ހިތާނީ ޕާޓީތަކާއި ޝޯތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ނެރުނު ކުދިން ހިތާނުކުރުމުގެ ހަރަކާތްތައް ބޭއްވުމުގެ އުސޫލުގައި ބުނީ ހިތާނު ކުރުމާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި އެގޮތުން މާސްކު އެޅުމާއި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށް އެދޭ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ހިތާނު ކުރާ ގިނަ ކުދިން އެކުގައި އެއް ތަނެއްގައި ބޮޑު ހޯލެއްގައި ނުބޭތިއްބުމަށާއި އަމިއްލަ ގޭގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ހިތާނު ކޮށްފައި ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން އަދި އެއް އާއިލާއެއްގެ ކުދިން ބޭތިއްބުމަށާއި ތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

  • ގިނަ މީހުން އެއް ފަހަރާ ގެއަށް ޖަމާނުވާ ގޮތަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖެއްސުން
  • ކޮވިޑުގެ އަލާމާތް ފެންނަ މީހުން ގެއަށް ޒިޔާރަތް ނުކުރުން
  • ގެއަށް ޒިޔާރަތް ކުރުމުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ގެއަށް ޒިޔާރަތް ކުރާ މީހުން ގިނައިރު މަޑު ނުކުރުން
  • ގިނަ މީހުން އެއްވާ ގޮތަށް ޕާޓީތަކާއި މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުން

އެޗްޕީއޭއިން ވަނީ ގޭތެރޭ މަދުވެގެން އެއް ފަހަރު ސާފުކުރުމަށާއި ކޮންމެ މީހަކުވެސް ކެއުމާއި ބުއިމަށް ވަކި ތައްޓާއި ސަމުސާ ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.