މާލެއާ އެއް ފެންވަރެއްގެ ތައުލީމީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ނިންމައިފިއެވެ.
މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ތިން ބިލިއަން ރުފިޔާ ހާއްސަކޮށްފައެވެ. އެއީ ބަޖެޓުގެ 11 ޕަސެންޓެވެ. ތައުލީމީ ދާއިރާ ތަރައްގީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ސްކޫލު އިމާރާތްތައް އަޅައި، ބައެއް ރަށްރަށުގެ ސްކޫލުތައް ތަރައްގީކުރުން ހިމެނެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތައުލީމީ ކަންކަން ތަރައްގީކުރުމަށް ވަރަށް ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ލާމަރުކަޒީކޮށް، ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ކަމަށެވެ.
"މާލެއަށް ކަންކަމުގައި އަންނަން ޖެހޭ އައުން ހުއްޓާލާފައި އެމީހުން ރަށުގައި ތިބެގެން ހިދުމަތްތައް ހޯދޭނެ ފުރުސަތުތަކެއް ފަހިކޮށްދޭން. އެ މަގުން ވިސްނާއިރު، އާންމުކޮށް މީހުން އަންނަނީ ރަނގަޅު ތައުލީމެއް ހޯދަން، ރަނގަޅު ސިއްހީ ހިދުމަތެއް ހޯދަން، ނުވަތަ ޖޮބް އޮޕަޗުނިޓީސްއަށް. ތައުލީމީ ދާއިރާއަށް ބަލައިލާ އިރު، މި ބަޖެޓުގައި ހިމަނާފައި މިއޮތީ ފަސް ދާއިރާއެއްގެ ތައުލީމީ ހިދުމަތް، މިހާރު މާލެއިން ލިބެން ހުންނަ ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ވެސް ޑިވެލޮޕްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަސް ސަރަހައްދުގައި އުމްރާނީ ތަރައްގީތަކެއް ގެނައުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ހާއްސަ ޕްރޮގްރާމުތަކެއް ހިންގުމަށް ވެސް ރާވާނެ ކަމަށާއި އަމާޒަކީ ތައުލީމީ ދާއިރާއިން އެ ނުކުންނަ ކުއްޖަކީ ވަށާޖެހޭ ތައުލީމެއް ލިބިފައި ހުރި ދަރިވަރަކަށް ހެދުން ކަމަށެވެ.
"އެ މަގަށް ކަން ކުރުމަށްޓަކައި ބޭނުންވާނެ ކަންކަން ފަސް ސަރަހައްދުގައި ސިސްޓަމްތައް ޑެވެލޮޕްކުރާ އިރު، މި ޑެވެލޮޕްކުރަނީ. އެގޮތުން މިހާރު އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގައި ނެތް ކަންތައްތަކަށް ބަލައިލާ އިރު، ސްކިލްއަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އެބައޮތް. އެހެންވީމާ ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް ކަހަލަ ހުނަރެއް ފަސްކޮށްގެން ތައުލީމީ ދާއިރާއިން ނުކުންނާނެ ކުއްޖެއް. އޭރުން އެ ކުއްޖާ ދިރިއުޅުމުގެ މާހައުލަށް ނުކުންނަ އިރު، ހުންނާނީ ކޮންމެވެސް މަސައްކަތެއް ދަސްވެފައި. އޭގެ އިތުރުން ސްޕޯޓްސް ކަންތައްތައް އަޅުގަނޑުމެން އެބަ ވަރަށް ބޮޑަށް ތަރައްގީކުރަން. ދެން ސްޓެމް އެޑިއުކޭޝަނަށް އަޅުގަނޑުމެން ސްޓެމް ލެބްތަކެއް އެބަ ސެޓަޕްކުރަން މި ފަސް ސަރަހައްދުގައި. ކްރިއޭޓިވް އާޓްސް އާއި ކްރިއޭޓިވް ތިންކިން، މި ބައި އަސްލު އަޅުގަނޑުމެންގެ އެޑިއުކޭޝަން ސިސްޓަމުން ލެކް ވަމުންދާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ފަސް ސަރަހައްދު އަދި މުޅިން ނިންމާފައިވާ ނުވާ ކަމަށާއި އެ މަޝްވަރާތައް ޕޮލިސީ ލެވަލްގައި ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު