ށ. ބިލެތްފަހި، މ. މުލި އަދި ބ. ތުޅާދޫގައި އެއާޕޯޓެއް ހެދުމަށް ރޭވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ސަރުކާރަށް ދެ އަހަރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އެއާޕޯޓުތައް ހެދުމުން ވައިގެ ދަތުރުފަތުރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
"ކުރިއަށްއޮތް ތަނުގައި ބިލެތްފަހި އަދި މުލި އެއާޕޯޓު އެޅިގެންދާނެ. އޭގެ އިތުރަށް ތުޅާދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައިވަނީ. އެހެންވީމާ މި ދެންނެވި އެއާޕޯޓުތައް އެޅުނީމަ އިތުރަށް ފުރިހަމަވެގެންދާނެ. މ. މުލީގައި އެއާޕޯޓެއް އެޅުމާ އެއްކޮށް ހަގީގަތުގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް ގާތްގަނޑަކަށް 30، 35 މިނެޓުން ދަތުރުކުރެވޭ ގޮތަށް އޮންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ހުރި ގޮތުން ހދ. މަކުނުދޫއަކީ ވަކިން އޮންނަ ރަށަކަށް ވުމުން ވައިގެ ދަތުރުފަތުރު ކުރުމަށް އެ ރަށަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މަކުނުދުއަށް ވައިގެމަގުން ދަތުރުކުރެވޭނެ ކޮންމެވެސް ގޮތެއް ހަމަޖެއްސުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށެވެ. އަދި އެކަމާ މެދު މަޝްވަރާކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި ނުނިމި ހުރި ބައެއް އެއާޕޯޓުތަކުގެ މަސައްކަތްތަކާއި ފެށުނު އެއާޕޯޓުތަކުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށާއި އެގޮތުން މާވަރުލު އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި ހއ. ހޯރަފުށީ އެއާޕޯޓު ހުޅިވި، އަންނަ އަހަރުގެ ތެރޭގައި ޅ. މަޑިވަރު އެއާޕޯޓު ހުޅިވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ ހޯރަފުށީގެ އެއާޕޯޓާއި މަޑިވަރުގެ އެއާޕޯޓް. ﷲ އިރާދަކުރެއްވިއްޔާ މިމަސް ތެރޭގައި އަޅުގަނޑު ގަބޫލުކުރަނީ ހޯރަފުށީ އެއާޕޯޓު ހުޅުވިގެންދާނެ ކަމަށް. އަދި އޭގެ އިތުރުން މަޑިވަރު އެއާޕޯޓު މި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވިގެންދާނެ ކަމަށް. އެހެންވީމާ ރައްޔިތުންނަށް ވައިގެމަގުން ދަތުރުފަތުރު ކުރުމަށްޓަކައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު