ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީން އައީ ކޮން ތަނަކުން ހެއްޔެވެ؟ ދިވެހީންގެ އަސްލު ގުޅިފައި ވަނީ ކޮން ބަޔަކާ ތޯއެވެ؟ މިއަދުގެ ދިވެހި ޖީލުގެ މަތިކޮޅު އެނގެނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ ދިވެހި ތާރީހުން ފާހަގަ ކުރެވިފައި ވާ މުހިއްމު ބޭބޭފުޅުންގެ ދަރިކޮޅުތައް އަދިވެސް އެނގޭން އެބަ އޮތް ހެއްޔެވެ؟ މިއީ ދިވެހިރާއްޖެއާ ބެހޭ ގޮތުން ދިރާސާ ކުރާ ކޮންމެ މީހަކު ވެސް ދިރާސީ ނަޒަރަކުން ޖަވާބު ހޯދުމަށް ބޭނުން ވާނޭ ސުވާލުތަކެއް ކަން ޔަގީނެވެ.

ދިވެހި ނަސްލަކީ މަސްހުނި ނަސްލެކެވެ. ދިވެހިރާއްޖޭގެ އަހުލުވެރީންގެ އަސްލު ދެނެގަތުމަށް މިހައި ތަނަށް ކުރެވިފައި ވާ ދިރާސާތަކުން ދައްކާ ގޮތުގައި ހިންދު މާކަނޑުގައި، ދިވެހިރާއްޖޭގެ ވަށައިގެން ހުރި ބައްރުބައްރާއި ކަރަކަރައާއި ރަށްރަށުގެ މީހުންގެ ސިފައާއި އާދަކާދަ ދިވެހީންގެ ކިބައިން ވެސް ފެނެއެވެ.

ތާރީހީ ގޮތުން އެނގޭ ގޮތުގައި އިންޑިޔާގެ އައްސޭރިފަށުގެ ރަށްރަށާއި ސިލޯނާއި މެލޭޝިޔާއާއި އިންޑޮނޭޝިޔާއާއި އެފްރިކާ ބައްރުން ސޯމާލިޔާއާއި ޒެންޒިބާރާއި އަރަބި ބިންތަކުގެ ތެރެއިން އޮމާނާއި ޔަމަން އަދި މީގެ އިތުރުން އީރާނާއި ތުރުކީއާ ވެސް ދިވެހީންގެ ނަސްލު ވަނީ ގުޅިފައެވެ. އަދި މީގެ ކުރީން މި ގޮތަށް ފާހަގަ ވެފައި ނުވާ އެތައް ތަނަކާ ވެސް ގުޅިފައި ވާ ކަން ޑީ.އެން.އޭ ޓެސްޓުތަކެއްގެ އެހީގައި ވަނީ ދެނެގަނެވިފައެވެ. މި ގޮތުން ގާތްގަނޑަކަށް 42 މީހެއްގެ ޑީ.އެން.އޭ ސާމްޕަލުން ވަނީ، ދެކުނު އޭޝިޔާ (އިންޑިޔާ، ޕާކިސްތާނު، ބަންގްލާދޭޝް، ޝްރީލަންކާ)އާއި ނޭޕާލާއި (ނޯޓު:- ޑީ.އެން.އޭ ނަތީޖާގައި ނޭޕާލު ހިމަނައިފައި ވަނީ ދެކުނު އޭޝިޔާއާ ވަކީންނެވެ.) އަދި ތުރުކީއާއި އީރާނާއި، އަފްޣާނިސްތާނާއި، އޮމާނާއި، ޔަމަނާއި، ޔޫއޭއީއާއި، ކުވައިތާއި، އިރާގާއި، ސައުދީއަރަބިއްޔާއާއި، ބަހްރައިންއާއި، ގަތަރާއި ހުޅަނގު އެފްރިކާއާއި ސޯމާލިޔާއާއި ޓެންޒޭނިޔާއާއި މަޑަގަސްކަރައާއި ދެކުނު އެފްރިކާގެ އިތުރުން ކޮރެއާއާއި ޖަޕާނާއި ޗައިނާއާއި ވިއެޓްނާމާއި ފިލިޕީންސާއި އިންޑޮނޭޝިޔާއާއި ޕަޕުއާއި މެލަނޭޝިޔަން ނަސްލާއި މެލޭ ނަސްލާ ވެސް ގުޅުން ހުރިކަން ކަށަވަރު ވެފައެވެ. މި 42 ސާމްޕަލުން ޔޫރަޕުގެ ނަސްލު އެއްވެސް ވަރަކަށް ދައްކައިފައެއް ނުވެއެވެ. އެހެން ނަމަވެސް ދިވެހީންގެ ތެރޭގައި ޔޫރަޕުގެ ނަސްލުގެ މީހުން ވެސް ތިބި ކަމީ ދިވެހީންގެ ނަސްލު ދެނެގަތުމަށް ކުރެވިފައި ހުރި އެހެން ދިރާސާތަކުން ކަށަވަރު ވާ ކަމެކެވެ.

ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ ޑީ.އެން.އޭ ސާމްޕަލް ނަގައިގެން ދިރާސާ ކޮށްފިއްޔާ، ދިވެހީންގެ ތެރޭގައި ނިސްބަތުން އެންމެ ބޮޑަށް އޮތީ ކޮން ނަސްލެއްގެ އަސަރުކަން އިތުރަށް ސާފު ވެގެން ދާނެއެވެ. ދިވެހީންގެ ތެރޭގައި ލިޔެވި ބެލެހެއްޓެމުން އަންނަ ދަރިކޮޅުތަކާއި އެ ދަރިކޮޅުތަކުގެ ތާރީހާ މެދު ލިބޭން ހުރި މައުލޫމާތުތަކާއި، އެ ދަރިކޮޅުތަކަށް ނިސްބަތް ވާ މީހުންގެ ތެރެއިން މިހައި ތަނަށް ޓެސްޓު ކުރުމަށް ޑީ.އެން.އޭ ސާމްޕަލް ނެގުނު މީހުންގެ ޑީ.އެން.އޭ ޓެސްޓުން ލިބުނު ނަތީޖާއާ ދެމެދު އަރައިރުން ވުމެއް ނެތެވެ. ދިވެހީންގެ ތެރޭގައި އެންމެ ގިނައީ އިންޑިޔާ ދަރިކޮޅާއި އޮމާނާއި ޔަމަނާއި މެލޭ ދަރިކޮޅަށް ނިސްބަތް ވާ މީހުންނެވެ.

ކުރީން މި ދެންނެވި ދަރިކޮޅުތަކުގެ ތެރެއިން އެންމެ ދުރުން ފެށިގެން ލިޔެވި ބެލެހެއްޓެމުން އަންނަ ދަރިކޮޅަކީ އަލްފަޤީހް ސުލައިމާން އަލްޤާދިރީ (ސުލައިމާން ޤާދިރީ ކަލޭގެފާނު)ގެ ދަރިކޮޅެވެ. އަލްފަޤީހް ސުލައިމާން އަލްޤާދިރީ އަކީ ޔަމަނުގެ ޙަޟްރަމައުތުގެ ތަރީމުގެ ބެއިކަލެކެވެ. އޭނާގެ އަނބިކަނބަލުންނަކީ އޮމާނުގެ ޞޫރުގެ ބެއިކަނބަލެކެވެ. މި ދެކަނބަލުންގެ ދަރިކަލުންނަކީ މުޙައްމަދު އައްޞޫރީ އަލްޤާދިރީ (ޞޫރު ޤާދިރީ ކަލޭގެފާނު)އެވެ. ޞޫރު ޤާދިރީ ކަލޭގެފާނުންގެ ދަރިކަލުންނަކީ ޢީސާ ޤާދިރީ ކަލޭގެފާނެވެ. ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުންނަކީ އަލްފަޤީހް އަލްޙާފިޡް އަލްޥަރަޣު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފު ބިން ޢީސާއެވެ. މި ކަލޭގެފާނުން ފަސްދާނު ލެވިފައި ވަނީ އައްޑޫމީދޫ ކޯގަންނު މެދު ޒިޔާރަތުގައެވެ.

އައްޑޫމީދޫ ބޭކަނބަލަކާ މި ޔޫސުފު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ ޔަޙްޔާ ނާއިބުއެވެ. ޔަޙްޔާ ނާއިބު ފުރަތަމައަށް ކައިވެނި ބެއްލެވީ އައްޑޫމީދޫންނެވެ. މި ކައިވެނީން ލިބިލެއްވީ ދޮން ޚަދީޖާބޫއެވެ. ޔަޙްޔާ ނާއިބު ދެވަނައަށް ކައިވެނި ބެއްލެވީ ފުވައްމުލަކު ހޯދަޑު ބޭކަނބަލަކާއެވެ. މި ކައިވެނީން ލިބިލެއްވީ ޔޫސުފް ނާއިބެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަނބަލުން ދޮން ޚަދީޖާބޫއާ ކައިވެނި ބެއްލެވީ ފުވައްމުލަކު ހާނެއިގޭ ދޮން ޢަލިކަލޭގެއެވެ. ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު ކައިވެނި ބެއްލެވީ ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާއެވެ. މި ކައިވެނީން ލިބުނީ ޢަބްދު ނާއިބުއާއި އަބޫބަކުރު ނާއިބުއާއި ދޮން ޙަސަން ޚަޠީބު ކަލޭގެއާއި ދޮން އައިހާ ކަނބުލޭގެއެވެ. މި ދަރިކޮޅު މިއަދު ވަނީ މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. މި ދަރިކޮޅަށް ނިސްބަތް ވާ ބަޔަކު ނެތް އެއްވެސް އަތޮޅެއް ނެތެވެ. ދިވެހިރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި ވެސް މި ދަރިކޮޅަށް ނިސްބަތް ވާ މީހުން އެބަ ތިއްބެވެ.