އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް މުހައްމަދު އިމްރާން އަދުނާން ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފި އެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުން ކުރީ އަހަރެއްގެ އަހަރީ އާންމު ޖަލްސާގައި އައްޔަންކުރާ ހުރިހާ ޑިރެކްޓަރުން ވިދިގެން އަންނަ އަހަރުގެ އަހަރީ އަންމު ޖަލްސާގައި މަގާމުން ވަކިވެގެންދާނެ އެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ދެ ބޭފުޅުންގެ ނަން ހުށަހަޅަން ފާސްކުރި ނަމަވެސް، އޭގެ ތެރެއިން އެއް ބޭފުޅެއްގެ ނަން ފަހުން ވަނީ އުނިކޮށްފަ އެވެ. އެހެންކަމުން އެ ޖަލްސާގައި އިންތިހާބު ކުރެވުނީ އެންމެ ޑިރެކްޓަރެކެވެ.
އެގޮތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ އަނެއް ޑިރެކްޓަރު އިންތިހާބުކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަގޮތުންކުރާ އާންމު ޖަލްސާއެއް ބާއްވައިފަ އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ހުސްވެފައިވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާފައިވަނީ މ. މެއިންޒު، މުހައްމަދު އިމްރާން އަދުނާނާއި މ. ޝެހެނާޒްމަންޒިލް، އަބްދުﷲ ސައީދެވެ.
މި ޖަލްސާގައި 311 ހިއްސާދާރަކު ބައިވެރިވި އިރު، އިމްރާން ޑިރެކްޓަރުންގެ މަގާމަށް އިންތިހާބު ކުރީ ބައިވެރިވި ހިއްސާދާރުންގެ 78 ޕަސެންޓް ވޯޓުންނެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދާން ކުއީންސްލޭންޑުން ޕްރޮޖެކްޓް މެނޭޖްމަންޓުން އެމްބީއޭ އަދި މެލޭޝިއާގެ އައިޓީޖޭ އިން ޑިޕްލޮމާ އިން އާކިޓެކްޗާ އެންޑް ބިލްޑިން ހާސިލު ކުރައްވާފައިވާ އިމްރާނަކީ މީގެ ކުރިން ވެސް އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު އެމްޑަބްލިޔުއެސްސީގެ ސަޕްލައި އެންޑް ލޮޖިސްޓިކްގެ ޖެނެރަލް މެނޭޖަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު