ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ކެރިއަރުގައި އޭނާ ކުޅުނު އެންމެ ތާރީހީ އެއް މެޗުގައި ދެ ޕެނެލްޓީ ނާކާމިޔާބު ވެ، ސްޕެއިންއާ އެއްވަރު ވެއްޖެއެވެ.
ރޭ ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޒަލޭންޑާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ރޭގެ މެޗު ރާމޯސްއަށް މުހިއްމުވީ މުހިއްމު ރެކޯޑަކާ އެކުގައެވެ. ގަައުމީ ޓީމަށް ކުޅުނު 177 ވަނަ މެޗާއެކު އޭނާ ވެފައި ވަނީ ޔޫރަޕްގެ ގައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އަތުގައެވެ.
ރޭގެ މެޗުގެ 26 ވަނަ މިނެޓުގައި ރެމޯ ފްރީލާގެ ގޯލާއެކު ސްވިޒަލޭންޑުން ލީޑު ނެގިއެވެ. ސްޕެއިންއަށް މެޗުގައި ދެ ޕެނެލްޓީ ލިބިފައި ވަނީ އެޓީމުގެ މައްޗަށް ސްވިޒަލޭންޑުން 1-0ގެ ލީޑެއް ނަގާފައި ވަނިކޮށެވެ. މެޗުގައި އުމުރުން 34 އަހަރުގެ ރާމޯސް ޖެހި ދެ ޕެނެލްޓީވެސް ސްވިޒަލޭންޑްގެ ގޯލްކީޕަރު ޔާން ސޮމާ ވަނީ ދިފާއު ކޮށްފައެވެ.
ފުރަތަމަ ޕެނެލްޓީ ގޯލްގެ ކަނަކަށް އަމާޒުކޮށް ރާމޯސް ޖެހި ނަމަވެސް ސޮމާ ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ރަނގަޅު ފަޅިއަށް ޑައިވް ކޮށް، ބޯޅަ އަތުލައިފައެވެ. ދެވަނަ ޕެނެލްޓީ ރާމޯސް ޗިޕް ކޮށްލަން މަސައްކަތްކޮށް، ނާކާމިޔާބު ވިއެވެ. ރާމޯސްގެ ފަރާތުން ސްޕެއިންއަށް ޕެނެލްޓީއެއް ނާކާމިޔާބުވެގެން ދިޔަތަން ފެނިފައި ވަނީ 25 ޕެނެލްޓީއަށް ފަހުގައެވެ.
ރޭގެ މެޗަށްފަހު ސްޕެއިން ކޯޗު ލުއިސް އެންރީކޭ ވަނީ ރާމޯސްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
"ރާމޯސްގެ ޕެނެލްޓީ ރެކޯޑު މުޅި ދުނިޔެއަށް ފެންނަން އެބަ އޮތް. މެޗުގައި ތިންވަނަ ޕެނެލްޓީއެއް ލިބުނު ނަމަވެސް ޖަހާނީ ރާމޯސް. އެހާވެސް އިތުބާރު އެބަ އޮތް،" އެންރީކޭ ބުނެފައި ވެއެވެ.
ސްޕެއިންއިން މެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ 89 ވަނަ މިނެޓުގައެވެ. ސާޖިއޯ ރެގުލޮންގެ ހުރަސް ގޯލަށް ވައްދާލީ ޖެރާޑް މޮރޭނޯއެވެ. ގްރޫޕް އޭ 4ގައި ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތްއިރު، ފައިނަލް ބުރަށް ދާނެ ޓީމެއް އަދި ޔަގީން ވެފައެއް ނުވެއެވެ. ރޭ އެ ގްރޫޕުގައި ޖަރުމަނުން ކުޅުނު މެޗުގައި އެޓީމުން ޔުކުރެއިންގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.
ކޮންމެ ގްރޫޕަކުންވެސް ފައިނަލް ބުރަށް ދަތުރުކުރާނީ އެއްވަނަ ޓީމު އެކަންޏެވެ. ފައިނަލް ބުރު ޔަގީންވާނީ ސްޕެއިންއާއި ޖަރުމަނު އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގެ ނަތީޖާއިންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު