ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހުޅުވުމަށްޓަކައި ހަދައި ނުނިމޭ އިމާރާތަކަށް ކުލި ދައްކަމުންދިޔަ މައްސަލައިގައި ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ތަހުގީގުކުރި މައްސަލައަކީ އެމްއައިއޭ ހުޅުވުމަށްޓަކައި ހަދައި ނުނިމޭ ޢިމާރާތެއްގެ ދެ ފަންގިފިލާ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި، އެ ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ އެ މައްސަލައަކީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 22 ގައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ޕީއެސްއެމްގެ ގާނޫނުގެ ދަށުން ޕީއެސްއެމްގެ މައްޗަށް ލާޒިމުކޮށްފައިވާ މީޑިއާ ޓްރޭނިން އިންސްޓިޓިއުޓް ގާއިމުކުރުމަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ތިން ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ. ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއެވެ.
ނަމަވެސް އެ ބިޑާއެކު ހުށަހަޅާފައިވާ އާކިޓެކްޗަރަލް ކުރެހުންތަކުން ފްލޯ ޕްލޭން ރާވާނެ ގޮތެއް ނޭނގޭތީ، އެ އިމާރާތް ކުއްޔަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިމާރާތް ކުއްޔަށް ހިފުމަށް ރިކުއެސްޓް ކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓްގެ އިސް ފަރާތަކުން އެ އިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީއެސްއެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަގީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމާފައިވާ ކަމަށާއި އެގޮތުން އަންދާސީ ހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާ ފަދައިން އެ އިމާރާތް ބެލުމަށް ޕީއެސްއެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީއެސްއެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.
"މީގެ އިތުރުން، ހ. ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 (ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެހެންމެ، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރު 2015 ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން އިމާރާތް ޕީއެސްއެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީއެސްއެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ..،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަން ޖެހޭ މަސައްކަތްތައް ހުރީ ނިންމާފައި ކަމަށް ބަޔާންކޮށް ހާޝިމް ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާ ކަމަށާއި އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ އިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރު އަދި 2016 ޖެނުއަރީ މަހުގެ ކުލީގެ ގޮތުގައި 111,000 ރުފިޔާ ޕީއެސްއެމް އިން އިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު