އަންހެނުން ތިބެން ވީ ދަރިން ބަލަން ގޭގަ އެވެ. ރަށުތެރެ ސާފުކޮށް، މައި ސަރުކާރުގެ ވަފުދުތައް ރަށަށް އެރުމުން މާފަތި އަޅުވައި ކެއުން ތައްޔާރުކުރުމުގަ އެވެ. މިއީ ކުރިން ބައެއް ދިވެހިން ގަބޫލުކުރާ ގަބޫލުކުރުމެކެވެ. އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭތޯ މިއީ މިހާރު ވެސް އުފައްދާ ސުވާލެކެވެ. ޒަމާން ބަދަލުވެ، މިފަހަކާ ޖެހެން ދެން ވެސް ބާރުވެރިކަމުގެ ސަފުތައް އަތުރާލުމުގައި ކަނބަލުން ތިބީ ބާކީ ކޮށްފަ އެވެ.

ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވަން ވީ ވައުދާއެކު އެތައް ކަމެއް މިއަދު ބަދަލުވެއްޖެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަންހެނުން ބާރުވެރިކުރުވަން ފެށުމުން އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭތޯ އުފައްދާ ސުވާލަށް ޖަވާބު ލިބުނެވެ. ބަސް ބުނުމުގެ ކުރީ ސަފުތަކުން ސަރުކާރުން އަންހެނުންނަށް ޖާގަ ދިނެވެ. މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ވެގެން ދިޔައީ ދިވެހި ތާރީހުގައި ވެސް އަންހެނުން އެންމެ ބޮޑަށް ބާރުވެރިކުރުވި ދެ އަހަރަށެވެ. ދައުލަތް ހިންގާ ތިން ބާރުގެ އެންމެ މަތީ ހަރުފަތްތަކުން ވެސް އަންހެނުންނަށް ފަހި ފުރުސަތުތަކެއް ލިބުނު ދެ އަހަރަށެވެ.

އެގޮތުން ބަންޑާރަ ނައިބާއެކު ކެބިނެޓުގައި 19 މިނިސްޓަރުން މިހާރު ތިއްބެވިއިރު، އޭގެ ތެރެއިން ހަ މިނިސްޓަރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ ކެބިނެޓުގެ 31 ޕަސަންޓެވެ. އޭގެ ތެރެއިން ރާއްޖޭގެ ތާރީހުގައި ޑިފެންސް މިނިސްޓަރަކަށް އެންމެ ފުރަތަމަ އަންހެން ބޭފުޅަކަށް ފުރުސަތު ދެއްވުން ފާހަގަކޮށްލެވެ އެވެ. މިއާއެކު ރާއްޖެއަކީ މިއަދު 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް އަންހެން ވަޒީރުން ކެބިނެޓުގައި ހިމެނޭ ދުނިޔޭގެ 10 ގައުމުގެ ތެރެއިން އެއް ގައުމެވެ. މި އީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަންހެން ވަޒީރުން އެއް ކެބިނެޓެއްގައި ހިމެނިވަޑައިގެންނެވި ފަހަރެވެ.

ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ ފެންވަރަށް ބެލި ނަމަވެސް ފެންނަނީ މި މަންޒަރެވެ. ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 56 ބޭފުޅަކު ތިއްބެވި އިރު 14 ބޭފުޅުންނަކީ އަންހެނުންނެވެ. އެއީ 25 ޕަސެންޓެވެ. ނައިބު ފެންވަރުގެ މަގާމުތަކުގެ 28 ޕަސެންޓަކީ އަންހެނުންނެވެ. އެއީ 81 ބޭފުޅުންގެ ތެރެއިން 23 އަންހެން ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ބަލާއިރު މިއަހަރު އިންތިހާބުވި އަންހެން މެންބަރުންގެ އަދަދު މަދުވި ނަމަވެސް އެބޭފުޅުންގެ ހިންގުންތެރިކަމާއި މަޖިލީހުގައި އަދާކުރައްވާ ދައުރަށް ބަލައި ނަންބަރު ޖަހައި ހިސާބު ހަދާނަމަ، މި މަޖިލީހަކީ އަންހެން ބޭފުޅުންގެ ދައުރު އެތައް ގުނައަކުން ބޮޑު މަޖިލީހެކެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާ އިންނެވީ މިހިނގާ މަޖިލީހުގައެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އަދި މަޖިލީހާ ގުޅޭ 18 ދާއިމީ ކޮމިޓީއެއް އުފައްދާފައިވާއިރު، އޭގެ ތެރެއިން ދެ ކޮމިޓީއެއްގެ މުގައްރަރިރުންނަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ. އެއީ ރާއްޖޭގެ މަޖިލިސް ތާރީހުގައި އަލަށް އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޓީގެ އިތުރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މިއަހަރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ކަމުގެ މަގާމާއި ކައުންސިލާ ޖެނެރަލް އަދި އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ވެސް ތިއްބެވީ އަންހެން ބޭފުޅުންނެވެ. މިއީ ވެސް ފާހަގަކޮށްލަން މުހިންމު ކަމެކެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރުން ވެގެން ދިޔައީ ވެސް ތާރީހީ ބޮޑު ބަދަލެއްގެ އިތުރުން މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ނިންމި އެންމެ ބޮޑު އެއް ނިންމުމަށެވެ. މި ބަދަލާ އެކު އަންނަ އަހަރު، ކައުންސެލަރުންގެ ގޮތުގައިި، ސިޔާސީ މަގާމު ތަކުގައި 400 ވަރަކަށް އަންހެނުން ތިބޭނެ އެވެ. މިއީ ސިޔާސީ މައިދާނުން އަންހެނުންނަށް ދިވެހި ތާރީހުގައި ހުޅުވައިދިން އެންމެ ބޮޑު ފުރުސަތެވެ. އަދުވެސް ގައުމު ހިންގުމުގައި އަންހެނުންގެ ބަސް އިއްވުމަށް ލިބުނު އެންމެ ފުޅާ ފުރުސަތެވެ.

ހަމަ މިއާއެކު، އެއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ވަނީ ޔަގީންވެފައެވެ. އެއީ ރަށު ކައުންސިލުތަކަށް އިންތިހާބުކުރާ 372 އަންހެން ކައުންސިލަރުންނާއި ސިޓީތަކަށް އިންތިހާބުކުރާ 12 އަންހެން ކައުންސިލަރުންނާއެކުއެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ޖުޑިޝަރީގެ ދާއިރާއަށް ވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ތާރީހީ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށް ވާ ސުޕްރީމް ކޯޓަށް، އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެވުނެވެ. އަދި ގާނޫނުއަސާސީގެ ދަށުން ލައިދޭން ޖެހޭ ހުވައެއް، އަންހެން ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ލައިދެއްވީވެސް ހިނގަމުން މި އަންނަ ވެރިކަމުގެ ތެރޭގައެވެ.

އޭގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް މިދިޔަ ދެ އަހަރަކީ ތާރީހީ ދެ އަހަރެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް އައްޔަން ކުރައްވާފައިވަނީ ވެސް އަންހެން ބޭފުޅެކެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލާ ހިސާން ހުސެއިންއެވެ. އޭނާއަކީ މިއަދު އެ ކޮމިޝަންގެ ރައީސާ ވެސް މެއެވެ.

ސުޕްރީމު ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކުރާ ފަނޑިޔާރަކަށް ވެސް އައްޔަން ކުރެއްވީ އަންހެން ބޭފުޅެކެވެ. އަދި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވީ ވެސް އަންހެން ބޭފުޅެކެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވީ ވެސް މި ސަރުކާރުގަ އެވެ.

ހާރިޖީ ގުޅުމުގައި މިދިޔަ ދެ އަހަރަކީ ކާމިޔާބު ދެ އަހަރެވެ. ހާއްސަކޮށް ގުޅުން ހީނަރުވެފައިވާ ގައުމުތަކާ ގުޅުން ބަދަހިކޮށް، ގިނަ ގައުމުތަކާއެކު ހާރިޖީ ގުޅުން ގާއިމްކުރި އެވެ. އޭގެ އިތުރުން ފިރިހެނުންގެ ނުފޫޒު އޮތް ދާއިރާއަށް ބަދަލު ގެނެސް، މިއަދު ރާއްޖޭގެ ހާރިޖިއްޔާއަކީ ވެސް ދެ ޖިންސުގެ ހަމަހަމަ ދާއިރާއެކެވެ.

އެގޮތުން ރާއްޖެއިން 18 ގައުމަކަށް ސަފީރުން ކަނޑައަޅުއްވާފައި ތިއްބެވިއިރު، އޭގެ ތެރެއިން ނުވަ ގައުމެއްގެ ސަފީރުންނަށް ކަނޑައަޅުއްވާފައި ވަނީ އަންހެން ބޭފުޅުންނެވެ. އޭގެ ތެރެއިން ވެސް ޔޫއެންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބަކީ ވެސް އަންހެން ބޭފުޅެކެވެ. އެއީ އދ. އަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން މަންދޫބު ވެސްމެ އެވެ.

މީގެ ކުރިން ނަތީޖާ ނުފެނި މިނިވަން މުއައްސަސާތަކަށް މި ސަރުކާރުން ގެންނެވި އެންމެ ބޮޑު ބަދަލަކީ ވެސް އެ މުއައްސަސާތަކުގެ ހުންގާނު އަންހެން ބޭފުޅުންނާ ހަވާލު ކުރުމެވެ. ނަތީޖާއަކަށްވީ މިއަދު މިނިވަން ކޮމިޝަންތަކެއް، އެ ކޮމިޝަންތަކުގެ އަސްލު ރޫހުގައި ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ކަމަށާއި ނައިބު ރައީސް އަދި މެންބަރު ކަމަށް ވެސް އަންހެން ބޭފުޅަކު މިއަހަރުގެ ތެރޭގައި އައްޔަން ކުރެއްވިއިރު، މިފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވަނީ އަންހެން ދެ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއީސީ) އަށާއި "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އަށް ވެސް އަންހެން ދެ ބޭފުޅަކު އައްޔަން ކުރެއްވި އިރު، މިދިޔަ ސަރުކާރުގައި އެންމެ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މަގު ދައްކަން ވެސް ހުރީ އަންހެން ބޭފުޅަކެވެ. އަދި އެ ކޮމިޝަންގެ މެންބަރު ކަމަށް ވެސް މިފަހުން ވަނީ އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ސަރުކާރުން ވުޖޫދަށް ގެނައި، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ މަގާމަށް ކުރެއްވީ ވެސް އަންހެން ބޭފުޅެކެވެ. ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލި އިރު އެ ބޯޑުގެ ސީއީއޯގެ މަގާމަށް ވެސް އައްޔަން ކުރައްވާފައި ވަނީ އަންހެން ބޭފުޅެކެވެ.

ސިއްހީ އަދި އިޖްތިމާއީ ދާއިރާއަށް ބަލާއިރު ހުޅުމާލެ ހޮސްޕިޓަލުގެ ސީއީއޯ އަށް އަދި ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަކަށް އައްޔަން ކުރެއްވީ ވެސް އަންހެން ބޭފުޅުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކަންތައްތައް ރާއްޖޭގައި ބަލަހައްޓައި މޮނީޓާ ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ވެސް މިއަދު އެ ހުންނެވީ އަންހެން ބޭފުޅެކެވެ.

އެހެންކަމުން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރި، ތިން ވަނަ އަހަރަކާ މި ކުރިމަތިލަނީ އަންހެނުންގެ ދައުރު އިތުރު ކޮށްދީފައެވެ. އެމީހުންނަށް ވެސް ބާރުތަކެއް ހޯދައިދީފައެވެ. މި ބޮޑެތި ބަދަލުތަކާ އެކު، ކުރިއަށް އޮތް އުއްމީދީ އަހަރާ ސަރުކާރުން ކުރިމަތިލަނީ އަންހެނުންގެ ބާރުވެރިކަމާއެކު އާ ކުރިއެރުންތަކެއް ހޯދުމުގެ އުންމީދުގަ އެވެ. ވަކީން ހާއްސަކޮށް، އަންނަ އަހަރު ބައްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވޭ ކަނބަލުންނާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާ ބަޔަކަށް އަންހެނުން ވުމުގެ ފުރުސަތު ވެސް ބޮޑެވެ. އަންނަ އަހަރު ވެގެން ދާނީ ދިވެހި ތާރީހުގައި ސިޔާސީ އިސް ސަފުގައި އަންހެނުން އެންމެ ގިނަ އަހަރަށެވެ.