ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ އަހަރުގެ މާޗް މަހު ހަވާލުކުރެވޭނެ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއްގެ ދަށުން ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިސެމްބަރު 29، 2017 ގަ އެވެ. އެއީ ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެގޮތުން އެ ފްލެޓްތައް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން ހަވާލުކުރި ނަމަވެސް އެ މުއްދަތަށް ފްލެޓްތަކުގެ ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް ނުނިމޭތީ އެ މަސައްކަތްތައް ނިންމަން އަށް މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ފްލެޓްތަކަށް އެންމެ އަވަހަށް ވެސް ވަދެވޭނީ އަށް މަސް ފަހުން ކަމަށެވެ.

ވީޓީވީން ރޭ ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމްގައި އަންނަ މާޗް މަހުގެ ތެރޭގައި ހިޔާ ފްލެޓްތައް ހަވާލުކުރާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއީ ތެދު ވާހަކައެއް ކަމަށެވެ.

މިހާރު ފްލެޓްތަކަށް ފެން ގުޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަދި ސްޓެލްކޯ އިން އެތަންތަނަށް ކަރަންޓު ލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހަދާފައިވާ އެ ފްލެޓްތަކުގެ ފިނިޝިން ނިންމާފައި ނުވާތީ މި ސަރުކާރުން ކުރިން ވަނީ އެ މަސައްކަތްތައް ވެސް ނިންމައި ފްލެޓްތައް ހަވާލުކުރާށެވެ. އަދި އެ މަސައްކަތް ނިންމުމަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ވެސް ނިންމިއެވެ.

ނަމަވެސް ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރަން ނިންމައި، ފިނިޝިން މަސައްކަތްތަކަށް ނަގަން އުޅުނު ލޯނު ވެސް ވަނީ ނުނަގާ ގޮތަށް ނިންމައިފައެވެ.