އެމްޓީސީސީއަށް ރަނގަޅު އާމްދަނީއެއް ހޯދުމަކީ މަޖުބޫރު ކަމެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ މިހާރު ކުންފުނިން ހޯދާފައިވާ ކާމިޔާބީތައް ދެމަހަައްޓައި އިތުރު ދާއިރާތަކުން ކުންފުނި ފުޅާވެ ކުރިއަރައި ދިއުން ކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީ އިން ކުރިއަށް ގެންދާ "ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު" ކަވަރޭޖަށް ދެއްވި އިންޓަވިއު އެއްގައެވެ.

އެގޮތުން އެމްޓީސީސީއަކީ ރާއްޖޭގެ 24،000 ހިއްސާދާރުންގެ އިތުރުން ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި ސަބަބުތަކަށް ޓަކައިވެސް ރަނގަޅު އާމްދަނީއެއް ހޯދުމަކީ އެމްޓީސީސީއަށް މަޖުބޫރު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ ހިންގުން ރަނގަޅު ކުރެވޭނީ ކުންފުނީގައި ހަރުދަނާ، ރަނގަޅު ގާބިލު ޓީމެއް އޮވެގެން ކަމަށާއި މަޝްރޫއުތައް ވަގުތަށް ނިންމައި ހިއްސާދާރުން އެދޭ ފައިދާ ވެސް ނެރެ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނީ ވެސް އެފަދަ ޓީމެއް އޮވެގެން ކަމަށެވެ. އެހެން ކަމުން އެފަދަ ޓީމެއް އެމްޓީސީސީގައި ގާއިމް ކުރުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޓީސީސީއާ ސަރުކާރުން ހަވާލު ކުރާ ރައްޔިތުންނާ ގުޅުން ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، އެ ކަމުގެ ލުއި ފަސޭހަތައް ރައްޔިތުންނަށް ހޯދައިދިނުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށާއި މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭ އެމްޓީސީސީން އެކަން ކޮށްދީފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ހަވާލުކުރާ މަސައްކަތްތަކުގެ ކޮލިޓީ ކޮމްޕްރޮމައިސް ނުކޮށް، ގަޑިއަށް މަސައްކަތް ނިންމުމަށް ކަމަށެވެ. ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރާނީ އެ ކުންފުންޏާ ހަވާލު ކުރާ މަޝްރޫއުތަކުގެ ކޮލިޓީ ގެއްލުވާ ނުލައި، މަސައްކަތްތައް ގަޑިއަށް ނިމުމަށް ކަމަށާއި، އެކަމުގެ ނަފާ ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮވިޑްގެ ހާލަތުގައިވެސް އެމްޓީސީސީން މަސައްކަތް ކުރީ އެއްވެސް މަހެއްގައި ގެއްލުމެއް ނުލިބި މަސް ނިންމައިލުމަށް ކަމަށެވެ. މި އަމާޒު ހާސިލްވި ކަމަށާއި، ކޮވިޑްގެ މިހާލަތުގައިވެސް ކޮންމެ މަހެއްވެސް ނިންމާލާފައިވަނީ ކުންފުންޏަށް ގެއްލުމެއް ނުވެ، ކުޑަ ފައިދާއަކާ އެކު ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ކާމިޔާބީ އަކީ ކުންފުނީގެ ތަޖުރިބާކާރު، ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި މިފަދަ ކާމިޔާބީއެއް ހޯދޭނީ ކުންފުންޏަށް އިހުލާސްތެރި ހީވާގި މުވައްޒަފުންތަކެއް ކުންފުނީގައި ތިބުމުން ކަމަށާއި، އެހެން ނޫން ނަމަ މިފަދަ ކާމިޔާބީ އެއް ހާސިލު ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.