ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ރޭ ކުޅުނު މެޗުތަކުގައި ޕޯޗުގަލް މޮޅުވިއިރު، ސްޕެއިން އާއި ނެދަލޭންޑްގެ ވަރުގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
އެކުވެރިކަމުގެ ގިނަ މެޗުތަކެއް ރޭ ކުޅެފައިވާއިރު، ޕޯޗުގަލްއިން ކުޅެފައި ވަނީ އެންޑޯރާއާ ދެކޮޅަށެވެ. ޕޯޗުގަލްއިން ފަސޭހަ މެޗަކަށް ނުކުތްއިރު، އެޓީމުން ގިނަ ގޯލްތަކެއް ޖަހައިގެން މޮޅުވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. އެ މެޗުގެ ލޯތައް އަމާޒުވީ އެންމެފަހުން ޔުވެންޓަސްއިން ކުޅުނު މެޗުގައި އަނިޔާވި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.
ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރުމަށް ރޮނާލްޑޯއަށް ގައުމީ ޓީމަށް ކުޅޭ ހުރިހާ މެޗެއްވެސް މިހާރު މުހިއްމު ވެފައިވާއިރު، ރޭގެ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ ކަމަށްވެސް އޮތީ ބެލެވިފައެވެ. އޭގެ ކުރިން ކޮވިޑް 19 ޖެހިގެންވެސް ރޮނާލްޑޯއަށް ޕޯޗުގަލްގެ މުހިއްމު މެޗެއް ގެއްލިފައިވާއިރު، ރޭގެ މެޗުގައި ރޮނާލްޑޯ ނުކުތީ ދެވަނަ ހާފަށެވެ.
ރޮނާލްޑޯ ރޭގައި ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 102 ވަނަ ގޯލެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ ތާރީހީ ރެކޯޑު އޮތް އިރާންގެ އަލީ ދާއީ އަތުގައި ރެކޯޑު އޮތީ 109 ގޯލް ގައުމީ ޖާޒީގައި ޖަހައިގެންނެވެ.
މެޗުގައި ރޮނާލްޑޯގެ އެސިސްޓަކާއި، ގޯލެއް ފެނިފައިވާއިރު، ޕޯޗުގަލްއިން ދެން ޖެހި ގޯލްތައް ޖަހައިދިނީ ޕެޑްރޯ ނެޓޯގެ އިތުރުން ޑިއާޒް ފެނާންޑޭޒް އާއި ރެނާޑޯ ސަންޗޭޒް، ގާސިއާ މިރަމޮންޓޭޒް އަދި ސެކުއޭރާއެވެ.
ރޭ ޔޯހަން ކްރައިފް އެރީނާގައި ނެދަލުންޑުން ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ ނެދަލޭންޑްސްއަށް މުހިއްމު މެޗެކެވެ. ޓީމާ އަލަށް ހަވާލުވި ކޯޗު ފްރޭންކް ޑި ބޮއާގެ ބެލުމުގެ ދަށުން ކުޅުނު ހަތަރު މެޗުންވެސް އެޓީމަށް މޮޅެއް ނުލިބި އޮތްއިރު، ރޭ ނުކުތީ ފުރަތަމަ ތިން ޕޮއިންޓަށް ތައްޔާރު ވެގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޕެއިންނެވެ. ސާޖިއޯ ކަނާލްސްގެ ގޯލާއެކު އެޓީމުން ލީޑު ނެގީ، އަލްވާރޯ މޮރާޓާގެ އެސިސްޓަކާ އެކުގައެވެ. މޮރާޓާ މިފަހަރުގެ ސްޕެއިން ސްކޮޑަށް ނަގާފައި ވަނީ މެދު ކެނޑުމަކަށް ފަހުގައެވެ. ސްޕެއިންއިން ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ނެދަލޭންޑްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ގޯލް ޖެހީ ވެންޑަ ބީކެވެ. އަޔެކްސް ދޫކޮށް، މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނަށް ބަދަލުވެ، ޔުނައިޓެޑުގެ ފުރަތަމަ 11 އިން އަދިވެސް ޖާގަ ލިބިފައި ނުވާ ވެންޑަ ބީކް ވަނީ ނެދަލޭންޑްސްއަށް އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ގޯލް ޖަހާފައެވެ. ދެވަނަ ހާފްގައި މެމްފިސް ޑިޕޭއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައި ވެއެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު، ބެލްޖިއަމްއިން ކުޅުނު މެޗުން އެޓީމުން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމްގެ ދެ ގޯލް ޖަހައިދިނީ މިޗީ ބަޓްސްޝުއާއީ އެވެ. އިލްކޭ ގުންޑަގޮން ކެޕްޓަންކުރި ޖަރުމަނުން ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގެ ހަމައެކަނި ގޯލް ޖެހީ ވަލްޑްޝްމިޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު