އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގައި ސްޕޭސް ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ސްޕޭސް ޕްރޮގްރާމް ތައާރަފްކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ސްޕޭސް ކުރާފްޓް ޑިޒައިންކޮށް، ހަދައި، ލޯންޗު ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ ކަމަށެވެ.
އެކަމަށް އައިޖީއެސް އިން ވަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން ބައިވެރިކުރާނެ އެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އެމެރިކާގެ ތަޖުރިބާކާރުންނެވެ.
ރިފްއަތު ވިދާޅުވީ، ސްޕޭސް ޕްރޮގްރާމްގެ ދަށުން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ ކަމަށެވެ. ދާއިރާގެ ތަޖުރިބާކާރުންނާއެކު އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ސްޓަޑީ އަދި ފީޒިބިލިޓީ ވެސް ހަދާފައިވާއިރު، އެ ބޭފުޅުންގެ ލަފާގެ މަތިން އެ ޕްރޮޖެކްޓުގެ ޕާޓްނަރުން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އައިޖީއެސް އަކީ ރައްޖޭގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމަށް މަސައްކަތްކުރާ އިންސްޓިޓިއުޓެކެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދާ ގިނަ ޕްރޮގްރާމްތަކެއް ރާއްޖެއަށް ތައާރަފްކުރަން އައިޖީއެސް އިން ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު