އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 23ވަނަ ދުވަހުއެވެ.

އެއީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އަބްދުލް އަޒީޒަށް 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާތީ، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ކަނޑައެޅިއެވެ.

ކޮމިޓީން ހުށަހެޅި ރިޕޯޓާ ގުޅިގެން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަބްދުލްއަޒީޒު އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވިއެވެ.

އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރުގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އެ މަގާމުގައި އޭނާ ހުންނެވީ 22 ޖުލައި 2019އާ ހަމައަށެވެ.

އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަހުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.