ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އާއި ޖާބިރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަށް ނިންމައިފިއެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރަށްފަހު، މިރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ރައީސުންގެ ވެސް މަސައްކަތަށް ހެއްދެވީ ސަރުކާރުގެ ނަމުގައި ޔޮޓް ޓުއާސްއަށް އެކި ގޮތްގޮތުން ގެއްލުންދީ، އެ ކުންފުނި ބަނގުރޫޓް ކުރުން ކަމަށާއި އެގޮތުން އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުން ކުރަމުން އައި ވިޔަފާރިތަކަށް ގަސްދުގައި ދީފައިވާ ގެއްލުންތައް މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި ދަންނަވާފައިވާ ކަމަށެވެ.
"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކާވެސް ހިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމާށާއި އެ ފިޔަވަޅުތަކުގެ ސަބަބުން މި ކުންފުންޏާއި މި ކުންފުންޏާ ގުޅިފައިވާ އެންމެހައި ކުންފުނިތަކަށް ލިބިފައިވާ އިޔާދަނުކުރެވޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ހުއްޓުމެއްނެތި ކުރަމުން މި އަންނަ އާދޭހުގެ އަޑު މި ސަރުކާރުން އައްސަވައި މި ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކަކީ ހަގީގަތުގައިވެސް އެ ދެ ސަރުކާރުން ޒާތީގޮތެއްގައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ކަމަށް ގަބޫލުކުރެއްވޭ ހިނދު، އަދި އެގޮތުން މި ކުންފުންޏަށް ނުދީ އެ ދެ ސަރުކާރުން ހިފަހައްޓަވާފައިވާ ހައްގުތައް އިންސާފުގެ މަގުން ލިބިދެއްވުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާނެ ކަމަށް މި ކުންފުނިން މިތިބީ ގާބޫލުކޮށްގެން،" ޖާބިރު ވިދާޅުވިއެވެ.
- ޔޮޓް ޓުއާސްގެ އެކައުންޓްތައް އެއްފަހަރަށްވުރެ ގިނަފަހަރު ފްރީޒްކުރުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- ޔޮޓް ޓުއާސްގެ 17 ކޮންޓެއިނާ މުދާ މޯލްޑިވްސް ކަސްޓަމްސް އިން ހިފެހެއްޓެވުމުގެ ސަބަބުން، އޭރު ހުޅުވުމަށް މަސައްކަތް ކުރަމުންދިޔަ ގދ. ވަޓަވައްރެހާ ރިސޯޓް ނުހުޅުވި ދިގު މުއްދަތެއް ފާއިތުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- ހއ. އަލިދުއަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރު ހިއްސާވާ އެލައިޑް އިންޝުއަރެންސް ކުންފުނިން ނުދީ ހިފެހެއްޓުމުގެ ސަބަބުން 200 އެނދުގެ އެ ރިސޯޓް ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ދުވަސް ފާއިތުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- ބީނާފުއްޓާއި ކަނޑާލިފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ޔޮޓް ޓުއާސް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓް ސަރުކާރުން ބާތިލުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- ހދ. ހޮނޑައިދޫ ކުއްޔަށްދިނުމަށް ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ހިލާފަށް އެ އެގްރީމެންޓް ބާތިލުކޮށްފައިވާތީ ލިބިފައިވާ ގެއްލުންތައް
- ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މާލެ އަތޮޅު ދޮންވެލި ރިސޯޓާއި ފުނަމައުއްޑު އަދި އދ. ކުޑަރަށުގައި ންފުނިންމިކު ކޮށްފައިވާ 100 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތައް ނުއަގުގައި ވިއްކާލަން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- ލ. ގަން އައްސޭރި ޕްރޮޖެކްޓް ޔޮޓް ޓުއާސްއަށް އެވޯޑްކޮށްދިނުމަށްފަހު، އެ ޕްރޮޖެކްޓް ކެންސަލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތައް
- މާލެ އަތޮޅު ތިލަފުށިން ޔޮޓް ޓުއާސްއަށް ކުއްޔަށްދީފައިވާ ބިމުގެ އެގްރީމެންޓް ސަރުކާރުން ބާތިލު ކުރުމުގެ ނޯޓިސް އެތައް ފަހަރެއްގެ މަތިން ދެމުން ގެންދިއުމުގެ ސަބަބުން އެބިމުގައި އިންވެސްޓްކޮށްގެން ކުރަން ކަނޑައެޅިފައިވާ ވިޔަފާރި ނުކުރެވުމުން ލިބުނު ގެއްލުންތައް
- މާލޭ މުނިސިޕަލްޓީން ޔޮޓް ޓުއާސްއަށް ކުއްޔަށްދޭ މ. ވެސްޓްޕާކް ކެފެޓީރިޔާގެ އެގްރީމެންޓުގެ 11 ވަނަ މާއްދާއާ ސަރުކާރުން ހިލާފުވެ، އެބިން ޔޮޓް ޓުއާސްއަށް ނުދީ އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ ސަބަބުން ހިންގަމުން އައި ވިޔަފާރި ހުއްޓާލަން ޖެހުމުން ލިބިފައިވާ ގެއްލުންތައް
- ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ސަބަބުން ވިޔަފާރީގެ އެއްވެސް މަސައްކަތެއް ނުކުރެވޭގޮތަށް ރާއްޖޭން ބޭރުގައި ދިގު މުއްދަތެއްގައި ހުންނަން ޖެހުމުގެ ސަބަބުން ޔޮޓް ޓުއާސް އާއި އެ ކުންފުނީގެ ދަށުން ހިންގަމުން އައި އެންމެހާ ކުންފުނިތަކަށް ލިބުނު ގެއްލުން
ސިޓީގައި ވަނީ މި ހުރިހާ ގެއްލުމެއްގެ ހިސާބު އިންޑިޕެންޑަންޓް އިންޓަނޭޝަނަލް އޯޑިޓް ފާމް އިން ހެދުމުން މި އެންމެހައި ގެއްލުންތަކުގެ ރިޕޯޓުން 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެ ކުންފުންޏާއި އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެހެނިހެން ކުންފުނިތަކަށް ވެފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ވީމާ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތައް މި ސަރުކާރުގެ މައްޗަށް ކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާތީ، އެ ދައުވާތައް ކޯޓަށް ހުށަހެޅުމުގެ ކުރިން އެ ވާހަކަ ސަރުކާރާއި ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނައުމުގެ ހެޔޮނިޔަތުގައި މި ސިޓީ އަރިސްކުރާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މި ސަރުކާރާ ދެކޮޅަށް ޖާބިރު ދައުވާ ކުރަން ނިިންމާފައިވާ އިރު، ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެލައިޑުން ހައިކޯޓުގައި އެދުމުން، އެކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރެއް ނެރެދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު