އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި ކަމަށް ތުހުމަތުކުރެވޭ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކޮށްފިއެވެ.
ރިޒާގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި އޭނާ ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ ދައުވާއަށް އިންކާރުކޮށްފައެވެ.
އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމައިލީ، ދެން ބޭއްވޭ އަޑުއެހުމުގައި ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވުން ކަމަށް ޣާޒީ ވިދާޅުވިއެވެ.
ރިޒާގެ މައްޗަށް ދައުލަތުން ހުށަޅާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރާ މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރި ކަމަށް ބުނާ މައްސަލައިގައެވެ.
ރ. ފުއްގިރި ދޫކުރުމުގައި ހިޔާނާތް އެކުލެވޭ ކަމަށް ބުނާ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށްވެސް ދެ ދައުވާއެއް ކުރުމަށް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެއް ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށް ސާބިތު ވެއްޖެނަމަ ހަތަރު އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ހުކުމް ކުރާނެއެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާ ކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު