އެކި ކަހަލަ މައްސަލަތައް ހުށަހެޅުމުގެ އިތުބާރުހުރި ނިޒާމެއް ގާއިމްކޮށްދެވިއްޖެ ކަމަށާއި ނުފޫޒެއް ނެތި އެ މައްސަލަތައް ބެލޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން މި އަންނަ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައި ހުރި، ގިނަ މައްސަލަތަކެއްގެ ވާހަކަ މިއަދު ދެކެވެން ފަށައިފި ކަމަށެވެ.

ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން އެބަ ދެކެވޭ ކަމަށާއި، ކޮރަޕްޝަންގެ ވާހަކަތައް ހާމަކުރަން ފަށައިފި ކަމަށްވެސް ވިދާޅުވިއެވެ. މީގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް، ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ އެއްވެސް ނުފޫޒެއް ނެތި މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭނެކަން،" ރައީސް ވިދާޅުވިއެވެ.

އިޖުތިމާއީ ހަމަޖެހުމަށް ބަލާއިރު މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަން ހާމަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ މާރާމާރީ އާއި ގޭންގު ކުށްތައް އިތުރުވެ ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން އިޖުތިމާއީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި ކަމަށެވެ.

ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެދެމުން ދިޔައީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކ، ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް ހާއްސަ ގޮތެއްގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.