ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ 2ގައި ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ވަރުގަދަ މެޗުން ބަލިވެ، އިންގްލެންޑަށް ފައިނަލް ބުރުގެ ފުރުސަތު ގެއްލިއްޖެއެވެ.
ބެލްޖިއަމްގެ ލެއިވެންގައި ރޭ ކުޅުނު މެޗުން އިންގްލެންޑް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެޓީމަށް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
ބެލްޖިއަމްއިން ވަނީ މެޗުގެ 10 ވަރަކަށް މިނެޓް ތެރޭގައި ލީޑު ނަގައިފައެވެ. ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޔޫރީ ތީލަމަންސް 20 ވަރަކަށް ޔާޑު ދުރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ އިންގްލެންޑްގެ ޓައިރޮން މިންގްސް ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. އޭގެ 13 ވަރަކަށް މިނެޓް ފަހުން ބެލްޖިއަމްއިން ލީޑު ފުޅާކުރިއެވެ.
ޑްރައިސް މާޓެންސްގެ ހިލޭ ޖެހުމަކުން ބެލްޖިއަމް ލީޑު ފުޅާކުރިއިރު، އެ ހިލޭ ޖެހުމަކީ ޑެކްލަން ރައިސް، ކެވިން ޑިބްރޭނާއަށް އޭރިއާ ކައިރިން ފައުލް ކުރުމުން ލިބުނު ހިލޭ ޖެހުމެކެވެ.
ބެލްޖިއަމްއިން އިތުރު ހަމަލާތައްވެސް ފަހިކޮށްފައި ވެއެވެ. އެގޮތުން ރޮމެލޫ ލުކާކޫ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލް ރޮނގު މަތިން ކަހަލަ ގޮތަކަށް ބޭރުކޮށްލީ ހެރީ ކޭންއެވެ. ދެވަނަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް އިންގްލެންޑުން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް، އެޓީމު ހަމަލާ އުފެއްދުމުގައި ފެނުނީ ދަށްކޮށެވެ.
ރޭގެ މެޗުގައި އިންގްލެންޑްގެ މެދުތެރެއަށް ކުޅުނު ޖޯޑަން ހެންޑަސަން އަނިޔާގެ ކުޑަ މައްސަލައަކާއެކު ހާފް ޓައިމްގައި ބަދަލުކޮށްފައިވާއިރު، ފުރަތަމަ ހާފްގައި ބެން ޗިލްވެލްގެ ބުރަކަށްޓަަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާވެސް ބާލަން ޖެހިފައި ވެއެވެ.
މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ތިންވަނަ ހޯދި އިންގްލެންޑަށް ފައިނަލް ބުރު ގެއްލޭނެކަން ޔަގީންވެފައި ވަނީ ގްރޫޕް އޭ 2ގައި ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައި އޮތުމުންނެވެ. ކޮންމެ ޓީމަކަށް ބާކީ އަދި އެއް މެޗު ގްރޫޕް ސްޓޭޖުގައި އޮތްއިރު، ރޭ ޑެންމާކުން ވަނީ 2-1ގެ ނަތީޖާތަކުން އައިސްލޭންޑް ބަލިކޮށްފައެވެ.
ގްރޫޕް އެއްވަނައިގައި ބެލްޖިއަމް އޮތީ ފަސް މެޗުން 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑެންމާކް 10 ޕޮއިންޓާއެކު އޮތްއިރު، އިންގްލެންޑް މިވަގުތު އޮތީ ތިންވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު