މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 51 އިންސައްތަ ދަށްވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އިމްޕޯޓް/އެކްސްޕޯޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެތެރެކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެހެންކަމުން އެއީ މިިދިޔަ އަހަރާ އަޅާބަލާއިރު 51 އިންސައްތައިގެ ދަށްވުމެކެވެ.
އިމްޕޯޓް ދަށްވި ނަމަވެސް މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދާ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ފަސް އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން 289 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އިރު، މިއަހަރުގެ އެ މުއްދަތުގައި 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު 41 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މި އަހަރުގެ އޮކްޓޯބަރު މަހު ލިބުނީ 174 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި އިންޑިއާ އަދި ޗައިނާއެވެ. އޮމާނުން މިދިޔަ މަހުގެ ތެރޭގައި 287 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ތެރެކޮށްފައި ވެއެވެ. މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރީ ތައިލެންޑާއި ފަރެންސޭސިވިލާތާއި ޗައިނާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު