ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލްތައް ނިމުމުން އާދައިގެ ކަންކަމުގައި މާލެއަށް ފަރުވާ ހޯދަން އަންނަ ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ އަންނަ އަހަރު ގާއިމް ކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

"އެއީ މާލެއަށް ކޮންމެހެން އާދައިގެ ކަންކަމުގައި އަންނާކަށް ނުވެސް ޖެހޭނެ އިނގޭތޯ. އެތަންތަނުން އެ ހިދުމަތްތައް ލިބެން ހުންނާނެ. އެފެންވަރަށް ޓާޝަރީ ހޮސްޕިޓަލްތައް ތައްޔާރު މި ވަނީ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އަލަށް ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލްތަކަކީ ކޮންމެވެސް ސްޕެޝަލިޓީއެއް ހިމެނޭނެ ހޮސްޕިޓަލެއް ކަމަށާއި ރާއްޖެއިން ބޭރަށް ދާދިއުން ކޮންމެވެސް ވަރަކަށް އެކަމުގެ ސަބަބުން މަދުކުރެވިގެންދާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ ސަރަހައްދީ ފެންވަރުގައި ރަނގަޅު ސިއްހީ ހިދުމަތް ދޭ ތަނަކަށް ރާއްޖެ ހެދޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ސްޕެޝަލިސްޓް ކުރާނެ ދާއިރާތަކާއި ހޮސްޕިޓަލްތައް ކަނޑައެޅުން ކަމަށެވެ. އެކަމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށާއި ކަންކަން ނިންމާނީ ކަމާބެހޭ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއަކީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ކަމަށާއި މި ސަރުކާރުން ވިސްނާފައި އޮތީ މުޅި ރާއްޖެ އެކީ އެކައްޗަކަށް ތަރައްގީ ކުރުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާާވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.