހާން ދަސްކޮށްދިން ބަސްތަކެއް ހަނދާންކުރަމުން އެހިއެވެ. ޒިހާން ލުއި ގޮތަކަށް ހީލަމުން ހަމަ އެ ބަސްތައް ޔުނާގާތު ވެސް ބުނެލިއެވެ. އަދި ފަހު ފަހަރަށް ޔުނާ ގާތު ލޯބިވާ ވާހަކަ ބުނަމުން ދާން ހިނގައިގަތެވެ.

ހޮޓެލުން ނިކުމެގެން ގޮސް ޒިހާން އެރީ އޭނަގެ ސައިކަލަށެވެ. ރޭ މާލެއަށް އާދެވުމާއެކުހެން އެ ސައިކަލާއި ގަރާޖެއްގައި އޮތް ޔުނާގެ ކާރު ހޮޓެލާއި ހަމައަށް ގެނައުމަށް ޒިހާން އެކުވެރިއެއް ގާތު އެދުނީއެވެ. ޒިހާން ސައިކަލު ދުއްވަމުން ދިޔައީ އޭނަ އެދުވަހު ކުރަންޖެހޭ މަސައްކަތްތަކާއިމެދު ވިސްނަމުންނެވެ. ޓާރމް ބަދަލުވުމުން އޭނަ ޙަވާލުވާން ޖެހޭނެ އާ ޓީމަކާއިމެދު ވިސްނެމުން ދިޔައެވެ. އަދި އަމުދުން ޝިއުސްގެ ފަރާތުން މި ހުރިހާ ދުވަސްވަންދެން އިވުނު ޚަބަރުތަކުން ކުރިއަށް އޮތް ތާނގައި މަސައްކަތް ބުރަވާނެކަން އެނގުންވިއެވެ.

އެކިއެކި ޚިޔާލުތަކުގައި އިނދެ ދުއްވަމުން ގޮސް ޒިހާން ސައިކަލު މަޑުކޮށްލީ ރަތް ޓްރެފިކް ލައިޓެއްގައި ޖެހުމުންނެވެ. ހަމަ އެވަގުތު އޭނަގެ ކައިރީގައި ކަޅުކުލައިގެ ކާރެއް މަޑުކޮށްލިކަން އެނގުނެއްކަމަކު ޒިހާން އެދިމާލަށް ބަލައެއް ނުލިއެވެ. އެއަށް ސަމާލުކަން ދެވުނީ ޓްރެފިކްގެ ކުލަ ފެއްސަށް ބަދަލުވުމުން އެ ކާރު ކުއްލި ގޮތަކަށް ބާރަށް ދުއްވާލި ގޮތުންނެވެ. މަގުގައި ތިބި އެންމެންހެން ޒިހާނަށް ވެސް އެ ކާރަށް ނަޒަރެއް ދެވުނެވެ. އެހިނދު އައުޑީ ބްރޭންޑްގެ އެ ކާރުގެ ފަހަތުން ފެނިގެން ދިޔަ ނަންބަރު ޒިހާންގެ މެއަށް ފިނިވިއެވެ. އެ ކާރު ފެނިފައި ސިނަމާލޭ ބްރިޖްގެ މަތިން ހިނގި ޔަޒްދާންގެ އެކްސިޑެންޓްގެ މަތިން ހަނދާންވެގެން ދިޔުމުންނެވެ.

(ނުނިމޭ)