Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މިދިޔަ ދެއަހަރު ހޯދައިދެވުނު އެންމެ ބޮޑު ހައްގަކީ އަމާންކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމްކޮށްދެވުން"

މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ އިޖްތިމާއީ ހަމަޖެހުމަށް ބަލާއިރު މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން މާރާމާރީ އާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން އިޖުތިމާއީ ހަމަޖެހުން އޮތީ މުޅިން ގެއްލިފައި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެދެމުން ދިޔައީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް. އަޅުގަނޑު ދެކޭގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދެވުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވަނީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ރާއްޖޭގެ ދިފާއީ ބާރާއި ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސިފައިންނާއި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައި ހުރި، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ އާއި ކޮރަޕްޝަންގެ ވާހަކަތައް މިއަދު ހާމަކުރަން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ސަބަބަކީ އެފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ގާއިމްކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއް ނެތި، މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމްކޮށްދޭނެކަން،" ރައީސް ވިދާޅުވި އެވެ.