ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކުރިން ޖޭޖޭ ސްޕޯޓްސްއަށް ކުޅުނު ޖަޕާން ޑިފެންޑަރެއް ސަސްއަށް

މީގެ ދެ އަހަރު ކުރިން ދެވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކްލަބަށް ކުޅުނު ޖަޕާންގެ ޑިފެންޑަރު އިއުސޫކް މޮހްރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް)އަށް ސޮއިކޮށްފިއެވެ.

މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރުވަމުން އަންނަ ސަސްއިން މޮހްރީ، ކްލަބާ ގުޅުނުކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މިހާތަނަށް ރަނގަޅު ލޯކަލް ކުޅުންތެރިންތަކެއް ވެސް ގެންގޮސް، ފަރިތަކުރުންތައް ފަށާފައިވާ ސަސްއިން އިއުލާން ކުރި މޮހްރީއަކީ 2018 ވަނަ އަހަރު ޖޭޖޭ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ.

ޖޭޖޭއަށް ކުޅުމުގެ ކުރިން މޮހްރީ ވަނީ ލާއޯސްގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ލާއޯ ޓޮޔޯޓާ އެފްސީއާއި މޮންގޯލިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އެތުލެތިކް 220 އަށް ވެސް ކުޅެފައެވެ. ޖަޕާންގެ ކޮކުޝިކަން ޔުނިވާސިޓީ ޓީމުން ކެރިއަރު ފެށި މޮހްރީ އަނބުރާ ރާއްޖެ އައުމުގެ ކުރިން އެންމެ ފަހުން ކުޅެފައިވަނީ އަރްމީނިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޓޮރްޕީޑޯ އެރެވެންއަށެވެ.

ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ)ގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވެސް އަންނަ ސީޒަންގައި ފެންނާނީ ސަސްއިންނެވެ. އޭގެ އިތުރުން ސަސްގެ ފަރިތަކުރުންތަކުން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާން ވެސް ފެނިފައިވެއެވެ.

ދެމެހެއްޓެނިވި ގޮތުގައި ކްލަބު ހިންގުމަށް ސުޕަ ޔުނައިޓެޑުން ހާއްސަ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވޭ އިރު، ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ، ދަގަނޑޭގެ ހިއްސާ ވެސް އޮންނަ ގޮތަށް އެ ކްލަބުން ވަނީ ސްޕޯޓްސް ކެފޭއެއް ވެސް މާލޭގައި ހުޅުވައިފައެވެ. ދަގަނޑޭގެ "ގޭދޮށު" ކްލަބެއްގެ ގޮތުގައި އޭނާ ސުޕަ ޔުނައިޓެޑް ސިފަކޮށްފައިވާ އިރު، އަންނަ ސީޒަންގައި ދަގަނޑޭ އެ ކްލަބުން ފެނުން ވަރަށް ގާތެވެ.