ޒޫނާ ނަސީމަކީ މަޝްހޫރު އަންހެން ޑައިވަރެކެވެ. ޑައިވިންގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކުރައްވާފައިވާ ޒޫނާގެ ނަން ވިދާލީވެސް އެހިސާބުންނެވެ. އަމިއްލަ ޑައިވް ސެންޓަރެއް ވިލިމާލޭގައި ހިންގަމުންދިޔަ ޒޫނާއަކީ އަބަދުވެސް، ތަފާތު ވިސްނުމެއްގެ ފަންނުވެރިއެކެވެ. ގަބޫލުކުރާ ގަބޫލުކުރުންތަކެއް ހުންނާނެއެވެ. ކިޔެވުމަކީ ހަމައެކަނި ޑިގްރީއެއް އޮތުން ނޫން ކަމަށާއި ޑިގްރީއަކީ ދިރިއުޅުމުގެ ހުނަރު ނޭނގޭނަމަ، އުނގެނޭ އުނގެނުން ބޭކާރުވާނެ ކަމަށް ޒޫނާ އަބަދުވެސް ވިދާޅުވާނެއެވެ.

ބެލެނިވެރިންނަށް އަދި ވަކިން ހާއްސަ މެސެޖުތަކެއް އަބަދުވެސް ޒޫނާ ދެއްވައެވެ. އަންހެނަކަށްވީތީ ވަކި ކުޅިވަރެއް ނުކުޅެވޭނޭ، ވަކި ދާއިރާއެއްގައި މަސައްކަތް ނުކުރެވޭނެ ބުނާ ބުނުމަށް ޒޫނާ އަބަދުވެސް ދެކޮޅުވާނެއެވެ. "މޫދު ބުޅާ" ޑައިވް ސެންޓަރާއެކު އެކަން ޒޫނާ ސާބިތުވެސް ކޮށްދެއްވިއެވެ.

ޑައިވިން ސިނާއަތުގެ އެންމެ މަތީ ސަނަދު ކަމުގައިވާ ކޯސް ޑައިރެކްޓަރުކަން ފުރިހަމަކުރައްވާފައިވާ ޒޫނާ މިހާރު ހިމެނިވަޑައިގަންނަވަނީ ޕަޑީ ކޯސް ޑައިރެކްޓަރުކަން ފުރިހަމަކުރެއްވި ދެ ދިވެހިންގެ ތެރޭގައެވެ. އަދި ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް ޑައިރެކްޓަރުގެ ގޮތުގައިވެސް މެއެވެ. ޑައިވިންގެ ދާއިރާގައި ޒޫނާ މެދުނުކެނޑި ހިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޒޫނާއަށްވަނީ ރެހެންދި އެވޯޑުވެސް ލިބިވަޑައިގެންފައެވެ.

ނ. ކުޑަފަރީއަށް ނިސްބަތްވާ ޒޫނާ، ކޮވިޑް 19އާ ގުޅިގެން މިވަގުތު ދިރިއުޅެމުންދަނީ ރަށުގައެވެ. ވިލިމާލެ، "ސިޓީ ލައިފް" ދޫކޮށް ހިތްހަމަ ޖެހޭ މާހައުލެއްގައި، މައިންބަފައިންނާއެކު އުފާވެރި ވަގުތުކޮޅަކަށް ޒޫނާ ރަށުގައި ދިރިއުޅެމުން އަންނަ އިރު، ޒޫނާގެ ކޮންމެ ދުވަހެއް ތަފާތެވެ. މީސް މީޑިއާއަށް ދޫކޮށްލާ ވީޑިއޯއާއި ފޮޓޯތަކުން ފެންނަނީ ކުދިންނަށް ހާއްސަ ހުނަރުތައް ދަސްކޮށްދީ، އާންމު މުޖުތަމައަށް ހާނަމުންދާ މަންޒަރެވެ. މުޅި ރަށުގެ އެތައް ކުދިންނެއް، ސޯޝަލް ލައިފެއް ނެތި، ސްކްރީންގެ ކަސްތޮޅުގައި ތިބިތަން ބަލަން ޒޫނާ މަޑެެއްވެސް ނުކުރިއެވެ.

"ލޮކްޑައުންއިން ފެށިގެން ރަށުގައި މިއުޅެނީ. ރަށް ރަށުގައި ސްކްރީންއާ ހެދި ވަރަށް ބޮޑަށް ކުދިންނަށް ގެއްލުންތައް އެބަ ފޯރާ. ކުޅެން ނާންނާތީ އަހާލީމަވެސް ބުނާނެ، ކޮންމެވެސް ގޭމެއް ކުޅެން. މަދު ކުދިންކޮޅެއް ހަވީރުވެސް ނުކުމެލައިގެން ކުޅެން އުޅޭނީ، އެހެންވެ ދައްތަ އަކާއެކުވެގެން ކުޑަކުޑަ މުބާރާތެއް ރާވާލީ. މިއީ އަހަރެމެންގެ ލަކީ ކޯނާ ފެމިލީގެ މުބާރާތެއް ދެން،" ޒޫނާ ބޭއްވި ފުޓްސަލް މުބާރާތާ ގުޅިގެން "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

މުބާރާތް ޒޫނާ ހާއްސަކުރެއްވީ މެސެޖުތަކަކަށެވެ. ބެލެނިވެރިންނާއި ދަރިވަރުންނަށެވެ. މުޅި ރާއްޖެއަށެވެ. ހަގީގަތުގައި ކުއްޖާ ޅައުމުރުގައި ހަލާކުގެ ތެރެއަށް ގެންދެވޭ ގެންދެވުމަށް ޒޫނާ ދޭން ބޭނުންވި މެސެޖު ދިނުމަށް ވިސްނީ ކުޅިވަރުގެ ތެރެއިންނެވެ.

"ވަރަށް ސަކްސަސްކޮށް މުބާރާތް މި ނިންމާލީ. ހަގީގަތުގައި މި ރަށްރަށުގައިވެސް އެބައުޅޭ 8 އަހަރު 10 އަހަރު އަމިއްލަ ފޯން ގެންގުޅޭ ކުދިން. ޕޭރެންޓަކަށް ނޭނގެ މިއީ ކިހާވަރެއްގެ ކަމެއް ކަމެއް،" ސްކްރީން ޓައިމްއާ މެދު ޒޫނާގެ ހުރި ކަންބޮޑުވުންތައް ކިޔައިދެއްވިއެވެ.

ޒޫނާގެ މުބާރާތުގެ އިނާމުތައްވެސް ތަފާތެވެ. ކުޅުނު ސްޓައިލްގެ ތެރެއިން ދަސްކޮށްދިނީ، އެއް ކުއްޖަކު އަނެއް ކުއްޖަކާ ގުޅި، އެކިވެރިކަމުގެ މަޖާ މާހައުލަކަށް ފިޓްވުމަށެވެ.

"ޓްރޮފީއަށްވުރެ ވެސް ބޮޑަށް ބެލީ ބާބަކިއު އެއް ކަހަލަ ހުރިހާ ކުދިން އެކުވެގެން ކުރެވޭނެ ކަމެއް އިނާމަކަށްވެސް ދޭން. ޖާޒީއެއްވެސް ނުގަނެ އަންނަން ބުނީ. ހަރަދު ނުކޮށް ކުޅެވޭނެކަން ދައްކަން ބޭނުންވަނީ. ބޫޓުވެސް ނެތް ކުދިންނަށް އަނެއް ކުއްޖާއަށް ދީގެން. އިނާމްތައްވެސް ޕެކް ކުރީ ބޭނުންކޮށްފައިވާ ކަރުދާހުގައި. ކޮންމެ ކުއްޖަކުވެސް މުބާރާތެއް ޖާޒީ ގަންނަން ދާ ހަރަދަކީ ބޭކާރު ހަރަދުތައް. ޕްލާސްޓިކް ކޮތަޅު ކަހަލަ އެއްޗެހި ބޭނުން ނުކުރަން ލަފާދީ، ޖޫސް ކަހަލަ، އެއްޗެހި މެޗުގެ ގަޑީގައިވެސް ބޭނުން ކުރީ. އަސްލު ގިނަ ކުދިންނަށް ވާ ގޮތަކީ ވަރަށް ބޮޑަށް ފައިސާއަށް މި ވިސްނަނީ މުބާރާތެއްވީމަ. އެކަން ގޯސްކަން އެނގެންވާނެ. ދެން މިއަންނަ އަހަރު ޕްރޮމިސް ކޮށްދިނިން އަތޮޅު ފެންވަރުގެ މުބާރާތެއް ބާއްވަދޭން،" ޒޫނާ ފާހަގަކުރެއްވިއެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔަ އިރު، އަންހެން 17 ކުދިން ފިރިހެން 50 ކުދިން ކުޅެފައިވެއެވެ. ގްރޭޑް 5 ،6 އަދި 7 ގެ ބައިގެ ޗެމްޕިއަންކަން ރިޕްޓައިޑުން ހޯދިއިރު، ގްރޭޑް 1 ،2 ،3 ،4 އަދި 5 ގެ އުމުރުފުރާގެ ޗެމްޕިއަން ޓީމަކީ އާމަގު އެފްސީއެވެ. މުބާރާތުގެ ރެފްރީކަން ވޮލިންޓިއާކޮށް ކޮށްދިން ޖާބެ އާއި ނަސްރުގެ އިތުރުން އެއްބާރުލުން ދިން ހުރިހާ ބެލެނިވެރިންނަށް ޒޫނާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

"ވަރަށް އެއްކޮށް ކުޅެގެން. އެޑިއުކޭޝަނަލް އެއްޗެއް ގޮތަށް މި ކުރިއަށް ގެންދިޔައީ. އަވެއާނެސް ބޮޑަށް މި ދިނީ. ސްކްރީން ޓައިމްގެ އަލްޓަނޭޓިވްއެއް ދޭން ޖެހޭ. މި ރަށުގައިވެސް އޮތީ ހަމައެކަނި ފުޓްސަލް ދަނޑެއް. އެހެން އެއްވެސް ކުޅިވަރެއް ކުޅެވޭނެ އެއްވެސް ގޮތެއް ނެތް. ވަރަށް ބޮޑަށް ފެނޭ އޭގެ ނޭދެވޭ އަސަރު. ސިނގިރޭޓް ބުއިން ފަދަ ކަންކަމަށް ވަރަށް ކުޑައިރުދާނެ،" ޒޫނާ އިތުރަށް ވިދާޅުވިއެވެ.

ޒޫނާގެ ހިޔާލަކީ ސްކޫލްތަކުގެ މުބާރާތްތަކަކީވެސް ކުދިންގެ ބައިވެރިވުން ބޮޑު، ހޭލުންތެރިކަމުގެ ކޮންސެޕްޓްތަކަކަށް ހިންގޭ މުބާރާތްތަކަކަށް ހެދުމެވެ. ހާއްސަކޮށް ސްކޫލް ސިސްޓަމުގައި ކިޔެވުން ނޫން އެހެން ހުނަރުތައް ހުންނަ ކުދިންނަށް، އެކުދިންގެ ހުނަރުތައް ދެއްކުމަށް ފުރުސަތު ގެއްލޭ ކަމަށް ޒޫނާ ފާހަގަކުރެއްވިއެވެ.

"ވަރަށް މުހިއްމު ކަމެއް. ސްކޫލް ނިމޭއިރު، މުޅި އަހަރު ނިމޭއިރު ފުރުސަތެއް ނުލިބޭ. ސްޕޯޓްސްއަށް ހުންނަ އެންމެ ސްޕަވައިޒަރަކު މޮޅު ކުޅުންތެރިން ނަގާލާފައި ޓީމު ހަދައިލާނީ. ކިރިޔާވެސް ނުކުޅެވޭ ކުދިން މާ ކުރިން ބާކީ ކޮށްލާނެ. އެކަމަކު ޕާޓިޝިޕޭޝަން މުހިއްމީ. މިހާރު ސްކޫލަށް ފޮނުވާފައި 7 އިން 2 ޖަހަންދެން ކްލާސް ރޫމްގައި. އޭގެ ބަދަލުގައި އިންޓަ ސްކޫލަށް ދެވޭނީ އިންޓަ ހައުސް ކުޅިވަރުތަކުގައި ވަރަށް ބޮޑަށް ވާދަކޮށްގެން. ހުރިހާ ކުދިންނަށް ނުދެވޭނެކަން އެނގުނަސް ފުރުސަތު ދޭން ވާނެ. މިހާރު އޮންނަ ގޮތުން ބަލިވެގެން ނުވޭ. އެ އިހުސާސް ނުގެނުވަން ވާދަވެރިކަން މި ގެއްލުވާލަނީ. އިނާމުވެސް ނުދެނީ ދެރަވެދާނެތީ. އެކަމަކު ބަލިވީމަ ތެދުވަން އެނގޭނެ ހަމައެކަނި ގޮތަކީ ބަލިވުން. ބަލިވެސް ވާން ޖެހޭ. އެނގެން ޖެހޭ ހުރިހާ ކުދިންނަކީ މޮޅު ކުދިންނެއް ނޫންކަން. އެކަންކަމަށް އިހުތިރާމުކޮށްގެން މުޖުތަމައުގައި ދިރިއުޅެވޭނީ. މި މުބާރާތަށްވެސް އެންމެ ހެލްޕްފުލް ކުއްޖަކަށްވީ، މި ރަށުގައި ބަލާއިރު، މާކްސް އެންމެ ދަށް ކުއްޖާ ކަމަށް ވެދާނެ. އެއީ އަމިއްލައަށް އެހެން ހުނަރު ހުންނާނެ. ރަނގަޅު ކޮލިޓީސް ހުންނާނެ. ހުސް އެކަޑެމިކް ނަތީޖާއިން ކުއްޖާގެ ހުރިހާ ހުނަރަކަށް މިނެކިރުމަކީ ވަރަށް ބޮޑު ގޯހެއް،" ޒޫނާ ބެލެނިވެރިންނަށް ދިން މެސެޖެއްގެ ގޮތުގައި ވިދާޅުވިއެވެ.

ޒޫނާގެ ވިސްނުން ހުރީ ކުޑަފަރިއަށް މުޅި ދިރިއުޅުންވެސް ބަދަލުކުރާށެވެ. ޑައިވް ސެންޓަރުވެސް ބަދަލުކޮށް، އާންމުދަނީއަކާ ހަމައަށް ހަމަ ދެވުމާއެކު ބަދަލުވާނެ ކަމަށް ޒޫނާ ވިދާޅުވެފައިވެއެވެ.

"ވަރަށް ބޮޑަށް ވިސްނަން އެއްކޮށް ބަދަލުވާން. ސިޓީ ލައިފްގައި ކުދިން ގެންގުޅެން ބޭނުމެއް ނޫން. މަންމަމެންގެ ފަރާތުން ވަރަށް ކަންކަން ދަސްވާނެ ކުއްޖާ ދަސްވުން. މަސައްކަތް މައިގަނޑު އެއްޗަކީ. އަސްލު އުންމީދަކީ ބޯޓެއްގައި އުޅުން. އެކަމަކު އޭގެ ކުރިންވެސް ވީ އެންމެ އަވަހަކަށް ބަދަލުވާނަން ރަށަށް،" ޒޫނާ ވިދާޅުވިއެވެ.

ޒޫނާގެ ވިސްނުމުގައި މިހާރުގެ ބެލެނިވެރިންގެ އެންމެ ބޮޑު ގޯހަކީ ކުދިންނާ ކަންކަން ކުރަން ނުޖެއްސުމެވެ. އެއީ ބަދަލުވާން ޖެހޭ މުހިއްމުވެސް އާދައެކެވެ.

"ކުދިން ދެކެ ލޯބިން އެއްވެސް ކަމެއް ނުޖައްސާ. 18 އަހަރުވީމަ އުނދަގުވާނެ ކުއްލިއަކަށް ކަންކަން ކުރުވަން. އަހަރެންގެ ބައްޕަ ބުނާނެ އެއްޗެހި ދީގެންނޭ ދަސްވާނީ. ކޮންމެ ކަމަކަށް ނޫނެކޭ ބުނާ ބުނުން އެބަޖެހޭ ދޫކޮށްލަން. ކަންކަން ކުރަން ދީފައި ރަނގަޅަށް ބަލަންވީ ކުރާ ކަންކަން. ލައިފް ސްކިލް ދަސްކޮށްގެން ވާނީ. ޑިގްރީއެއް އެކަނި އޮތަކަސް ނުވާނެ. ދިރިއުޅެން ދަސްކުރަން ޖެހޭނެ." ޒޫނާ ބުންޏެވެ.