ކުޅުންތެރިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން، އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގާފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން މިނިސްޓަރު މަހުލޫފް ވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އަދި ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ. އެއާއެކު މަހުލޫފް ވިދާޅުވީ ގައުމީ ރޫހު ވަރުގަދަ ކުރުމަށް ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގާފައިވާ ކަމަށެވެ.

މަހުލޫފްގެ ޓްވީޓުގައި ޕޫލް ބިލިއާޑުގެ ގައުމީ ސްކޮޑުން ތަމްރީނުތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިމަނުއްވާފައި ވެއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު، މިދިޔަ ދެ އަހަރަކީވެސް ކުޅިވަރަށް ގިނަ ބަދަލުތަކެއް ގެނައި، ކާމިޔާބު ދެއަހަރެވެ. ކުޅިވަރުގެ ޕީއެސްއައިޕީ 347 މަޝްރޫއަކަށް ސަރުކާރުން ވަނީ 354 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އައިއޯއައިޖީ ފަދަ ބޮޑެތި ކުޅިވަރު އިވެންޓްތަކުން ރަން މެޑަލް ގެނައުމުގެ އިތުރުން އެ ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ވަނީ ބިޑްވެސް ކާމިޔާބު ކޮށްފައެވެ.