Close
ގަވަރުނަރު އަލީ ހާޝިމް

އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަކަށް މަަޝްރޫއުތައް ހިންގުމަށް ގަވަރުނަރު އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނިފައިވާ މަަޝްރޫއުތައް ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެމްއެމްއޭގެ ގަވަރުނަރު، އަލީ ހާޝިމް އެދިވަޑަިއގެންފިއެވެ.

ގަވަރުނަރު މިކަމަށް އެދިވަޑައިގެންނެވީ، އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި، ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކާބެހޭގޮތުން ލަފާ ދެއްވަމުންނެވެ.

ގަވަރުނަރު ވިދާޅުވީ ބަޖެޓުގައި އާމްދަނީ ލިބޭނެ ގޮތްތައް ހިމަނާފައިވީ ނަމަވެސް، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަންނަ އަހަރުވެސް ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ޓޫރިޒަމް ހީނަރު ވެފައިވުމުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި ހާލަތުގައި ކެޕިޓަލް މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދަން ޖެހިއްޖެ ނަމަ ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރޭޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ، ބަޖެޓުގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަކީ، ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ.