ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ހާރިޖީ ގުޅުމަކީ ވަރަށްވެސް މުހިންމު ގުޅުމެކެވެ. ދިވެހީންގެ މުޅި ދިރިއުޅުން ބިނާވެފައި މިވަނީ ބޭރުގެ އެހީތެރިކަމަށެވެ. އެންމެ ކުޑަ މިނުން ކާން ބޭނުން ކުރާ ކާޑުކޮޅުން ފެށިގެން އަރާ ފައިވާނަކީވެސް ބޭރު ގައުމުތަކުން އެތެރެކުރާ ތަކެއްޗެވެ. އެހެންކަމުން ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް ހާރިޖީ ގުޅުންތަކަކީ ވަރަށްވެސް އަގުހުރި ގުޅުންތަކެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ ވަނީ ހާރިޖީ ދާއިރާއިން ބިކަވެ، އެކަހެރިވެފަ އެވެ. ބައިނަލް އަގުވާމީ މުޖުތަމައުގެ އިތުބާރު ރާއްޖެއަށް އޮތީ ގެއްލިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކާއި އެޅުއްވި ބައެއް ފިޔަވަޅުތަކުން ރާއްޖެ އޮތީ ބާކީވެފަ އެވެ. ރާއްޖެއިން ކޮމަންވެލްތާ ވަކިވުމަށް ނިންމެވި ނިންމެވުމާއި އީރާނާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމުގެ އިތުރަށް ގަތަރާއެކު އޮތް ޒަމާންވީ ހާރިޖީ ގުޅުން ކަނޑާލީވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ރާއްޖެއިން އެހީތެރިކަމަށް ގޮވާލާ ކޮންމެ ފަހަރަކުވެސް އެންމެ ފުރަތަމަ އެހީގެ އަތް ދިއްކޮށްލާ އިންޑިއާއާއެކު އޮތް ގުޅުންވެސް ހީނަރުވެގެންދިޔައީ މިދިޔަ ވެރިކަމުގަ އެވެ. އެހެންކަމުން އަލުން ބައިނަލް އަގުވާމީ މުޖުތަމައާއެކު ގުޅުން ގާއިމްކޮށް، ހާރިޖީ ގުޅުން ހަރުދަނާ ކުރުމަށް މި ސަރުކާރަށް އޮތީ ވަރަށްވެސް ބޮޑު "ޗެލެންޖެ"ކެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް ކަމަކީ ހާރިޖީ ގުޅުން ގާއިމް ކުރުމެވެ. ހާރިޖީ ގުޅުންތައް އަލުން އިއާދަ ކުރުމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ހަތް އަހަރަށް ފަހު ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވައި، ހާރިޖީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ރައީސް ސޯލިހު ވަނީ ފިޔަވަޅުތައް ކުރިއަށް އަޅުއްވައިފަ އެވެ. ވެރިކަމުގެ ފުރަތަމަ އަހަރު އިންޑިއާ، ސްރީލަންކާ، ޔޫއޭއީ، ސިންގަޕޫރު، ޝީޝަލް އަދި ޖަޕާނަށް ރައީސް ސޯލިހް ވަޑައިގެން އެގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ގުޅުންތައް އަލުން ބަދަހި ކުރެއްވި އެވެ.

ރައީސް ސޯލިހްގެ އިތުރުން، ހާރިޖީ ދާއިރާ މިއަދު މި ދެކޭ ކުރިއެރުންތައް ހޯދުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ މި ސަރުކާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ. ގައުމުތަކާއެކު ގުޅުން ބަދަހި ކުރެއްވުމަށް އެތައް ހަރަދެއް ކުރައްވައި، ރާއްޖެ އާއި ބައިނަލް އަގުވާމީ މުޖުތަމައާ ގުޅުވާލަ ދިނުމަށް ފާލަމެއް އަޅުއްވައި ދެއްވަމުން ގެންދަވަނީ މިނިސްޓަރު ޝާހިދެވެ. އެގޮތުން މިނިސްޓަރު ޝާހިދު ވަނީ 81 ގައުމެއްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 11 ގައުމެއްގެ ރައީސުންނާއި 13 ގައުމެއްގެ ބޮޑުވަޒީރުންނާވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ވޭތުވެދިޔަ ދެ އަހަރު ދުވަހު މި ސަރުކާރުން މުޅިން އަލަށް އެންގޯލާ އާއި ރުވާންޑާ އަދި ބޮލީވިއާ އާއެކު ވަނީ ހާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓަރު ކުރެއްވި މަސައްކަތުންވެސް މި ސަރުކާރުން ހާރިޖީ ގުޅުންތަކަށް ދޭ އަހަންމިއްޔަތު ވަރަށްވެސް ސާފެވެ.

މިނިސްޓަރު ޝާހިދުގެ ބައްދަލުވުންތަކާއި ގާއިމް ކުރެއްވި ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް މިހާރުވެސް އަންނަނީ ގިނަ ފައިދާތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާ އާއި ސްރީލަންކާއިން ރާއްޖެއަށް ވިސާގެ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފި އެވެ، އޭގެ ތެރޭގައި ސްރީލަންކާއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެހިގެންދިޔަ އިރު، ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާގުޅޭ ދަތުރުތަކަށް ދިވެހީންނަށް ކޮންމެ ހަ މަސްދުވަހަކުން 90 ދުވަހަށް، ވިސާއާ ނުލައި އެގައުމަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން ކުރިން ވިސާ ނެގުމަކާ ނުލައި ޔޫއޭއީ، ރަޝިޔާ، ތައިލެންޑް، މޮރުކޯއަށް، ދިވެހިންނަށް ދަތުރު ކުރެވޭ ގޮތްވެސް ހަމަޖެހިގެން ދިޔައީ ރައީސް ސޯލިހްގެ ވެރިކަމުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާއެކު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެކަމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އޭރު ގަބޫލުކުރި އެވެ. ހާއްސަކޮށް އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތައް، އަދި މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އެ ކަންބޮޑުވުން ފާޅު ކުރި އެވެ.

އެހެން ކަމުން ރައީސް ސޯލިހުގެ އެންމެ އިސް އެއް މަސައްކަތަކަށްވީ، އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުންތައް އަލުން ބަދަހި ކުރުމެވެ. ހަމަހަމަ ފުރުސަތުތައް ދެއްވުމެވެ. އެގޮތުން އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ޗައިނާއާއެކުވެސް ގުޅުންތައް ސަރުކާރުން އަންނަނީ ދަމަހައްޓަމުންނެވެ.

ހާރިޖީ ގުޅުންތައް ބަދަހި ކުރުމަށް ގައުމުތަކާއެކު ވަމުން އަންނަ އެއްބަސްވުންތަކަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ޗައިނާއާ ދެެމެދު އިގްތިސާދީ، ހާރިޖީ އަދި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަކީވެސް ތަފާތު ނުކުރާ ކަމުގެ އެއް ހެކި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މީގެ އިތުރުން ބަދަހި ކުރަމުން އަންނަ ގުޅުންތަކާއެކު މިއަހަރު ފާހަގަކުރެވުނު އެއް ކަމަކީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. ޕޮމްޕެއޯގެ އެ ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރެއްވި ރަސްމީ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. ޕޮމްޕެއޯ ރާއްޖޭ ވަޑައިގަތުމުން، މި ގައުމުގެ ހާރިޖީ ގުޅުންތަކަށް ލިބިފައިވާ ކުރިއެރުން ސާފުވެގެންދެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިންމެވި އެންމެ ބޮޑު އެއް ނިންމެވުމަކީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމެވި ނިންމެވުމެވެ. އެ ނިންމެވުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި އެވެ. ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވި އެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގެ ފަލަ ސުރުހީއަށް ވެސް މި ކަން އެރި އެވެ. އެހެންކަމުން ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވެގެންދިޔައީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމެވެ. ރިޔާސީ ވައުދުފުޅު ފުއްދަވައި، ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މިއީ ހާރިޖީ ދާއިރާއިން މި ދެ އަހަރު ރައީސް ސޯލިހް ހޯއްދެވި ރަން މެޑަލެކެވެ.

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމުން މުހިންމު އެތައް ކަމެއް ފަހިވެގެންދިޔަ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިޔަ އެވެ. ދިވެހިންނަށް ކޮމަންވެލްތުގެ 40 ގައުމަކަށް އޮން އެރައިވަލް ވިސާ ލިބޭނެ މަގުވެސް ފަހުވެގެންދިޔަ އެވެ. މީގެ އިތުރުން ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ދިވެހި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް ފަހިވެގެންދިޔަ އެވެ.

ކޮމަންވެލްތާ އަލުން ގުޅުން ވެގެންދިޔައީ ބިކަވެ، ބާކީވެފައިވާ މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް އަލުން ދިރުން ގެެނެސްދިން ކަމަކަށެވެ. ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިވެ ބައިނަލް އަގުވާމީ މުޖުތަމައުގައި ދިވެހީންގެ ބުރަދަން އިތުރުވެގެންދިޔަ ކަމަށެވެ. މިއީ މި ސަރުކާރުން މި ދެ އަހަރު ހާރިޖީ ދާއިރާއިން ހޯދި ރަން ވަނަ އެކެވެ. ވިދުވާލި އާ ބާބެކެވެ.

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ދުވަހު ހާރިޖީ ގުޅުންތައް ބަދަހި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެއާއެކު ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް މިދާއިރާއިން ކުރަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ މިހާރު ސިޔާސީ ގުޅުން ގާއިމްކޮށްފައި ނުވާ 16 ގައުމާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމެވެ. ނަމަވެސް އިޒްރޭލާއެކު ގުޅުން ގާއިމް ނުކުރާނެ ކަމަށް މި ސަރުކާރުގެ އިސްވެރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ގަތަރާއެކު ކަނޑާލާފައިވާ ގުޅުންވެސް ބަދަހި ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރައްވާނީ ރަނގަޅު ވަގުތު ބެލުމަށްފަހު ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެއީ ގަލްފްގެ ގައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުން، ހަމަ މަގަށް އެޅުމުންނެވެ.

އިތުރު ގައުމުތަކަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހެދުމާއި ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންނަށް، ދިމާވާ ދަތިތައް ހައްލު ކުރުމާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވާނެ ގޮތަށް ހާރިޖީ ސިޔާސަތަށް ބަދަލު ގެނައުމަކީވެސް މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ކުރާނެ ކަންކަން ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ރައިސް ސޯލިހް ހާރިޖީ ގުޅުން ގާއިމް ކުރެއްވުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ރަހުމަތްތެރިކަން ބާއްވަން ބޭނުންވާ ގައުމުތަކާއެކު އަބަދުވެސް ގުޅުން ބަދަހި ކުރުމެވެ. ނަމަވެސް ބައިނަލް އަގުވާމީ އުސޫލުތަކަށް ތަބާ ނުވާ ގައުމުތަކާއެކު ގުޅުން ގާއިމް ނުކުރުމެވެ. މިއަދު ފެނިގެންދާ އެއް ހަގީގަތަކީ އަނަރޫފަވެ، ބިކަވެފައިވާ ހާރިޖީ ދާއިރާ އަށް ދިރުން ގެނެސް ދިނީ މި ސަރުކާރުން ކަމެވެ. އެކަހެރިވެ، ބާކީވެފައި ވަނިކޮށް ބައިނަލް އަގުވާމީ މުޖުތަމައާ ދެމެދު ފާލަމެއް އަޅައި، ހުރަސް ކުރުމުގެ ޖާގަ ހޯދައި ދިނީ މި ސަރުކާރުންނެވެ. ހާރިޖީ ސިޔާސަތަށް ދިރުން ގެނެސް، މި ސަރުކާރުން ޖެހީ ރަން މެޑަލެކެވެ.