އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 12

އަބްދުﷲ ފާރޫގް ހަސަން

(09 ނޮވެމްބަރުގެ އަދަދާ ގުޅޭ)

سعد އާއި ميـمــونـة އާ ދެބޭފުޅުންގެ ވާހަކަފުޅު އެހައިތަނަށް ދިޔައިރު إدريـس އަސްގުދަނުގައި އަސްބަންނަވައިފައި އެނބުރި ވަޑައިގެންފިއެވެ. إدريـس އާއި سعـد އާ ދެބޭފުޅުން ދުނިއުއްކަވަން ފަރިތަކުރައްވާން ބަގީޗާއާ ދިމާއަށް ވަޑައިގެންފިއެވެ. ميـمــونـة ވެސް އެދެބޭފުޅުންގެ ފަހަތްޕުޅުން ވަޑައިގެންނެވިއެވެ.

އިޝްބީލިއްޔާގެ ލަޝްކަރު މަޑުކުރީ ޤުރުޠުބާއާއި އައްޒަހުރާއާ ދެމެދު ވާދިލްކަބީރުގެ އައްސޭރީގައެވެ. معـتـمـد ގެ ދަރިކަލުން عُبــاد އާއި އޭނާގެ ވަޒީރު إبـن عمّــار އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޤުރުޠުބާގެ އަހުލުވެރީން އެލަޝްކަރަށް މަރުޙަބާކީ އިންތިހާދަރަޖައިގެ ޖޯޝާއި ފޯރިއާ އެކުގައެވެ. މިހާރު ޤުރުޠުބާގެ އާއްމުން އެބައިމީހުންނަށް ފަތަޙަ ލިބޭނެކަމަށް ހަމައެކަނި އުންމީދުކުރަނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެމީހުން ޔަގީންކޮށްގެން ތިބީ ދުޝްމިނުން ބަލިކުރުމަށްފަހު އެބައިމީހުން ފަހަމުން ޠުލައިޠުލާއާ ހަމައަށްވެސް ދެވޭނެކަމުގައެވެ. ނަމަވެސް ޤުރުޠުބާގެ މީހުންނަށް އެހީވެދެއްވާން އެއްހާސް އަސްވާރުން ގޮވައިގެން ވަޑައިގެންނެވި ބަޠުލިޔޫސްގެ ރަސްގެފާނު عـمـرالمـتــوكـل ހުންނެވީ ކަންހިނގަމުންދާ ގޮތާމެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެންފައެވެ. އޭނާ عبـدالمـلـك އަށް ވިސްނައިދެއްވިއެވެ. އިޝްބީލިއްޔާގެ މީހުންނަށް އިތުބާރު ކުރެއްވުމަކީ عبـدالمـلـك އަށް އެޅުއްވޭ ކުށް ފިޔަވަޅެއްކަމުގައި ވިދާޅުވިއެވެ. ނަމަވެސް عبـدالمـلـك އަށް ލަފާއަރުވާ މީހުންގެ ކުރިމައްޗަކު عـمـر ގެ ބަސްފުޅު ވިކޭގޮތެއް ނުވިއެވެ. عبـدالمـنعــم އާއި އޭނާއާ އެއް ޚިޔާލުފުޅެއްގެ ބައެއް އެކުވެރީން ފިޔަވައި އެހެން އެކަކުވެސް އިޝްބީލިއްޔާގެ މީހުންގެ މަޤުޞަދާމެދު ވިސްނައިލާކަށެއްވެސް ބޭނުމެއް ނުވިއެވެ. عـمـرالمـتــوكـل ހިތްޕުޅާ ނުވެގެން އޭނާގެ ސިފައިންނަށް އެނބުރިދާން އަންގަވައިފިއެވެ. عـمـر ޤުރުޠުބާއަށް ވަޑައިގަތުމުން އެތާނގެ އާއްމުން އުފަލުން ނަޢުރާކުރިއެވެ. ނަމަވެސް އަލަށް އައި އެހީތެރީންގެ ޢަދަދު ފެނުމުން އެންމެ އެއްހާސް އަސްވާރުން ރުޅިއައިސްގެން އެނބުރި ދިއުމަކީ އެއްވެސްމީހަކު އަޅައިލާވަރުގެ ކަމެއް ކަމަކަށެއް ނުވިއެވެ.

عبـدالمـلـك އާއި، إبـن عمّــار އާއި ޤުރުޠުބާގެ ލީޑަރުންގެ ސައްލާގައި އެއްބަސްވެވަޑައިގަތީ ذوالـنّــون ބަލިކޮށްލެއްވުމަށްފަހު ފުރިހަމަ ބާރާއެކު އޭނާ ފައްސަވަމުން ވަޑައިގަތުމަށެވެ. އެހެންކަމުން ތިންހަފްތާގެ ތައްޔާރުވުމަކަށްފަހު އެއްދުވަހެއްގެ ހެނދުނު ކުއްލިއަކަށް ޤުރުޠުބާގެ ދޮރޯށިތައް ހުޅުވައިލައިފިއެވެ. ޤުރުޠުބާއާއި އިޝްބީލިއްޔާގެ ސިފައިންނާއި، ޖިހާދުގައި އަމިއްލައަށް ބައިވެރިވާ މުޖާހިދުންގެ ޖަމާޢަތްތައް ރަށްބޭރަށް ނުކުމެ ދުޝްމިނުންނާ ޙަމަލާދޭން ފަށައިފިއެވެ. މެންދުރެއްހައިއިރު ވީއިރު ذوالـنّــون ގެ ލަޝްކަރު ބަލިވެއްޖެއެވެ. ހަވީރުވީއިރު عبـدالمـلـك އާއި އޭނާގެ އެކުވެރީންނަށް ތިއްބެވުނީ ދުޝްމިނުންގެ ފަހަތުން އެތައް ކޯހެއްގެ ދުރަށް ވަޑައިގެންނެވިފައެވެ. އެހައިތަނުން އެބޭފުޅުންނަށް ވިސްނިވަޑައިގެންނެވީ އިޝްބީލިއްޔާގެ ލަޝްކަރު ذوالـنّــون ފަހައިދިއުމުގައި ފުރިހަމައަށް ބައިވެރިނުވާކަމެވެ. ބައިވެރިވި ސިފައިންގެ ތެރެއިންވެސް ގިނަމީހުން އެނބުރި ހިނގައްޖެކަމެވެ. إبـن عمّــار އާއި عُبــاد ވެސްވީ ފަހަތަށް ފޭދިގެންދިޔަ މީހުންނާ އެކުގައިކަމެވެ. އިޝްބީލިއްޔާގެ ހަތްހާސް ސިފައިންގެ ތެރެއިން عبـدالمـلـك ގެ އަރިހުގައިތިބީ އެންމެ ދެހާސް ސިފައިންނެވެ.

ޤުރުޠުބާގެ ވަރުބަލިވެފައިތިބި ސިފައިން އިރުއޮއްސުމާއެކު ކުޑަކުޑަ ރަށެއްގައި މަޑުކޮށްލިއެވެ. عبـدالمـلـك ޤުރުޠުބާގެ ލީޑަރުންގެ ސިއްރު ޖަލްސާއެއް ބޭއްވެވިއެވެ. ބައެއް ބޭފުޅުން ޚިޔާލު ފާޅުކުރެއްވީ އިޝްބީލިއްޔާގެ ސިފައިން އެބައިމީހުންގެ ފިނޑިކަމާއި ކަންފަސޭހަކަމުގެ ސަބަބުން ފަހަތަށްޖެހުނީ ކަމުގައެވެ. عبـدالمـنعــم ވެސް އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާއަކީ إبـن عمّــار ފަހަތުގައި ހުންނެވުމަކީ ނުރައްކަލެއްކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅުންނާ އެއް ޚިޔާލެއްގެ ބޭފުޅެކެވެ. ތަފާތު ބޮޑު ބަހުސުތަކަކަށްފަހު ޖަލްސާއިން އެއްބަސްވެވަޑައިގެންނެވުނީ ފަސްސަތޭކަ ސިފައިންނާއެކު عبـدالمـلـك އަވަހަށް ޤުރުޠުބާއަށް އެނބުރި ވަޑައިގެންނެވުމަށެވެ. ލަޝްކަރުގެ ބާކީ ތިބި މީހުން عبـدالمـلـك ޤުރުޠުބާއިން ފޮނުއްވާ އަމުރުފުޅަކަށް އެރަށުގައި އިންތިޒާރު ކުރުމަށެވެ.

ޤުރުޠުބާގެ ބޮޑުން މި ސައްލާގައި ތިއްބެވިއިރު ޤުރުޠުބާގެ މަސްރަޙުގައި ކުޅެވެމުންދިޔައީ މުޅީން އެހެން އައު ތަމްސީލެކެވެ.

އާއްމުކޮށް ފާޅުވެފައި އޮތްގޮތުގައި إبـن عمّــار ޤުރުޠުބާގައި ހުންނަވައި ތިންހަފްތާ ވަންދެން ތައްޔާރުވެވަޑައިގަތީ ذوالـنّــون އާ ދޭތީން އެކައްޗަށް ޙަމަލާ ދެއްވުމަށެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާގެ މަޤުޞަދަކީ މުޅީން އެހެންކަމެކެވެ. އޭނާ އިޝްބީލިއްޔާއިން ވަޑައިގަތީ ރަންރިހީގެ ފުނިވަރުތައް ހިއްޕަވައިގެންނެވެ. ތިންހަފްތާގެ ތެރޭގައި އޭނާވަނީ ޤުރުޠުބާއާއި އައްޒަހުރާއުގެ އަމިއްލަ އެދުމުން ފުރިފައިތިބި މީހުންގެ ޒަމީރުތައް ބައްލަވައިގެންފައެވެ. ހަދިޔާތަކާއި އިނާމުތައް ބައްސަވައިގެންނެވެ. އޭގެތެރެއިން އެއްބަޔަކީ މަޖްލިސުއްޝޫރާގެ މަޝްވަރާގެމަތީން عبـدالمـلـك މަގާމުން ދުރުކުރައްވައިފައިތިބި މީހުންނެވެ. ކުޅިވަރާއި މަޖަލަށް ލޯބިކުރައްވާ ބޮޑުންކުރެވެސް އެއްޖަމާޢަތެއްވަނީ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަންނަބޭކަލުންގެ ނުފޫޒު ގަދަވަމުންދާ ދިއުމަކީ އެބޭފުޅުންނަށްހުރި ނުރައްކަލެއް ކަމުގައި ބައްލަވައިފައެވެ. އެބޭފުޅުން އެންމެ ކުރީބައިގައިވަނީ ޤައުމު ވިއްކަވައިލެއްވުމުގައި معـتـمـد އާ އެއްބައިވެވަޑައިގެންފައެވެ. معـتـمـد ގެ އެޖެންޓުންނާ އެންމެ އަވަހަށް ބައިވެރިވި ބަޔަކީ ވައިއަޅުވާ ޝާޢިރުންނެވެ. ޤުރުޠުބާގައި އިސްލާމީ ނިޒާމުގެ ވެރިކަމެއް ޤާއިމުވެއްޖެނަމަ އެބައިމީހުންގެ ޅެންތަކުގެ އަޑުއައްސަވައި އިނާމުދެއްވާ ބޮޑުން ހުސްވެދާނެތީ އެމީހުން ތިބީ ވަރަށް ބިރުންނެވެ.

އިސްވެދެންނެވި ބާވަތުގެ އެންމެންނަށް إبـن عمّــار ޔަގީންކޮށްދެއްވީ އެބައިމީހުންގެ ސަލާމަތަކީ معـتـمـد ކަމެވެ. އެބައިމީހުން ޤުރުޠުބާގެ ބާޒާރުތަކުގައި معـتـمـد އާއި إبـن عمّــار ގެ ޅެންތައް މީހުންނަށް ކިޔައިދެމުން ގެންދިޔައެވެ. އެބޭފުޅުންގެ ދީލަތިފުޅުކަމާއި، ހިތްޕުޅު ތަނަވަސްކަމުގެ ވާހަކަ ފޮނިތޮށި ކާފޫރުތޮޅިލައިގެން މީހުންނަށް ކިޔައިދެމުން ގެންދިޔައެވެ. އެބައިމީހުން އާއްމުންނަށް ވިސްނައިދެމުން ގެންދިޔައީ عبـدالـرّحـمن الأعظم (ތިނެއް) އަށްފަހު އަންދަލުސުގެ މުސްލިމުންނަށް އެރަސްކަލަކާމެދު ފަޚުރުވެރިވެވޭފަދަ ރަސްކަލަކު އުފެދިފައިވާނަމަ އެބޭފުޅަކީ معـتـمـد ކަމެވެ.

إبـن عمّــار ގެންނަވައިފައިވާ ރަންފުނިވަރުގެ ސަބަބުން މުދަލަށް ދަހިވެތިވެފައިވާ މީހުންގެ ލޯތައް ދިޔައީ ތަރަތަރަލަމުންނެވެ. މަގާމާއި ޖާހަށް ލޯބިކުރާ މީހުން ގަނެލެވުނީ އެބައިމީހުންގެ ހިތްހަމަޖެހޭކަހަލަ ވަޢުދުތަކުންނެވެ. އައްޒަހުރާގެ ފާރަވެރީންނަށާއި، ދެކުނުފަރާތުގެ ފިރިހެން ނޯކަރުންނަށްވެސް ވަނީ ހިތްފުރޭވަރަށް ހަދިޔާ ބަދިޔާ ކުރެވިފައެވެ.

ޤުރުޠުބާގެ އާއްމުން ތިބީ معـتـمـد ގެ ވަޒީރުގެ ދީލަތި އަތްޕުޅު ފެނިފައި ވަރަށްބޮޑަށް އަސަރުކޮށްފައެވެ. އޭނާގެ އަތްޕުޅުގައި ފޮރުއްވައިފައި އޮތް ޒަހަރުން ކަޅިކޮށްފައިވާ ޚަންޖަރެއް އެބައިމީހުންނަކަށް ނުފެނެއެވެ. إبـن عمّــار އޭނާގެ މަކަރުވެރިކަމުގެ ދާފަތުރައިލެއްވީ ވަރަށް ހުޝިޔާރުކަމާއެކުގައެވެ. އެހައިމެ ސިއްރު ސިއްރުންނެވެ.

މިހުރިހައި ކަމެއް ހިނގަމުންދިޔައިރު ޤުރުޠުބާގެ ދަންނަބޭކަލުން ތިއްބެވީ ހަނގުރާމައިގެ މައިދާނުގައެވެ. މަގާމުތަކުގައި ސާބިތުވެވަޑައިގެންނެވެ. إبـن عمّــار ތަކުރާރުކުރައްވައި އިޢުލާނު ކުރައްވަމުން ގެންދެވީ އޭނާގެ މަންޒިލަކީ ޠުލައިޠުލާކަމެވެ. އެހެންކަމުން ޤުރުޠުބާގެ އެންމެ ދުރުވިސްނޭ މީހުންވެސް إبـن عمّــار ގެ ނިޔަތް ރަނގަޅުކަމާ މެދަކު އެއްވެސް ޝައްކެއް ނުކުރެއެވެ.

ذوالـنّــون ގެ ލަޝްކަރާ ދެކޮޅަށް އެންމެފަހުގެ ޙަމަލާދެވުނުއިރުވެސް إبـن عمّــار އޭނާގެ ސިފައިންގެ ތެރެއިން ދެހާސްމީހުން ބައިތިއްބެވީ އައްޒަހުރާއާއި ޤުރުޠުބާ ދެމެދުގައިހުރި އެބައިމީހުންގެ ޢަސްކަރީ މަރުކަޒުގައެވެ. ذوالـنّــون ބަލިފުޅުވުމަށްފަހު އޭނާގެ ފަހަތްޕުޅުން ފަހައިދިޔަ އިޝްބީލިއްޔާގެ ސިފައިންގެ ތެރެއިންވެސް ފަސްހާސް މީހުން ތަންކޮޅަކަށް ގޮސްލާފައި އެއްފަރާތަކުން ލައިފައި އެނބުރި އަތުވެއްޖެއެވެ. ޤުރުޠުބާގެ އާއްމުން ތިބީ ފަތަޙައިގެ އުފަލުން މަސްތުވެފައެވެ. ޒަމާން ދައްކައިފާނެ ކެހިވެރި ކުލަވަރަކާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ޤުރުޠުބާގެ ވިސްނުންތެރިއަކު އިޝްބީލިއްޔާގެ ސިފައިން އެނބުރި އަންނާތީ އެކަމާ އިޢުތިރާޟު ކުރިކަމުގައިވިޔަސް އާއްމުންގެ އެއްވެސް މީހެއް އެކަމަކާ އަޅައެއް ނުލައެވެ. معـتـمـد ގެ ދަރިކަލުން عُبــاد ޤުރުޠުބާގެ މިސްކިތުގެ ސިޑިމަތީ ހުންނަވައި ފަތަޙައިގެ އުފަލުގައި އެއްވެފައިތިބި މީހުންގެ ތެރެއަށް ރަންރިހީގެ ފައިސާފޮތިތަކެއްގެ ވާރޭ ވެއްސަވަމުން ގެންދެވިއެވެ. އެއްވެފައިތިބި މީހުން އޭނާގެ ފައިތިލަފުޅުދޮށަށް މާމެލާމެލި އުކަމުން ގެންދިޔައެވެ. ރަށުގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި އިޝްބީލިއްޔާއާއި ޤުރުޠުބާގެ މަޝްހޫރު ޅެންވެރީން އެބައެއްގެ ސިފައިން، ހިތްވަރުގަދަކަމަށް ތާރީފުކޮށް ޅެންކިޔަމުން ގެންދިޔައެވެ. ރޭގަނޑު މުޅިރަށް އޮތީ ފާނޫޒުތަކާއި ލަންޓަންތައް ދިއްލައި ހުޅުދާން ކޮށްފައެވެ.

عبـدالمـلـك އޭނާގެ ލަޝްކަރުގެ ފަސްސަތޭކަ އަސްވާރުންނާއެކު ރަށަށް އަރައިވަޑައިގަތީ ހާރުދަމުއެވެ. އޭރުވެސް ބައެއް ބާޒާރުތަކާއި މަގުތަކުގައި އެއްބަޔަކު ކޮޅުކޮޅުމައްޗަށް ހިނގަހިނގައިފައި އުޅެއެވެ. އެކަމާހުރެ عبـدالمـلـك އާއި އޭނާގެ އެކުވެރީންގެ ހިތްޕުޅު ހަމަޖެހޭގޮތްވިއެވެ. އެބޭފުޅުންނަށް ކުރެވުނީ ކުށްހީފުޅެއް ކަމުގައި ވިސްނައިވަޑައިގެންނެވުނެވެ. عبـدالمـلـك މިސްރާބު ޖެއްސެވީ އައްޒަހުރާގެ ގަނޑުވަރާ ދިމާއަށެވެ. ނަމަވެސް ތަންކޮޅަކަށް ވަޑައިގެންނެވޭއިރަށް އިޝްބީލިއްޔާގެ ސިފައިން އޭނާ ހުއްޓުވައިފިއެވެ. ސިފައިންގެ އޮފިސަރެއް ކުރިއަށް ޖެހިލައިފައި ބުންޏެވެ. "މަޑުކުރައްވާ! ކަލާއަކަށް ތިޔަށްވުރެ ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ!"

عبـدالمـلـك ގެ އެކުވެރީންގެ ތެރެއިން މީހެއް ޖަވާބުދިނެވެ. "އަހަރެމެން ހުއްޓުވަން ކަލެއަކީ ކާކު؟"

"މިރަށުގެ އެއްވެސް މީހަކު މަދީނަތުއްޒަހުރާއަށް ދިޔަނުދޭން އަހަރެމެންނަށް ވަނީ އަމުރު އައިސްފައި!"

"މިހުންނެވީ سـلطـان عبـدالمـلـك ކަލެއަކަށް އެމަނިކުފާނެއް ނުހުއްޓުވޭނެ!"

"މިއީ سـلطـان عبـدالمـلـك ކަމުގެ ހެތްކަކީ ކޮބާ؟ އޭނާވީ ދުޝްމިނުން ފައްސަވަމުން އެމީހުންގެ ފަހަތުން ވަޑައިގެންފައި."

عبـدالمـلـك ގެ ސިފައިންގެ އޮފިސަރެއް ކުރިއަށް ޖެހިލައިފައި އޭނާގެ އަރިހުގައި ސިއްރުން ދެންނެވިއެވެ. "މިއުޅެނީ ކޮންމެވެސްކަހަލަ ކެހިވެރި ރޭވުމެއް. ރަނގަޅުވާނީ އަޅުގަނޑުމެން ޤުރުޠުބާއަށް ދިއުން."

عبـدالمـلـك އޭނާގެ ސިފައިންނަށް އަމުރުކުރެއްވިއެވެ. "ހިނގާ! ޤުރުޠުބާއަށް ދަމާ!"

އެބޭފުޅުން އެނބުރިވަޑައިގެން އެރަށާ ދިމާއަށް މިސްރާބު ޖެއްސެވުމާއެކު އިވިވަޑައިގަތީ ވަށައިގެން އަންނަ އަސްތަކުގެ ފިޔަވަޅުތަކުގެ އަޑެވެ. ކުރީއްސުރެ އެކަމަށް ތައްޔާރުވެގެން އަނދިރީގައި ފިލައިތިބި އިޝްބީލިއްޔާގެ ސިފައިން عبـدالمـلـك ގެ އެކުވެރީން ވަށައިލައިފިއެވެ. عبـدالمـلـك ގެ ސިފައިންގެ ބައެއް މީހުން އިޝްބީލިއްޔާގެ ލަޝްކަރުގެ ގޮނި ފަޅައިލައިފައި އެކިދިމަދިމާއަށް ފިލައިގެން ހިނގައްޖެއެވެ. ބައެއް މީހުން އިރުކޮޅަކު ޙަމަލާ ދިނުމަށްފަހު ހަތިޔާރު ބަހައްޓައިފިއެވެ.

ފަތިސްވީއިރު عبـدالمـلـك އޮންނެވީ އޭނާގެ ގަނޑުވަރާ ވަރަށް ކައިރީގައިހުރި ޖަލެއްގައެވެ. އޭނާގެ ބައްޕަ إبــن جـهــور އާއި، އެ ޢާއިލާގެ އެހެނިހެން މެމްބަރުންނާއި، އައްޒަހުރާއުގެ ނުފޫޒުހުރި ހުރިހައި އަމީރުން ކުރީއްސުރެވަނީ އެޖަލުގައި ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ފަރާތްޕުޅުން عبـدالمـلـك އަށް އެނގިވަޑައިގެންނެވި ގޮތުގައި ޤުރުޠުބާގެ ޚިޔާނާތްތެރި ބައެއް މީހުންނާއި، އައްޒަހުރާގެ ފާރަވެރީންގެ އެހީގައި إبـن عمّــار ވަނީ ޢިޝާނަމާދުން ފޭބިތާ ކުޑައިރުކޮޅެއްގެ ފަހުން އައްޒަހުރާއަށް ވެރިވެވަޑައިގެންފައެވެ.

ذوالـنّــون ގެ ފަހަތްޕުޅުންދިޔަ ޤުރުޠުބާގެ ލަޝްކަރަށްވެސް ކުރިމަތިލާންޖެހުނީ ވަރަށް އާދަޔާ ޚިލާފު ޙާލަތެކެވެ. عبـدالمـلـك އެނބުރި އައްޒަހުރާއަށް ވަޑައިގަންނަވަން ފުރައިވަޑައިގެންނެވުމާއެކު އިޝްބީލިއްޔާގެ ކޮމާންޑަރ އޭނާގެ ބާކީތިބި ދެހާސް ސިފައިންނަށްވެސް އެނބުރިދާން އަންގައިފިއެވެ.

(ނުނިމޭ)