ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗް ރޭޓިން އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރޭޓިން ވެސް "ސީސީސީ"އަށް ދަށްކޮށްފިއެވެ.
ކުރިން އަންދާޒާކުރެވުނު ވަރަށްވުރެ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހީނަރުވުމާއި ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން ފިޗުން ވަނީ މިމަހުގެ ކުރީކޮޅު ރާއްޖޭގޭ ރޭޓިން "ބީ" އިން "ސީސީސީ"އަށް ދަށްކޮށްފައެވެ. މި ރޭޓިންއަކީ އިގުތިސާދަށް ލޮޅުން ބޮޑު އަދި އިގުތިސާދު ރަނގަޅު ނުވެއްޖެނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިންއެކެވެ. އެ ރޭޓީން އާއި މި ރޭޓިން އަށްވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ނުދެއެވެ.
އިއްޔެ ފިޗުން ވަނީ އެޗްޑީސީގެ ރޭޓިން ވެސް "ސީސީސީ"އަށް ދަށްކޮށްފައެވެ. އެޗްޑީސީގެ ރޭޓިން ކުރިން އޮތީ "ބީ" ގައެވެ. މީގެ ކުރިން މިދިޔަ އޭޕްރީލް މަހު ވެސް ފިޗުން ވަނީ އެޗްޑީސީގެ ރޭޓިން "ބީ ޕްލަސް" އިން "ބީ"އަށް ދަށްކޮށްފައެވެ.
ފިޗުން އެޗްޑީސީގެ ރޭޓިން ދަށްކުރި ސަބަބެއް ކަމުގައި ބުނެފައިވަނީ އެ ކުންފުންޏަކީ ސަރުކާރުގެ ކުންފުންޏަކަށްވެފައި ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުގެ ދަށުން އެ ކުންފުނި އިނދަޖެހުމުގެ ފުރުސަތު އޮންނާނެތީއެވެ.
އެޗްޑީސީއަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ދަށުގައި އޮންނަ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ޑިރެކްޓަރުން އައްޔަންކުރަނީ ރައީސް އޮފީހުން ކަމަށްވުމުން، އެ ކުންފުނީގެ ގިނަ ނިންމުންތައް ނިންމަނީ ސަރުކާރުގެ ބަހާއެކު ކަމަށް ވެސް ފިޗުން ބުނެފައިވެއެވެ.
ފިޗުން ބުނީ އެޗްޑީސީއަށް ފައިސާ ހޯދުމުގެ ކަންތައްތަކުގައި ވެސް ސަރުކާރުން އިސް ދައުރެއް އަދާކުރާ ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ފަހުކޮޅު އެޗްޑީސީގެ ދަރަނީގެ 22 ޕަސަންޓް ދެއްކުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ، 73 ޕަސަންޓަށް ގެރެންޓީދީފައިވާ ކަމަށެވެ.
މިމަހުގެ ކުރީކޮޅު ރާއްޖޭގެ ރޭޓިން ދަށްކުރުމަށްފަހު ފިޗުން ބުނެފައިވާ ގޮތުގައި މިދިޔަ މަސްތަކުގައި ރާއްޖޭން ބޭރުގެ މާލީ އެހީ ހޯދަން ކުރި މަސައްކަތް ކާމިޔާބުވި ނަމަވެސް ބޭރު ފައިސާ ލިބުން އަދިވެސް މަދެވެ. އަދި ޓޫރިޒަމް ހަރަކާތްތައް އާންމު ހާލަތަށް ރުޖޫއަނުކޮށް ރާއްޖެއަށް ޑޮލަރު ވަންނަ ވަރު ރަނގަޅު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭން ބޭރުގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ބުންޏެވެ.
ފިޗުން އިތުރަށް ބުނީ، ކުރިން އަންދާޒާ ކުރެވުނު ގޮތާ ހިލާފަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އަލުން ރަނގަޅުވުމަށް އިތުރު ވަގުތު ނަގަމުން އަންނާތީ، ރާއްޖޭގެ އިގުތިސާދުގެ އައުޓްލުކް މިދިޔަ މަސްތަކުގައި ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގުތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް އެ އެޖެންސީން ލަފާކުރެއެވެ.
ފިޗުން އަންދާޒާކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގުތިސާދު 30 ޕަސެންޓު ދަށްވެ، ރާއްޖޭގެ އިގުތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެއެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުން އެކަން ގަބޫލުނުކުރާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނި ދުވަހަކު ވެސް ޑީފޯލްޓްވެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ދައްކަންޖެހޭ ވަގުތަށް އެއްކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑުގެ ވަބާ ކުރިމަތިވިތާ ހަތް މަސް ފަހުން ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި ބަލިމަޑުކަމާއެކު ވެސް ޓޫރިޒަމް ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ފަތުރުވެރިކަމުގެ ޕީކް ސީޒަނަށާއި އެއަށްފަހު ވެސް އެގޮތުގައި ރާއްޖެއަށް ހިފަހައްޓައިލެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ބުންޏެވެ.
ކޮވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވި އިރު އިގުތިސާދަށްވާނެ ގޮތަކާމެދު ސުވާލު އުފެދުނުކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ފައިނޭންސިން ގެޕް ކުޑަކުރުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު