އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ސްޓެލްކޯގެ ގްރީން ލައިފް ބަސް ސްޓޮޕް މިއަދު ހުޅުވައިފި އެވެ.

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ކުޑަކުދިންގެ ބަގީޗާ ފުރަގަހުގައި ހަދާފައިވާ އެ ބަސް ސްޓޮޕް ހުޅުއްވައި ދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މި ބަސް ސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ މީހުންނަށް ސްޓެލްކޯ އިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު ދޭ ވަރަށް ވެސް ފުރިހަމަ އަދި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި ސްޓެލްކޯ އަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މި ބަސް ސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯ އިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި. ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކީ އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހެދި މި ބަސް ސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު އަތްވާއި ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސް ސްޓޮޕެއް ކަމަށެވެ. އަދި ބަސް ދަތުރުކުރާ ރޫޓް އެނގުމާއި ބަސް ކައިރި ކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމާއި ފޯނު ޗާޖު ކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި ކަރަންޓު ނެގޭނެ ޕޮޓްތައް ވެސް އެތަނުގައި ގާއިމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބަސްސްޓޮޕަށް ބޭނުންވާ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް 100 ޕަސެންޓް އިޔާދަ ކުރަނިވި ހަކަތައަށް ބަރޯސާވާ ގޮތަށް ގާއިމްކުރި ފުރަތަމަ ބަސް ސްޓޮޕެވެ.