ކަނޑު މަހުގެ މަސްވެރިކަމަށް ޒަމާނީ މަސްދޯނި ފަހަރު ބަނދެ، މަސްވެރިންނަށް އެ އުޅަނދުތައް ދޫކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެސްއެމްއީ ބޭންކު މެދުވެރިކޮށް ދޫކުރާ އެ ދޯނިތައް ޑިޒައިން ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"މި ޑިޒައިންގަ ހިމެނޭނެ މަސް ފިނި ކުރާ ނިޒާމާއި ދެން ވެސް މި ޒަމާނަށް ބޭނުންވާ ކަހަލަ ވަސީލަތްތައް. އެ އަށްފަހު އެ ދޯނިފަހަރު ތައްޔާރުކުރާނަން މަސްވެރިންނަށް ލިބޭނެ ގޮތަށް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި މަސްވެރިން ރާއްޖޭގެ އީއީޒެޑްގައި ގިނަ ދުވަހަށް މަސްވެރިކަމަށް ނުކުމެ އުޅެވޭ ކަހަލަ ބޯޓެއް ރާއްޖެ ގެނެސް، އެކަމުގެ ޓްރަޔަލްއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ބޯޓެއް ގެންނަން ވިސްނަމުންދަނީ ޖަޕާނުން ކަމަށް ވެސް ވިދާޅުވި އެވެ.

"ޓްރަޔަލް އަކަށް އޭގެ ބޯޓެއް ގެންނަން މި ވިސްނަނީ. ދިވެހި މަސްވެރިންނެއް އެއް މަސް ދުވަހަކަށް މާލެއިން ބޭރަކަށް ނުދޭ މުސާރަ އަކަށް. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ މިހާރު ވެސް މަސްވެރިކަން މިކުރާ ގޮތަށް، މިސާލަކަށް މިފްކޯ އިން އެ ބޯޓު ގެނެސް މިފްކޯއަކީ އޮޑިވެރިޔާ. ފަޅުވެރިންނަށް ލިބޭނީ މަސްބައި ބަހާހެން ބަހާގޮތަށް،" ފައްޔާޒު ވިދާޅުވި އެވެ.