ކުޅިވަރު

ޓީސީއަށް ކުޅުނު އެނަޓޮލީ ޔޫވީއަށް

ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ކިރިގިސްތާނުގެ މިޑްފީލްޑަރު އެނަޓޮލީ ވްލާސިޗޭވް ޔުނައިޓެޑް ވިކްޓަރީއާ ގުޅިއްްޖެއެވެ.

އުމުރުން 32 އަހަރުގެ އަނަޓޯލީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީން ވަނީ މީގެ ކުރިން އެ ޓީމަށް ކުޅެފައިވާ ކިރްގިސްތާންގެ ކީޕަރު ރުސްލާން އާމިރޯފާއި ފޯވާޑް ޔޫކްރޭނުގެ ކީރްލޯ ސިލިޗް ވެސް ގެނެސްފަ އެވެ. އެ ޓީމާ ދެން ގުޅުނީ ކިރްގިސްތާންގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފްއެވެ.

2018 ވަނަ އަހަރުގެ ސީޒަނަށް ޓީސީއަށް ގެނައި ވްލާސިޗޭވްއަކީ އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން މެޗުތަކުގައިވެސް ވްލާސިޗޭވްގެ ހިތްގައިމު ކުޅުން ފެނިފައިވާއިރު، ކްލަބުން އޭނާ ފޮނުވާލީ ސީޒަންގެ މެދުތެރެއިން ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

އޭގެފަހުން ކިރިގިސްތާނުގެ ޓޮޕް ފްލައިޓް ޓީމެއް ކަމަށްވާ އަލްގާ ބިޝްކެކްގައި ތަމްރީނުކޮށް، އެ ކްލަބަށް ވްލާސިޗޭވް ކުޅެފައިވާއިރު، މިވަގުތު އޭނާ ހުރީ ފުލް ފިޓްނަސްގައެވެ. ޓީސީއާ ގުޅުމުގެ ކުރިން ވްލާސިޗޭވް ވަނީ ކިރިގިސްތާނާއި ކަޒަކިސްތާންގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ޓީމުތަކަކަށް ކުޅެފައެވެ. އެގޮތުން އަލޭ އޯޝް، ލަޝީންގެ އިތުރުން ސްޕާޓަކު ސެމޭއާއި ޑޯޑޯ ބިޝްކެކް އަދި އޮކްޒެޕްޓްޕެސްއަކީ ވެސް ވްލާސިޗޭވް ކުޅެފައިވާ ކްލަބުތަކެވެ. ވްލާސިޗޭވް ވަނީ 2016 ވަނަ އަހަރު އޮމާން ކްލަބަކާއެކު އޮމާންގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެފައެވެ.

ޔޫވީން ވަރުގަދަ ޓްރާންސްފާތަކަކާ އެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނައިރު، އެ ކްލަބުން ވަނީ ރަނގަޅު ދިވެހި ކުޅުންތެރިންގެ ސޮއި ވެސް ހޯދައިފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ރަޝީދު (އައްމަޑޭ)ގެ އިތުރުން ހުނަރުވެރި ވިންގް އަހުމަދު ނިޒާމް (ނިޒާމްބެ) ހިމެނެއެވެ.