"އަވަސްކޮށްލާ ކަނބުލޮ! ފެންވަރައި ކުޑަކޮށް ރީތިވެލަބަލަ. ބޭބެ އައުމުގެ ކުރިން ދެމައިން މިތަނުން ދާންޖެހޭނެ...." ޖަލީލާ އެހެން ބުނެލީ އެމީހުންގެ ކުޑަ ކޮޓަރީގައި ހުރި ބާ އަލަމާރީގެ ތެރެއިން ހެދުންތައް ނަގައި ބިންމަތީގައި ބޭއްވިފައި އޮތް ފޮށްޓަށް އަޅަމުންނެވެ. ޖަލީލާގެ ވާހަކަ އަޑުއަހަން އިނީ އެނދުމަތީގައި އިށީނދެގެން އިން ލޫލޫއެވެ. މަންމަ ބުނި ބަސްތައް އިވުނެއް ކަމަކު ލޫލޫ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތަށް އިނީ މަންމަގެ އަޑުވެސް ނުއިވޭ ފަދައަކުންނެވެ.

"ލޫލޫ އަވަސް ކުރޭ!" ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ލޫލޫ ހިރިވެސް ނުލާ އިންގޮތުން ޖަލީލާއަށް އިހުނަށްވުރެ ހަރު އަޑަކުން ބުނެލެވުނެވެ. އަލަމާރީގައި އަޅުވާފައި ހުރި ހުރިހާ ހެދުންތައް ހުސްވި ހިނދު ތިންވަނަ ފަހަރަށް ވެސް އޭނަގެ ދަރިފުޅަށް ބަލައިލި އިރު އޭރުވެސް އިށީނދެގެން އިންގޮތް ފެނުމުން ޖަލީލާ ނުރުހުންވާ ގޮތްވިއެވެ.

"ލޫލޫ! ނުއިވެނީތަ މި ދައްކާ ވާހަކަ؟" ޖަލީލާއަށް އެހެން އަހާލެވުނީ ރުޅިވެރި އަޑަކުންނެވެ. ޖަލީލާ އަވަސް ފިޔަވަޅުތަކެއްގައި ލޫލޫއާ ދިމާލަށް ދާން ފެށި ހިނދު ލޫލޫގެ އަޑު އިވުނެވެ.

"ކީއްވެ މަންމާ؟ ކީއްކުރަން ލޫލޫމެން ފިލައިގެން ދާންވީ؟ ލޫލޫ ބޭނުންވަނީ ބޭބެ އަންނަންދެން މަޑުކުރަން. ބޭބެ އައިއްސަ ހުރިހާ ކަމެއް ރަނގަޅު ކޮށްދޭނެ!" ލޫލޫ މަންމައަށް ބަލައިލަމުން އެހެން ބުނެލީ ކަރުނަތައް ޖަމާވެފައިވި ދެލޮލާ އެކީގައެވެ. ލޫލޫގެ އެ ވާހަކަ އަޑުއިވުމާއެކު ޖަލީލާ ކުރު ނޭވައެއް ދޫކުރަމުން ވާހަކަ ދެއްކިއެވެ.

"ލޫލޫ ކައިރި މަންމަ ކުރިން ވެސް މި ވާހަކަ ދައްކައިފިން. ބޭބެއަށް މި ހުރިހާ ކަމެއް އެނގިއްޖެއްޔާ ބޭބެގެ މުސްތަގުބަލު ވެސް ދިޔައީ. ބޭބެ މިހާރު ކިޔަވަމުން އެދަނީ ވެސް ބައްޕަ ނަގާފަ އޮތް ބޮޑު ލޯނެއްގެ ދަށުން. ބޭބެ އަހަރުމެންނަށް އެހީވާން އުޅެފިއްޔާ ބޭބެގެ ކިޔެވުން ވެސް ހުއްޓޭނެ. އެއަށްވުރެ މާ ރަނގަޅެއްނޫންތަ އަހަރުމެން ދިޔައިއްޔާ؟ ފަހުން ދުވަހަކުން ބޭބެ ކާމިޔާބު މީހަކަށް ވެގެން އަހަރުމެންނާ ދިމާވިއްޔާ ކިހާ އުފާވާނެ؟" ޖަލީލާ ވާހަކަ ދައްކަމުން ލަސް ފިޔަވަޅުތަކެއްގައި ގޮސް ލޫލޫ ކައިރިއަށް ތިރިވެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. އެހިނދު ކަރުނަތައް އޮހެމުން ދިޔަ ލޮލާއެކީ ލޫލޫ މަންމައަށް ބަލައިލިއެވެ.

"ބޭބެ ކަންބޮޑުވާނެ ލޫލޫމެން ދިޔައިމަ. ބޭބެ ބުނީ ތިމަންނަ ބައްޕަ ކައިރި އުޅެނީ ވަކި ބައްޕަދެކެ ބޮޑަށް ލޯބިވާތީވެއެއް ނޫނޭ. ބޭބެ ބައްޕަ ކައިރި މަޑުކުރީ ބައްޕަގެ އެހީ ލޫލޫމެންނަށް ލިބޭނެ ގޮތަށް..... މިހާތަނަށް އައިއިރު ބައްޕަ އެއްޗެއް ނުދިނަސް ބޭބެ ކިހާ ރީތި އެއްޗެހި ގެނެސްދޭ ލޫލޫއަށް ދޭންވެސް؟ ދެން ކީއްވެ ވަކި އެ އަންހެން މީހާ ބުނާ ބަހެއް އަހަރުމެން އަހަންވީ؟"

"ދަރިފުޅާ! މިހާރު ޙާލަތު ބަދަލުވެއްޖެއޭ. މަންމައަކަށް ނޭނގެ ދަރިފުޅަށް މި ވާހަކަ ކިޔައިދޭނެ ގޮތެއް. މިއަދު ހެނދުނު މިގެއަށް އައި އަންހެން މީހާއަކީ ބައްޕަގެ މިހާރުގެ އަންހެނުން. ބައްޕަގެ އަންހެނުން ބޭނުމެއް ނުވޭ ބޭބެ ބައްޕަގެ ލާރިން އަހަރުމެންނަށް ޚަރަދުކުރާކަށް. އޭނަ ބުނާ ގޮތަށް އަހަރުމެން ނަހަދައިފިއްޔާ ބައްޕައަށް ނާންގާ ބޭބެއަށް ވެސް ގޮތެއް ހަދާލަން އޭނަ ފަހެއް ނުޖެހޭނެއޭ ދަރިފުޅާ..... މިއަދު ވެސް އޭނަ މިގެއަށް އައިސް ހެދިގޮތް ފެނުނެއްނު؟" ޖަލީލާއަށް ވެސް އެހާ ހިސާބަށް ވާހަކަ ދެކެވުނު އިރު ރޮވިގެން ދިޔަދިޔަހެން ލޫލޫއަށް ވެސް ރޮވުނެވެ.

އެދުވަހު ހެނދުނު ލޫލޫއަށް ހޭލެވިގެން ދިޔައީ ގޭ ތެރެއަށް ބަޔަކު މީހުން ވަދެ އެއްޗެހި އުކާ އަޑާއި މަންމަގެ ރުއިމުގެ އަޑު އެއްވެގެން ކަންފަތުގައި ޖެހުމުންނެވެ. ލޫލޫ ވާނުވާއެއް ނޭނގި އެނދުން ފައިބައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލަން އުޅުނު ވަގުތު ކުއްލިއަކަށް އަނެއްފަރާތުން އެ ދޮރު ހުޅުވިގެން ގޮސް ލޫލޫގެ ގައިގައި ޖެހި ލޫލޫ ބިންމައްޗަށް ވެއްޓުނެވެ. ބިންމަތީގައި ޖެހުނު ވަގުތު ގައިގެ އެކި ތަންތަނަށް ތަދުވެގެން ދިއުމުން ލޫލޫއަށް ލުއި އާހެއްގެ އަޑު ލައްވާލެވުނެވެ. ހަމަ އެވަގުތު ފޭރޭ މީހުންހެން ހީވާ ބަޔަކު ކޮޓަރިއަށް ވަދެގެން އައިސް ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހި ބިންމައްޗަށް ވައްޓައި އަލަމާރީގެ ވަތްގަނޑުތައް ހުޅުވައި އޭގައި އޮތް މަންމަގެ އަތްދަބަސް ނަގައި ލާރި ނެގި މަންޒަރު ލޫލޫއަށް ފެނުނެވެ. އެއްޗެކޭ ބުނަން ނޭނގި ބިންމަތީގައި އޮތްވާ މަންމަ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކި އަޑު ލޫލޫއަށް އިވުނެވެ.

"އަޒީޒާ ކިހިނެއްވެގެންތަ ތިއުޅެނީ؟! އަޒީޒާ ލަބީބްއާ އިނދެގެން އުޅުމަކުން މަގޭގެ މައްސަލައެއް ނެތް. މިއީ އަހަރެންގެ އެކުވެރިއެއްގެ ގެއެއް! ދެން ކީއްކުރަން މިގެއަށް އައިސް އަހަންނާ އަހަރެންގެ ދަރިފުޅަށް ތި އަނިޔާ ކުރަނީ؟" އިވެމުން ދިޔައީ މަންމަގެ އަޑު ކަމަށްވިޔަސް މަންމަގެ ކުރިން ލޫލޫއަށް ފެނިގެން ދިޔައީ އެ ދޮރުމައްޗަށް އެރި މެދު އުމުރުގެ އަންހެނެކެވެ. މޮޅު ފޮތީގެ ދިގު ހެދުމަކާއެކީ ބުރުގާ އަޅައިގެން ހުރި އެ އަންހެން މީހާ ފެނިފައި އަތްމަތި ތަނަވަސް މީހެއްކަން ލޫލޫއަށް އެނގުނެވެ. ހަމަ އެއާއެކު ދެންމެ މަންމަ ބުނެލި ވާހަކައިން އެ އަންހެން މީހާ އާއި ލޫލޫގެ ބައްޕައާ ގުޅުމެއް އޮތްކަން އެނގުމުން މޭ ނުބައި ކުރިއެވެ.

"އެނގެއޭ ޖަލީލާގެ މައްސަލައެއް ނެތްކަން. އެކަމަކު ތީނަގެ ފިރިހެން ދަރިފުޅު އެބައުޅޭ މިކަން މައްސަލައަކަށް ވެގެން. ނޫން ކަމަށް ހަދައިގެން މަގޭ ކުރިމަތީގަ މަށަށް މަލާމާތް ކުރަނީ. މަށަށް އެނގެއޭ އޭނަ ކަލޭމެންނަށް ލާރި ދޭ މިންވަރު ވެސް. އެ ޖިނާހުގެ އަތުގަ ވެސް ހުރިއްޔާ ހުންނާނީ ލަބީބުގެ މުދާ. ލަބީބުގެ ފައިސާއިން އެންމެ ލާރި ފޮއްޗެއް ވެސް ކަލޭމެންނަށް ލިބެން އަހަރެން ނުރުހޭ! އެނގިއްޖެ؟" އަޒީޒާ އޭނަގެ ފަހަތުން ކޮޓަރިއަށް ވަން ޖަލީލާގާތު އެހެން ބުނެލީ ޖަލީލާއަށް ލޯ އަޅައި ދަތްކުނޑި ވިކަމުންނެވެ. އެ މޫނު އެއްފަރާތަކުން ފެނުނު ކަމުގައި ވިޔަސް އޭރުވެސް އޮތްގޮތަށް އޮތް ލޫލޫގެ ހިތް ބިރުގަތެވެ.

"މަށަށް ވަރިހަމަ އެންމެ ލާރި ފޮއްޗެއް ނުލިބުނަސް! މަ އަމިއްލައަށް މަސައްކަތް ކޮށްގެން މަގޭ ކައިރީގަ މި ހުރި ދަރިފުޅުގެ ހުރިހާ ބޭނުމެއް ފުރިހަމަކޮށްދޭނަން. އަޑު އިވިއްޖެ؟" ޖަލީލާ ރުޅިވެރިކަމާއެކީ ކަރުނަތައް އޮހެމުން ދާ ހާލު ބުންޏެވެ.

"ހުމް..... އަޑުއިވިއްޖެ. ދެން ކަލޭގެ ހުރި ދެން ހުރި ދަރިފުޅާމެދު ވެސް ތިހާވަރަށް އަޅާލާ ކަމަށް ވަންޏާ މިރޭ އަހަރެން އަންގާ ބޯޓަކަށް އަރައިގެން މި ރަށުން ފައިބައިގެން އަހަރުމެންނަށް ނުފެންނަ ހިސާބަކަށްދޭ! ދާ ތަނެއް އެ ޖިނާހަށް އަންގަން ޚިޔާލު ވެސް ނުކުރާތި. މަ ބޭނުމީ މަށަށް މަލާމާތް ކުރުމުގެ ބަދަލުގަ އޭނަ ކަލޭމެން ނުފެނިގެން ގަނަތެޅޭތަން ދެކެން!" އަޒީޒާ އެންގި އެވެ. އެ ބަސްތަކުގެ މާނަ ރަނގަޅަށް ނޭނގުނެއް ކަމަކު އެ ވާހަކަ އިވިފައި މަންމަ ރޫރޫއަޅައިގެން ދިޔަ ގޮތް ފެނި ލޫލޫގެ ވެސް ހިތް ގެނބުނެވެ. މަންމަ ބުނާނެ ވަކި އެއްޗެއް ނޭނގިފައި ވަނިކޮށް އަޒީޒާ އިތުރަށް ވާހަކަ ދެއްކިއެވެ.

"އޭނައަށް ކަމެއް ނުކޮށް އަހަރެން މި ހުންނަނީ ހައްތަހާ ވެސް އޭނަގެ ފަރާތުން ލަބީބްގެ ސިޔާސީ ހަޔާތަށް ފައިދާއެއް ކޮށްފާނެއޭ ހިތާ. އެކަމަކު ހަނދާން ބަހައްޓާތި ކަލޭމެންނާ މިއަދު އޭނަ ދިމާވެއްޖެއްޔާ މަގޭ ކެތްތެރިކަން ކޮޅުންލާނެ!"

އެރޭ މަންމައާއެކީ ބަނދަރަށް ގޮސްފައި ހުރި ވަގުތު ވެސް ލޫލޫގެ ކަންފަތުގައި އެ ބަސްތައް ގުގުމަމުން ދިޔައެވެ. މަންމައާ އެކީގައި ގޮސް އެމީހުން އަރަންޖެހޭ ބޯޓަށް އަރައި އިށީން ވަގުތު ވެސް ލޫލޫއަށް ވިސްނެމުން ދިޔައީ އަޒީޒާގެ ވާހަކަތަކާ މެދުގައެވެ. ވިސްނި ވިސްނިހެން ލޫލޫގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ބޭބެ ގާތު އެހުރިހާ ވާހަކައެއް ކިޔައިދީފިނަމަ ބޭބެ އެ އަޒީޒާއަށް ރަނގަޅު ޖަވާބެއް ދޭނެކަމަށް ހިތް ބުނަމުން ދިޔައެވެ.

ލޫލޫ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް މަންމަ ކެއްސަން ފެށި އަޑަށް ލޫލޫއަށް ކައިރީގައި އިން މަންމައާ ދިމާލަށް ބަލައިލެވުނެވެ. އެދުވަހު ހެނދުނު ހިނގި ހާދިސާއަށްފަހު މަންމަ ރަނގަޅެއް ނޫންކަން ލޫލޫއަށް އެނގެއެވެ. އެވަގުތު ވެސް އަތް ހިއްލައި އަތުގެ ނުފުށް މަންމަގެ ބޮލުގައި ޖެއްސި ވަގުތު ވަރަށް ގަދައަށް ހުން އައިސްފައިވިކަން އެނގުމުން ލޫލޫއަށް ވާހަކަ ދެކެވުނެވެ.

"މަންމާ...... މަންމަ ހާދަ ބަލިއޭ. ހިނގާބަލަ ބޯޓުން ފައިބައިގެން ޑޮކްޓަރަކަށް ދައްކަން." ލޫލޫއަށް ކަންބޮޑުވުމަކާ އެކީ އެހެން ބުނެލެވުނީ މަންމަގެ ދުޅަވެފައިވި ދެލޯ މެރެން ވެސް ގާތްވަމުން ދިޔަ މަންޒަރު ބަލަން އިނދެއެވެ.

"އެއީ މައްސަލައެއް ނޫނޭ ދަރިފުޅު! ރަށަށް ގޮއްސަ އެކޮޅުން ބޭސް ގުޅައެއް ގަނެގެން ކައިލީމަ ރަނގަޅުވާނެ...." ޖަލީލާ ތުރުތުރު އަޅާ އަޑަކުން ހިތްވަރުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. ހަމަ އެވަގުތު ބިޔަ ހަށިގަނޑުތަކެއްގެ ވެރި ފަސް ފިރިހެނުން އެ ބޯޓަށް އަރައިގެން އަންނަން ފެށުމުން ލޫލޫއަށް އެމީހުންނާ ދިމާލަށް ބެލުނެވެ. އެއީ ރަނގަޅު ބައެއް ނޫންހެން ހީވީ އެމީހުން ލައިގެން ތިބި ބޮޑެތި ޖެކެޓްތަކާއެކީ ބައެއް މީހުން މޫނު ވެސް ނިވާކޮށްގެން ތިބުމުންނެވެ. އެމީހުންނާމެދު ވިސްނަން އުޅުނުތަނާހެން ލޫލޫގެ ވިސްނުން އެހެން ދިމާލަކަށް ދިޔައީ އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ލިއަމްބެ ބޯޓަށް އަރަމުން ދިޔަ މަންޒަރު ފެނުމުންނެވެ.

ލިއަމްބެއަކީ ލޫލޫގެ ބޭބެގެ ގާތް އެކުވެރިއެކެވެ. ބޭބެ ފޮނުވާ ބައެއް ހަދިޔާތައް ވެސް ލިއަމްބެގެ އަތަށް ދީފައި ބައެއް ފަހަރު ފޮނުވާފައިވާތީ ލިއަމްބެ އާއި ލޫލޫއާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. އިސާހިތަކު ލޫލޫއަށް 'ލިއަމްބެ' އޭ ކިޔައި ގޮވާލެވުނީ އެއީ އޭނަގެ ބޭބެ ނެތް ތަނުގައި ބޭބެ ކަމަށް ދެކިގެންނެވެ. އެ ބޭބެގެ ފަރާތުން އެހީއެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް ކީއްވެ ކަމެއް ނޭނގެއެވެ. ލޫލޫ ގޮވައިލި އަޑަށް އެތާ ކައިރީގައި ތިބި މީހުން ވެސް ބަލައިލިއެއް ކަމަކު ލިއަމްބެއަށް ލޫލޫގެ އަޑު އިވުނު ކަމަކަށް ނުވިއެވެ. ލިއަމްބެ އޭނައަށް ބަލާ ވެސް ނުލާ ބޯޓުގެ އެތެރެ ފަރާތަށް ވަދެގެން ދިޔައީއެވެ. ހަމަ އެވަގުތު ބޯޓު ދުއްވާލުމަށް އިންޖީނު ޖައްސާލެވުނު އަޑު އިވުމުން ލޫލޫއަށް އިންގޮތަށް އިނުން ނޫން ކަމެއް ނުކުރެވުނެވެ.

ބޯޓު ދުއްވަން ފެށުމުން ލޫލޫގެ ބޯއަނބުރާ ގޮތްވިއެއް ކަމަކު އެއަށްވުރެ ބޮޑަށް ކަންބޮޑުވަމުން ދިޔައީ ކައިރީގައި އިން މަންމައާ މެދުގައެވެ. އެހީއެއް ހޯދާނެ ގޮތެއް ނޭނގި ގޮތް ހުސްވުމުގެ އިހުސާސާއެކީ ލޫލޫއަށް ދޭތެރެ ދޭތެރެއިން ރޮވެމުން ވެސް ދިޔައެވެ. މިފަދަ ހާލެއްގައި ވަނިކޮށް ކުއްލިއަކަށް އެއްފަރާތަކުން އޭނައަށް ގޮވައިލެވުނު އަޑުއިވުނެވެ.

"އަނހަ! މިއީ ލޫލޫތަ؟" ލޫލޫ ބަލައިލި އިރު އެއީ ކުރިން އޭނަ ނުފެނުނު ލިއަމްބެއެވެ.

"ލިއަމްބެ.... އާނ މިއީ ލޫލޫ! ލިއަމްބެ އާދެބަލަ ނިކަން އަވަހަށް. މަންމަ މިއޮތް ހުންއައިސްގެން ވެއްޓެނީ. ބޭބެއަށް ގުޅާފަ ބުނެބަލަ ލޫލޫމެން ބަލައި އައިސްދޭށޭ. މިއަދު ގެއަށް އައި ކޮންމެ ވެސް އަންހެނަކު ބުނެގެން މަންމަ ބޭބެއަށް ނުވެސް އަންގާ ފުރައިގެންދާން މިއުޅެނީ...." ލޫލޫ ރޮވިފައި އިނދެ ލިއަމްއަށް ކިޔައިދިންދިން ހެން ލިއަމް ލޫލޫގެ ކައިރިއަށް އައިސް ލޫލޫގެ ކައިރިއަށް ތިރިވިއެވެ.

"އާނ ބޭބެ ބުންޏޭ ލޫލޫއާ މަންމަ މި ބޯޓުގަ ތިބޭނެ ވާހަކަ...." ލިއަމް ލޫލޫގެ ކަރުނަތައް ފޮހެމުން އެހެން ބުނެލީ ނުހަނު ހެޔޮ އެދޭ ރާގަކަށެވެ.

"އަސްލުވެސްތަ؟ ބޭބެއަށް އެނގޭތަ ލޫލޫމެން މި ބޯޓުގަ ތިބިކަން؟" ލޫލޫ އެހިއެވެ. އެއާއެކު ލިއަމް ބޯޖަހާލިއެވެ.

"ބޭބެއަށް އެނގޭ ރަށަށް ދާންކަން ތިއުޅެނީ. އެހެންވެ ލިއަމްބެ ފޮނުވީ ލޫލޫމެން ބަލާ އަންނަން. މިހާރު މި ބޯޓާ ކައިރިކުރަން އުޅޭނެ ލޫލޫމެންގެ ބައްޕަގެ ބޯޓެއް. ފުރަތަމަ ލިއަމްބެ މަންމަ ގެންގޮސްދޭނަން އިނގޭ އެ ބޯޓަށް. ބޭބެ ބުނެފަ އޮތްގޮތަށް ލިއަމްބެ ހަދައިދޭނަން އިނގޭ. ލޫލޫ މަޑުކޮށްލައްޗޭ!" ލިއަމް އެހެން ބުނެލީ ލޫލޫގެ ކަރުނަތައް ވެސް ފޮހެމުންނެވެ. ލޫލޫ މައުސޫމް ކަމާއެކީ ބޯޖަހައިލީ މި ވާހަކަ ދެކެވެނީ ހަތުރަކަށް ބަދަލުވެފައިވި އެކުވެރިއަކާކަން ނޭނގިއެވެ.

ލޫލޫ ބަލަބަލާ އިންދާ ލިއަމް 'ދައްތަ އަންނާށޭ' ބުނެ އުދަގުލާއެކީ ޖަލީލާ ތެދުކުރުވިއެވެ. އެހިނދު ޖަލީލާގެ ލޯ ކިރިޔަ ކިރިޔާ ހުޅުވިފައިވިކަމެވެ. ލޫލޫ ބަލަބަލާ ހުއްޓާ ލިއަމްބެ މަންމަ ގެންދަން ފެށީ ބޯޓުގެ ހިޔާކޮށްފައިނުވާ ދިމާލަށެވެ. މަންމަ އެހާ ބަލިއިރު ވެސް އެހާ ދުރަށް ގެންދަމުން ދިޔައީތީ ލޫލޫ ހައިރާންވިއެއް ކަމަކު އެތާ ހުރި ބަލި ދަންނަ މީހަކަށް ދައްކަން އުޅެނީ ކަމަށް ލޫލޫއަށް ހީކުރެވުނެވެ. އެހެނަސް ލޫލޫ ބަލަބަލާ ހުއްޓާ ލިއަމްބެ ގޮސް މަންމައާއެކީ މަޑުކޮށްލީ ބޯޓުގެ އެންމެ ކޮޅުގައެވެ. އެއަށްފަހު މަންމަގެ އަތުން ދޫކޮށްލުމުން މަންމަ ލަސްލަހުން ގޮސް ކަނޑަށް ވެއްޓި ފެން ބުރުއްސައިގެން ދިޔަ މަންޒަރު ފެނުމުން ލޫލޫއަށް 'މަންމާ'އޭ ކިޔައި އަޑުގެ ކޮޅަށް ގޮވައިލެވުނެވެ.

**

އޭނަގެ އަމިއްލަ އަޑު ކަންފަތުގައި ގުގުމާލިހެން ހީވި ލޫލޫ ސިހިގެން ދިޔައީ އެވަގުތުކޮޅުގައި ހާސްވަނަ ފަހަރަށް ހުރެވުނުހެން ހީވި ވަގުތެވެ. އެހިނދު ލޫލޫއަށް އިނދެވުނީ އޭނަގެ ކޮޓަރީގެ އެނދު ކައިރީގައި ބިންމަތީގައި އިށީނދެގެންނެވެ. އެހެން އިންއިރު ދޮރުގައި ޓަކި ދެވެމުން ދިޔަ އަޑު އިވުނެއް ކަމަކު ހިރިލަން ވެސް ނޭނގިފައި އިނދެވުނެވެ. ބޭރުން އިވެމުން ދިޔަ ތިއްތިބެގެ އަޑުން އެދުވަހުގެ އަނދިރި ހަނދާންތައް ކުރިއަށް ދިޔައެއް ކަމަކު އެ ހަނދާންތަކުން ވެސް ހިތަށް އިހުސާސް ކުރެވެމުން ދިޔައީ އެ ތިއްތިބެގެ ހިތްހެޔޮކަމެވެ. ތިއްތިބެ މިވަގުތު އޭނައަށް ގޮވަނީ ކީއްވެކަން އެނގުނެއް ކަމަކު އެވަގުތު އެ ވާހަކަ ދައްކާ ހިތެއްނުވިއެވެ. އެވަގުތު އެހެން ނޫނަސް އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނުވީއެވެ.

ލޫލޫގެ ކޮޓަރީގެ ބޭރުގައި ފަސް މިނެޓަށްވުރެ ގިނައިރު ވަންދެން ހުރެވުނު ޒިހާން އެންމެ ފަހުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެވަގުތު އޭނަގެ ފުރަގަހަށް ވާގޮތަށް ބިންމަތީގައި މޮޕް އަޅަމުން ދިޔަ ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. ލޫލޫއަށް އެހެން ދިމާވުމާއެކު ޒިހާން ކުއްލި ގޮތަކަށް ޓީވީއަށް ބަލައި ޓީވީ ނިވާލާފައިވިއެވެ. ލޫލޫ އިސާހިތަކު ކަރުނުން ފުރިގެންވި ދެލޮލާ އެކީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ. ދޮރު ތަޅުލުމާއެކު ޒިހާން ގޮސް އެ ދޮރުގައި ޓަކިދީ ލޫލޫގެ ހަބަރެއް ވޭތޯ ބަލަން ފެށިއެވެ. ޒައިނާ އާއި މަންމަ ވެސް ސުވާލުކުރުމުން ޒިހާން ވަކި އެއްޗެކޭ ބުނާ ކަހަލަ ހިޔާލެއް ނުކުރިއެވެ.

"ޒިހާން..... އަހަންނަށް ހީވަނީ އިރުކޮޅެއް ފަހުން ވާހަކަ ދެއްކުންހެން ރަނގަޅުވާނީ." ޒިހާން ނާއުއްމީދީ ގޮތަކަށް ދޮރު ކައިރީގައި ހުންނަން ފެށުމުން ޔުނާއަށް ބުނެލެވުނެވެ. ޒިހާން ބޯޖަހާލަމުން ޔުނާއަށް ބަލައިލިއެވެ.

މޮޕް އަޅައި ނިންމުމަށްފަހު ޔުނާ ޒިހާނާ އެކީ ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ. ޒިހާންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ޒިހާން އޭނައަށް ފަސްދީގެން ހުރެފައި ކުއްލި ގޮތަކަށް އޭނައަށް ބަލައިލިއެވެ.

"ޔުނޫ..... އަހަރެން މި ކުރާ ސުވާލަށް ޖަވާބެއް ދެވިދާނެތަ؟" ޒިހާން އެހިއެވެ. ޔުނާ ހައިރާންކަމެއްގައި ހުރެ ހޫންލައްވާލިއެވެ.

"ޖިނާހުގެ ކޮއްކޮއެއް ހުންނަ ވާހަކަ އޭނަ ދުވަހަކު ވެސް ބުނިތަ؟" ޒިހާން ސުވާލުކުރިއެވެ. ޒިހާންގެ ދުލުން ޖިނާހުގެ ނަން އިވިގެން ދިޔުމުން ޔުނާ ހުއްޓުން އެރިއެވެ. އެހެނަސް ވަގުތުން ޖަވާބު ދެވުނެވެ.

"އެހެން.... ދުވަހަކު ވެސް ނުބުނޭ. ޖިނާހުގެ އާއިލާއާ ބެހޭގޮތުން އެނގެނީ ވަރަށް ސިޔާސީ މަންމަ އާއި ބައްޕައެއް އުޅޭކަން." ޔުނާ ކިޔައިދިނެވެ.

"އެހެންވީމަ އޭނަ އެކަން އެކަކަށް ވެސް ނާންގަނީތާ....." ޒިހާން ވިސްނުމެއްގައި ހުރެ އަމިއްލަ އަމިއްލައަށް ބުނެލިއެވެ. ޔުނާ ވާނުވާއެއް ނޭނގުނެއް ކަމަކު ސުވާލެއް ނުކުރިއެވެ. ޒިހާން ހިއްސާކުރަން ބޭނުންނުވާ ވާހަކައެއް ދެނެގަންނަން ބޭނުމެއް ނުވުމުންނެވެ. އެހެނަސް ޔުނާ އެއްޗެކޭ ނުބުނެ ހުއްޓާ ޒިހާން ޔުނާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"އަހަންނަށް ހީވަނީ އަހަންނަށް އެނގޭހެން ޖިނާހުގެ ރުޅިވެރިކަން ފިނިވާނެ ގޮތެއް..... އަދި ޔަޒްދާންބެގެ މަރުގެ ފަހަތުގައި ވާނީ ކާކުކަން ވެސް އަހަންނަށް މިހާރު އެނގޭހެން ހީވަނީ...." ޒިހާން ބުނި ވާހަކައާއެކު ޔުނާގެ ދެލޯ ބޮޑުވިއެވެ.

"ކާކު؟!" ޔުނާއަށް ވައިއަޑުން އަހައިލެވުނެވެ.