ސިޓީކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހެއް، މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިހާރު ކުރިއަށްގެންދާ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ބަޖެޓަކީ ކަންތައްތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަހަރު އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ހަތަރު މިލިޔަން ރުފިޔާއަކީ ނޭވާލެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އަދި ހޭލުންތެރި ކުރުމަށް އެއްވެސް ބަޖެޓެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. ކޮމިޝަނަރު ވިދާޅުވީ، ބަޖެޓު ކުޑަ ނަމަވެސް ހަރަދުތައް ކުޑަކޮށްގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި، ކައުންސިލްތައް ޖަވާބުދާރީ ކުރުމާއި އެ ތަންތަނުގެ މައުލުމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި، މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ މަސައްކަތް މިމަހު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

"މަހޯލި އެއީ މިކަމަށް ހަރަކާތްތެރިވާނެ އާރުޓީއައި އެކްޓިވިސްޓުން،" ކަމަށް ފިޔާޒު ވިދާޅުވިއެވެ.

ފިޔާޒު ވިދާޅުވީ އެއީ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ބައެއް ކަމަށާއި، އެކަމަށް މިހާރުވެސް 50 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.