ކްރިސްޓިއާނޯ ރޮނާލްޑޯގެ ބާރު ސްޕީޑަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓް ތައުރީފު ކޮށްފިއެވެ.

ބޯލްޓަކީ އަށް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދައި، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ އެންމެ ބާރު ދުވުންތެރިޔާއެވެ. 2017 ވަނަ އަހަރު އެތުލެޓިކްސްއިން ރިޓަޔާވި ބޯލްޓް އަތުގައި މިހާރުވެސް 100 މީޓަރުގެ ރެކޯޑާއި 200 މީޓަރުގެ ރެކޯޑު އެބައޮތެވެ. އޭނާ ދުވުމުގެ ކެރިއަރަކަށްފަހު ފުޓުބޯޅައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

ރޮނާލްޑޯގެ ދުވެއްޔަށް ތައުރީފު ކުރަމުން ބޯލްޓް ބުނެފައި ވަނީ މިހާރު ބޯލްޓަށްވުރެ ރޮނާލްޑޯގެ ދުވެލި މާ ބާރު ކަމަށް ފެންނަ ކަމަށެވެ. އަދި ރޮނާލްޑޯއަކީ ސުޕަ އެތުލީޓެއްގެ ގޮތުގައި ބޯލްޓް ވަނީ ސިފަ ކޮށްފައެވެ.

"ރޮނާލްޑޯ އަހަންނަށްވުރެ ބާރަށް ދުވާނެކަން ޔަގީން. ރޮނާލްޑޯ ކޮންމެ ދުވަހަކުވެސް ވޯކްއައުޓް ކުރާނެ. ރޮނާލްޑޯއަކީ ސުޕަ އެތުލީޓެއް. ރޮނާލްޑޯ އަދިވެސް ހުރީ އޭނާގެ ޕީކްގައި. ކޮންމެ ދުވަހަކު ފޯކަސް ގެއްލުވާނުލައި އިތުރަށް ވަރުގަދަވާން ރޮނާލްޑޯ މަސައްކަތް ކުރޭ. މިވަގުތު އަހަންނަށްވުރެ ރޮނާލްޑޯ ދުވެލި ބާރުވާނެ،" ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޯލްޓް ބުންޏެވެ.

9.58 ސިކުންތުން 100 މީޓަރު ނިންމައި 2009 ވަނަ އަހަރު ބާލިންގައި ބޭއްވި އޮލިމްޕިކްސްގައި ދުނިޔެ ހައިރާން ކޮށްލި ބޯލްޓް އަތުގައި 200 މީޓަރު ރެކޯޑު އޮތީ 19.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. އުމުރުން 34 އަހަރުގެ ބޯލްޓް ވަނީ އޭގެ ފަހުން ޖަރުމަނުގެ ޑޯޓުމަންޑްގެ އިތުރުން އޮސްޓްރޭލިއާގެ ކްލަބެއްގެ ޓްރައިލްގައި މަސައްކަތްތަކެއް ކޮށްފައެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ ދެ ސީޒަން ކުރިން ޔުވެންޓަސްއަށް ބަދަލު ވެ، އެ ކްލަބުގައިވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ޔުވެންޓަސްއަށްވެސް 71 ގޯލް ޖަހާފައިވާ ރޮނާލްޑޯ ވަނީ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއެކުވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއަށް ވެފައެވެ. ރޮނާލްޑޯ ވަނީ ކެރިއަރުގައި ފަސް ފަހަރަށް ބެލޮންޑިއޯ ކާމިޔާބު ކޮށްފައެވެ.