ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން، ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯދައި ދިނުމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ފަށައިފި އެެވެ.

އާމިރުގެ އިތުރުން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވި ކުއްލި މައްސަލައިގެ ތެރެއިން، ގުރުއަތުން ހޮވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން 35 މެންބަރުން އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

އެ މައްސަލައަށް ބަހުސް ކުރަން ފާސްކުރަން ވޭނުންވަނީ 18 ވޯޓެވެ.

ކަނޑިންމަ ރިސޯޓުގައި ކާޕެންޓަރަކަށް އުޅުނު، އުމުރުން 60 އަހަރުގެ އާދަމް ނަސީރު މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ނިޔާވީ، ކަނޑިންމަ ރިސޯޓުގައި ދެ ހަފްތާއެއްހާ ދުވަހު ބަލިވެ އުޅުމަށްފަހު ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އާދަމް ނަސީރު މަރުވުމުން ހެދި ޓެސްޓުން އޭނާ ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާކަމަށް ވަނީ ދައްކައިފައެވެ.

އެ މައްސލައިގައި އޭނާގެ އާއިލާއިން ތުހުމަތު ކުރަނީ ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ މާލެއަށް ނުވަތަ ސިއްހީ ރަނގަޅު ފަރުވާ ލިބޭނެ ތަނަކަށް ފޮނުވައިދިނުމަށް އެދި އާދޭސް ކުރި އިރު، ރިސޯޓުން އަޅައިނުލި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.