ކޮވިޑް 19ގެ މި ހާލަތުގައިވެސް 790 ސިފައިންނަށް އެކި ކަހަލަގެ ތަމްރީން ދެވިފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސިފައިންނަށް ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި ނަތީޖާއަކީ 2017 ވަނަ އަހަރާއި އަޅައި ބަލާއިރު، ސިފައިންނަށް ދޭ ތަމްރީންގެ އަދަދު 60 އިންސައްތަ އިތުރުވުން ކަމަށެވެ.

"މިހާރު އަޅުގަނޑަށް ދަންނަވަން ކެރޭނެ ކޮންމެ ފަސް ސިފައިންގެ މީހެއްގެ ތެރެއިން ތިން މީހުންނަކީ ތަމްރީން ދެވިފައި ތިބި މީހުންކަން" މިނިސްޓަރު ވިދާޅުވުއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ތަމްރީންތައް ސިފައިންގެ ތަމްރީނު ދިނުމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށާއި އެތަންތަން ވަނީ ފުރިފައި ކަމަށެވެ. ރާއްޖޭގެ ސިފައިންނަށް ރާއްޖެއިން ބޭރުންވެސް ތަމްރީންތައް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑްގެ އޮޕަރޭޝަންތައް ނުލައި ފާއިތުވި ދެ އަހަރުގެ ތެރޭގައި އެމްއެންޑީއެފުން 2045 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަނޑުމަތީގެ 700 އެއްހާ ހާދިސާއަށް އެޓެންޑް ކުރުމާއި ސީއެމްބިއުލާންސްގައި 500 އަށް ވުރެ ގިނަ މީހުން އެއްތަނުން އަނެއް ތަނަށް އުފުލުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއްގެ ސަވައިލަންސް ބަލަހައްޓާފައިވާނެ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ހަތް ލައްކަ މޭލުގެ ސަރަހައްދެއްގެ ސަވައިލަންސް ބަލަހައްޓާފައިވާނެ ކަމަށް ވިދާޅުވިއެވެ.