ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ކުދި ގައުމުތަަކަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުން އަރައިގަންނަން ދަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެފައި މިވަނީ ތިންވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފުލާގައެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި އެ ގައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ނަމަވެސް މިހާރު އަލުން ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތާ މެދު ވިސްނާއިރު, ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ގައުމުތަަކަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުން އަރައިގަންނަން ދަތިވާނެ. މިގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ ހާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމަށެވެ. އަދި އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ހާލަތާއެކު މުހިންމު ދެ ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށާއި ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މިފަދަ އެކިއެކި ކާރިސާތަކަކީ ގައުމުތަކުގެ ބޯޑަރުތަކަށް އިހުތިރާމުކުރާ ނުވަތަ ވަކި ގައުމަކާ މެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމަށެވެ. އަދި ދެވަނަ ފިލާވަޅަކީ ދުނިޔޭގެ ހުރިހާ ގައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމަށާއި މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މިގޮތުގައި މަސައްކަތްކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.