Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަތޮޅުތަކުގައި ހަދާ ޓާޝަރީ ހޮސްޕިޓާތަކުގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ކުރަން ފަށާނެ: ރައީސް

އަތޮޅުތަކުގައި ހަދާ ޓާޝަރީ ހޮސްޕިޓާތަކުގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާާވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، އިގްތިސާދީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ ވެރިކަމުގެ ތިންވަނަ އަހަރަކާ ކުރިމަތިލަނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު ރޭވުންތަކަކާ އެކުގައި ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ސިއްހީ ދައިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ ތެރެއިން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ފެށި އެއް މަޝްރޫއުގައި ހިމެނޭ ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރެއިން ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް މިއަހަރުގެ ބަޖެޓުން ފެށި މަޝްރޫއުތައް އަންނަ އަހަރު ވެސް ކުރިއަށް ގެންދަން ވަނީ ހިމަނައިފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް 191 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ އާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް 98 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަފައިވެ އެވެ.