ކްލަބު އީގަލްސް

އީގަލްސްއަށް ބޮސްނިއާގެ ފޯވަޑަކާއި މިސްރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ޑިފެންޑަރެއް

ޔޫރަޕްގެ ލީގުތަކުގެ ތަޖުރިބާ ހުރި ބޮސްނިއާގެ ފޯވަޑެއްގެ އިތުރުން މިސްރުގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ ޑިފެންޑަރެއް ކްލަބު އީގަލްސްއަށް ގެންނަން ނިންމައިފިއެވެ.

އުމުރުން 23 އަހަރުގެ ބޮސްނިއާއަށް ނިސްބަތްވާ އަދްނާން ބަޝިކް އީގަލްސްއަށް ގެންނަން ނިމްމާފައިވާ އިރު، އޭނާގެ އިތުރުން ދެން ގެންނަން ނިންމާފައިވަނީ މިސްރުގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ޑިފެންޑަރު އިސްމާއީލް ޔަނޯގޯއެވެ. ބަޝިކް ވަނީ ޔޫރަޕްގެ ބައެއް ގައުމުތަށް ކަމަށްވާ ޗެކުރިޕަބްލިކާއި ލަކްސަންބާގް އަދި ސްލޮވޭނިއާގެ ލީގުތަކަށް ކުޅެފައެވެ.

ސްލޮވޭނީއާގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ޑްރޫގާ ލީގާއަށް 2016-17 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނު ބަޝިކް ވަނީ އޭގެ ފަހުން ލަކްސަންބާގުގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބު ކަމަށްވާ ޓައިޓަސް ޕެންޓާޖް އަދި އެފްސީ އޫނާ ސްޓްރަސަންއަށް ވެސް ކުޅެފައެވެ. މިއަހަރު ކުރީކޮޅުގައި ބަޝިކް ކުޅެފައިވަނީ ސްލޮވޭކިއާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސްލަވޯޖަ ސެކެރާޑަކަށެވެ.

ބަޝިކް ވަނީ ބޮސްނިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން 18 އަހަރުން ދަށުގެ ޓީމަށްވެސް ބައެއް މެޗުތައް ކުޅެފައެވެ.

ޔަނޯގޯއަކީ ބުރުކީނޯ ފާސޯއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޑިފެންޑަރެކެވެ. އޭނާ ވަނީ ބުރުކީނޯ ފާސޯގެ ފުރަތަމަ ޑިވިޝަން ކަމަށްވާ އާރްސީ ކަޑިއޯގޯގެ އިތުރުން ދުބާއީގެ ކްލަބެއް ކަމަށްވާ ރަލް އަލް ހައިމާއަށްވެސް ކުޅެފައެވެ.

ޔަނޯގޯގެ ކެރިއަރުގެ ބޮޑު ބައެއްގައި އޭނާ ކުޅެފައި ވަނީ މިސްރުގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބެއް ކަމަށްވާ އަލް މަކާސާއާއި އެލް ނަސްރަށެވެ. އެންމެފަހުން އޭނާ ކުޅެފައި ވަނީ ސައުދީ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އޮރުބާއަށެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ އީގަލްސްއިން އެޓީމަށް މިހާތަނަށް ބިދޭސީ ގޯލްކީޕަރަކުވެސް ގެނެސްފައިވެއެވެ. ބްރެޒިލް ގޯލްކީޕަރު އަދްރޭ ރެގްލީ އެޓީމަށް ގެނެސްފައިވަނީ ހަ އަހަރު ވަންދެން ކްލަބުގެ ގޯލް ބެލެހެއްޓި ސުޖަން ޕެރޭރާ ނެތްތަން ފޫބެއްދުމަށެވެ. ކްލަބު ދޫކޮށް ސުޖަން ބަދަލުވެފައިވަނީ ސްރީލަންކާގެ ކްލަބަކަށެވެ. ސުޖަން ލަންކާ ލީގަށް ބަދަލުވީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.

އީގަލްސްއިން ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ މެޗަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، މި ސީޒަނާ ދިމާކޮށް ކޮވިޑް 19 ގެ ހާލަތާ ގުޅިގެން އެ ކްލަބަށް ވަނީ މާލީ ދަތިކަން ކުރިމަތިވެފައެވެ. ކްލަބުގެ ފަރިތަކުރުންތައް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާއެކު މިހާރު ފަށާފައިވާ އިރު، މޯހަން ބުނެފައިވަނީ ފުރަތަމަ ޓާގެޓަކީ އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗުތައް ކާމިޔާބުކޮށް ގްރޫޕް ސްޓޭޖަށް ކޮލިފައިވުން ކަމަށެވެ.