ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭގޮތުން މިނިސްޓަރު ޝާހިދުއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް 19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ކޮވިޑުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދީފައިވާތީ، އެކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ވެސް މިނިސްޓަރީން ބުނެއެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލައްވާނެއެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ޚަބަރު
ޚަބަރު
ޚަބަރު