Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ހެދުމަށް ގާނޫނީ ހައްލެއް ހޯދާނަން: ރައީސް

އިބްރާހިމް ޒަކީ

ކުރިން އޮތް ގޮތަށް، ރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ހެދުމަށް ގާނޫނީ ގޮތުން ހައްލެއް ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ބައިވެރިވެވަޑައިގެން ޕްރެސެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި 1968 ވަނަ އަހަރު ފެށި، ޖުމްހޫރީ ވެރިކަމާގުޅިގެން، ނޮވެމްބަރު 11 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ، ކޮންމެ ފަސް އަހަރަކުން ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަސް ފާހަގަ ކުރަނީ، އެއިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހުގެ ގޮތުގައެވެ.

ނަމަވެސް 2013ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާގުޅިގެން، ދިމާވި ލަސްވުމާއިގުޅިގެން އެއަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވިވަޑަިއގެންނެވި ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

އެ ހިސާބުން ފެށިގެން ވެރިކަމުގެ ދައުރު ގުނަމުން އަންނަ ދުވަސްވަނީ ބަދަލުވެފައެވެ.

އެކަމާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން އޭރުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު (ރައީސް ޔާމީން) އަމަލު ކުރެއްވި ގޮތުން އެދުވަސް ކައްސާލައިގެން ހަ ދުވަސް ފަހަތަށް ގޮސްފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ޖުމްހޫރީ ތާރީހަށް ބައްލަވައި، އެންމެ އައުލާކަން ބޮޑީ، ޖުމްހޫރީ ދުވަސް، އަދި ވެރިކަމަށް އަހަރު ފުރުން ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމުގައި ބެއްލެވުން ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އޭރުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު އަމަލު ކުރެއްވި ގޮތުން އެދުވަސް މިވަނީ އަޅުގަނޑުމެންނަށް ކައްސާލައިގެން ހަދުވަސް ފަހަތަށްގޮސްފައި، އެހެންވިޔަސް ރާއްޖޭގެ ޖުމްހޫރީ ތާރީހަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފާހަގަކުރުން އެންމެ އައުލާކަން ބޮޑީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް އެހެންވީމާ އަޅުގަނޑު އެގޮތަށް މި ކުރިއަށް ގެންދަނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅު ވަނީ ކުރިއެކޭވެސް އެއްގޮތަށް ވެރިކަމުގެ ދައުރު ފެށޭ ދުވަހަކީ، ނޮވެމްބަރު 11 ދުވަސް ކަމުގައި ހަމަޖައްސަވަން ކަމަށާއި، އެކަމަށް ގާނޫނީ ހައްލެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެކަން ރެވޭނީ ގާނޫނީ ގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލައިގެން ކަމަށާއި، އެހެންކަމުން އެހާ ހިސާބަށް ދާއިރު އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ނޮވެމްބަރު 11 އަކީ ދައުރު ބަދަލުވާ ދުވަސްކަމަށް ހަދަން، އެހެން ނަމަވެސް އެކަން ކުރެވޭނީ ގާނޫނީ ގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލައިގެން އެހެންކަމުން އެހާ ހިސާބަށް ދާއިރު އަޅުގަނޑު އެމަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.