މަގާމުގައި ދެމިހުރިހާ ދުވަހަކު ދިވެހީންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަމާއެކު ދަންނަންވަން ބޭނުންފުޅުވާ ދެ ކަމެއް އެބަ އޮތް ކަމަށެވެ. އެއީ އެމަނިކުފާނު މަގާމުގައި ދެމިހުންނެވިހާ ދުވަހަކު އެންމެ ބޮޑު ސަމާލުކަންދެއްވާނެ ދެ ކަންތައް ކަމަށް ވިދާޅުވި އެވެ.
"އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތައް ހިފެހެއްޓިފައި ހުރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދުވަހު ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މިނިވަންކަން ހޯއްދަވައިދެއްވި ކަމަށެވެ.
އެގޮތުން ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެހެން ލިބިދޭން ޖެހޭ ހައްގުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ އޭގެ ބޭނުން ހިފާ ގޮތަކުން، ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލެވިދާނެ އަދި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ފަތުރާލެވިދާނެ ބާރެއް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީގަތް ހާމަކުރުމަށް އިސްކަންދީގެން،" ކަމަށްވެސް ރައީސް ވިދާޅުވި އެވެ.