ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ވަނީ ގައުމާ މުހާތަބުކުރައްވައި އަންނަ އަހަރު ކުރައްވަން ނިންމަވާފައިވާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވައިފައެވެ.

ރައީސް ސޯލިހާއި ނަޝީދު، އެކުގައި ނަންގަވާފައިވާ ފޮޓޯތަކަކާއެކު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ މިއަދުގެ ހިތާބުން ކުރިއަށްއޮތް އަހަރުގެ މިސްރާބު ސާފުވެ، ރައްޔިތުންގެ އުންމީދު އާވާނެ ކަމަށެވެ.

""މާތްﷲ ގެ އިރާދަފުޅުން ރަނުން ރަނަށް ވައުދުތައް ފުއްދޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީީސް ސޯލިހުގެ މިއަދު ދެއްވި ހިތާބުގައި ވިދާޅުވި ގޮތުގައި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުން ބިނާ ކުރުމަށެވެ. އެގޮތުން ތައުލީމީ ދާއިރާއިން އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމު ތަރައްގީކުރުމަށް އިސްކަންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ 56 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި އަންނަ އަހަރު އެ މަޝްރޫއުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިގުތިސާދު ފުޅާކުރުމުގެ މަސައްކަތްތާއި ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއަށް ހުރި ކަންކަންވެސް ރައީސް ވަނީ މިއަދުގެ ހިތާބުގައި ހިއްސާކުރައްވައިފައެވެ.